ޚަބަރު

ފުލުހުންގެ މުވައްސަސާ އިސްލާޙު ކުރެއްވުމަށް ޓްރަންޕުގެ ރިޔާސީ އަމުރެއް


ފުލުހުންގެ މުވައްސަސާ އިސްލާޙު ކުރުއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ރިޔާސީ އަމުރެއް ނެރުއްވައިފިއެވެ.

މިދިޔަ މަހުގެ ތެރޭގައި އެމެރިކާގެ މިނިއަޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ހައްޔަރުކުރުމުގެ ތެރޭގައި ފުލުހުން އަނިޔާވެރިކޮށް ޢަމަލުކުރުމުން އޭނާ މަރުވުމުން އެމެރިކާއާއި ދުނިޔޭގެ އެކި ޤައުމުތަކުގައި ނަސްލީ ތަފާތުކުރުމާއި ފުލުހުންކުރާ އަނިޔާއާ ދެކޮޅަށް ދަނީ މުޒާހަރާ ކުރަމުންނެވެ. ފުލުހުންގެ ބާރުތައް ހަނިކޮށް އެ މުވާއްސަސާއަށް ދަޢުލަތުން ޚަރަދުކުރާ މިންވަރު މަދުކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ރައީސް ޓްރަންޕުގެ އަމުރުގައިވަނީ ހައްޔަރު ކުރުމުގެ ތެރޭގައި މީހުންގެ ކަރުގައި ހިފަހައްޓާ ނޭވާ ހާސްކުރުން މަނާ ކުރައްވާފައެވެ. އެ އަމުރުގައި ޙާލަތާ ބައްދަލު އުކުޅުތައް ބޭނުންކުރުމަށް ފުލުހުންނަށް ތަމުރީނު ދިނުމަށާއި ފުލުހުންގެ ވަޒީފާއަށް މީހުން ނެގުމުގައި ބަލައި މިންގަނޑަށް ބަދަލުގެނައުމާއި ކުށުގެ ރެކޯޑު އޮންނަ ފުލުހުންގެ މަޢުލޫމާތު ޙިއްޞާކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފުސާނީ މައްސަލަތައް ހުންނަ މީހުންނާ ކުރިމަތިލާ ފުލުހުންނަށް އިތުރު އެހީތެރިކަން ދިނުން ހިމެނެއެވެ.

ޓްރަންޕް ވިދާޅުވީ ފުލުހުންގެ މުވައްސަސާ އިސްލާޙު ކުރުމަށް އޭނާ ފެއްޓެވި މަސައްކަތަކީ ރައްކާތެރިކަމާއެކު އަބުރުވެރިކަމާއެކު އިންސާފު ޤާޢިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. ޓްރަންޕް ވިދާޅުވީ ނާކާމިޔާބުވެފައިވާ ސިޔާސަތުތައް ދޫކޮށްލަންޖެހޭކަމަށާއި ދަޢުލަތުގެ ބަޖެޓުން އިތުރު ފައިސާ ޚަރަދުކޮށްގެން އެންމެ ރަނގަޅު ފެންވަރުގައި މަސައްކަތްކުރުމަށް ފުލުހުންގެ މުވައްސަސާއަށް ހިތްވަރުދެއްވާނެކަމަށެވެ.

ކަޅު ނަސްލުގެ މީހުންގެ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ފުލުހުންކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކުން ބުނީ ޤައުމަށް ކުރިމަތިވެފައިވާ އުނދަގޫ ޙާލަތުގައި ފުލުހުންގެ މުވައްސަސާ އިސްލާޙު ކުރުމަށް އެއަށްވުރެ ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ.