ކޯވިޑް-19އަށް ފަރުވާ ދިނުމަށް ޑެކްސާމެތަސޮން ބޭނުންކުރެވޭނެކަމަށާއި އެ ބޭހަކީ ބައްޔަށް ފަރުވާ ދިނުމަށް އެންމެ ކާމިޔާބު ބޭސްކަމަށް އިނގިރޭސިވިލާތުގެ ސައިންސުވެރިން ބުނެފިއެވެ.
ފަސޭހައިން ލިބެން ހުންނަ އަދި އަގުހެޔޮ ބޭހެއްކަމަށްވާ ޑެކްސާމެތަސޮނަކީ ރާއްޖެބައްޔާއި ނޭވާހިއްލުންފަދަ ބަލިތަކަށް ފަރުވާދިނުމަށް 1960ގެ އަހަރުތަކުން ފެށިގެން ދުނިޔޭގައި ބޭނުންކުރަމުންދާ ބޭހެކެވެ. އިނގިރޭސިވިލާތުގެ ސައިންސުވެރިންވަނީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް ޑެކްސާމެތަސޮން ބޭނުން ކުރުމުން އެދެވޭ ނަތީޖާތަކެއް ފެނިފައިވާކަމަށް ބުނެފައެވެ. އެގޮތުން، ކޯވިޑް-19ގެ ސަބަބުން ނޭވާލުމަށް ދަތިވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ޑެކްސާމެތަސޮން ބޭނުންކުރުމުން އެދެވޭ ނަތީޖާތަކެއް ފެނިފައިވާކަމަށް ސައިންސުވެރިން ބުނެއެވެ.
ކޯވިޑް-19 ޖެހޭ ކޮންމެ 20 މީހުންގެ ތެރެއިން 19 މީހުންނަކީ ހަސްފަތާލުން ފަރުވާ ނުހޯދާ ބަލިން ރަނގަޅުވާ މީހުންނެވެ. ހަސްފަތާލުގައި ފަރުވާދޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލިން ރަނގަޅުވެއެވެ. ބައެއް މީހުންނަށް އޮކްސިޖަން ދީގެން ނުވަތަ ވެންޓިލޭޓަރު ބޭނުންކޮށްގެން ފަރުވާދޭން ޖެހެއެވެ. ފަރުވާ ދިނުމަށް ޑެކްސާމެތަސޮން ބޭނުން ކުރުމުން އެދެވޭ ނަތީޖާއެއް ފެނިފައިވަނީ އެފަދަ ބަލިމީހުންނަށް ފަރުވާދިނުމުންނެވެ. އެހެންކަމުން، ކޯވިޑް-19 ޖެހިގެން މަރުވާ މީހުންގެ ޢަދަދު މަދުކުރުމަށް އެ ބޭސް އެހީތެރިވެދޭނެއެވެ.
އޮކްސްފޯޑު ޔުނިވަސިޓީގެ ސައިންސުވެރިން ކުރި ދިރާސާގައި ހަސްފަތާލުގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ 2،000 މީހުންނަށްވަނީ ޑެކްސާމެތަސޮން ދީފައެވެ. އަދި ބޭސް ދީފައިނުވާ 4،000 މީހުންގެ ޞިއްޙީ ޙާލަތާ ބޭސް ބޭނުންކުރި މީހުންގެ ޞިއްހީ ޙާލަތުވަނީ އަޅާކިޔައިފައެވެ.
ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދިން ޙާލުބޮޑު ބަލިމީހުންނަށް އެ ބޭސް ދިނުމުން ބަލީގައި މަރުވުމުގެ ފުރުޞަތު 28 އިންސައްތައާއި 40 އިންސައްތައަށް ދަށްކޮށްދިނެވެ. އަދި އޮކްސިޖަން ބޭނުންކޮށްގެން ފަރުވާދިން މީހުން މަރުވުމުގެ ފުރުޞަތު 20 އިންސައްތައާއި 25 އިންސައްތައަށް ދަށްކޮށްދިނެވެ. އޮކްސްފޯޑު ޔުނިވަސިޓީން ބުނީ އިނގިރޭސިވިލާތުގައި ކޯވިޑް-19 ފެތުރެން ފެށުމުން ޙާލު ބޮޑު މީހުންނަށް ފަރުވާދިނުމަށް އެ ބޭސް ބޭނުންކުރިނަމަ 5،000 މީހުންގެ ފުރާނަ ސަލާމަތްކުރެވުނީސްކަމަށެވެ. ނަމަވެސް ނޭވާލުމުގެ މައްސަލަތައް ނުހުންނަ މީހުންނަށް ފަރުވާދިނުމަށް އެ ބޭސް ބޭނުންކުރުމުން އެދެވޭ ނަތީޖާއެއް ފެނިފައިނުވާކަމަށް ސައިންސުވެރިން ބުންޏެވެ.
ދިރާސާކުރުމުގައި އިސްކޮށް އުޅުއްވި ޕްރޮފެސަރު މާޓިން ލެންޑްރޭ ވިދާޅުވީ ކޯވިޑް-19 ޖެހިގެން ޙާލުބޮޑުވެފައިވާ ބަލި މީހުން އެންމެ 5 ޕައުންޑަށް ގަންނަން ލިބޭ ޑެކްސާމެތަސޮން 10 ދުވަހުގެ މުއްދަތަށް ބޭނުންކުރުމުން އެ މީހުންގެ ފުރާނަ ސަލާމަތްކުރެވޭނެކަމަށެވެ. އެ ބޭހަކީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ލިބެން ހުންނަ އަގުހެޔޮ ބޭހަކަށްވުމުން ފަޤީރު ޤައުމުތަކަށްވެސް އެ ބޭސް ފޯރުކޮށްދެވޭނެކަމަށް ލެންޑްރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކޯވިޑް-19އަށް ފަރުވާ ދިނުމަށް ހަސްފަތާލުތަކުގައި ވީހާވެސް އަވަހަށް އެ ބޭސް ބޭނުން ކުރަންޖެހޭކަމަށެވެ. ނަމަވެސް ފަރުވާހޯދުމަށް ޢާންމުން އަމިއްލައަށް ގަނެގެން ގޭގައި އެ ބޭސް ބޭނުންނުކުރުމަށް އޭނާ ބާރުއެޅުއްވިއެވެ.