ޚަބަރު

ކޯވިޑް-19ން ރައްކާތެރިވެވަޑައިގަތުމަށް ޕުޓިން ބޭނުންކުރައްވަނީ ޖަރާސީމު ފިލުވާ ޚާއްޞަ ނިޒާމެއް


ކޯވިޑް-19ން ރައްކާތެރިވެވަޑައިގަތުމަށް ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިން ބޭނުންކުރައްވަނީ ޖަރާސީމު ފިލުވާ ޚާއްޞަ ނިޒާމެއްކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.

ރަޝިޔާގެ ރިޔާސީ ތަރުޖަމާނު ދިމިތުރީ ޕިސްކޮފް ވިދާޅުވީ ރައީސްގެ ރަސްމީ އިދާރާގައާއި ރަސްމީ ގެކޮޅުގައި އޭނާއާ ބައްދަލުކުރައްވާ އެންމެންވެސް ރައީސް އަރިހަށް ދިއުމުގެ ކުރިން ޖަރާސީމު ފިލުވާ ޚާއްޞަ ނިޒާމެއް ހުރަސްކުރަންޖެހޭކަމަށެވެ. ޕިސްކޮފް ވިދާޅުވީ އެ ނިޒާމުތައް ހަރުކުރީ ރަޝިޔާގައި އެންމެ ހަލުވިކޮށް ކޯވިޑް-19 ފެތުރުނު ދުވަސްވަރުގައެވެ. ރަޝިޔާގައި ބަލި ފެތުރޭ މިންވަރު ދަށްވި ނަމަވެސް ރައީސްގެ ރަސްމީ އޮފީހުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވައެއްނުލައެވެ.

ޖަރާސީމު ފިލުވާ ޚާއްޞަ ނިޒާމު ބޭނުންކުރުމުގެ އިތުރުން ޕުޓިންއާ ބައްދަލުވާ ކޮންމެ މީހަކުވެސް ކޯވިޑް-19އަށް ތަހުލީލުކުރާކަމަށް ޕިސްކޮފް ވިދާޅުވިއެވެ. ރައީސްގެ ފުރިހަމަ ޞިއްޙަތު ޔަޤީންކުރުމަކީ މުހިންމުކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާގައި ކޯވިޑް-19 ފެތުރެން ފެށުމުން ރައީސް ޕުޓިންގެ ގިނަ މަސައްކަތްތައް ކުރައްވާފައިވަނީ ރަސްމީ ގެކޮޅުގައި ހުންނަވައިގެންނެވެ.

ޖަރާސީމު ފިލުވާ ޚާއްޞަ ނިޒާމު މަސައްކަތްކުރާގޮތް ދައްކުވައިދޭ ވީޑިއޯއަކުން ފެންނަގޮތުގައި މިޙުން އެ ނިޒާމު ހުރަސްކުރާ ވަގުތު ސީލިންގުންނާއި ދެ ފަރާތުގައި ހަރުކޮށްފައި ހުންނަ މާގަނޑުތަކަކުން ޖަރާސީމު ފިލުވާ ފެން ބުރުވައެވެ. އެ ފެނުން ހެދުމާއި ހަމުގައި ހުންނަ ޖަރާސީމު ފިލުވާދެއެވެ.

އެފަދަ ނިޒާމުތައް ދުނިޔޭގެ ގިނަ ޤައުމުތަކުގައި ބޭނުންކުރެއެވެ. ނަމަވެސް، ޤައުމުގެ އެންމެ އިސްވެރިޔާ ކޯވިޑް-19ން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއް ގިނަ ޤައުމުތަކަކުން ހާމަކޮށްފައެއް ނުވެއެވެ. ކޯވިޑް-19ން ރައްކާތެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަންޕް ބޭސް ބޭނުންކުރައްވާކަމަށް ވިދާޅުވެފައިވަނީ އޭނާ އަމިއްލަފުޅަށްށެވެ.

ރަޝިޔާގައި 553،000 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ ރަޝިޔާގައެވެ. ކޯވިޑް-19 ޖެހިގެން 7،478 މީހުން އެ ޤައުމުގައިވަނީ މަރުވެފައެވެ. ނަމަވެސް އެއީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ އެހެން ޤައުމުތަކަށްވުރެ ދަށް ޢަދަދަކަށްވުމުން ބައެއް ފަރާތްތަކުންވަނީ އެ ޢަދަދާމެދު ސުވާލު އުފައްދާފައެވެ.