ޚަބަރު

ކޯވިޑް-19 : ދެކުނު އޭޝިޔާގައި ހަމައެކަނި އޮޕަރޭޓްކުރި އެއަރލައިންގެ ޝަރަފު މޯލްޑިވިއަންއަށް


ކޯވިޑް އެންމެ ހަލުވިކޮށް ފެތުރެމުންދިޔައިރު ދެކުނު އޭޝިޔާ ސަރަޙައްދުގައި ހަމައެކަނި އޮޕަރޭޓްކުރަމުންދިޔައީ ޤައުމީ އެއަރލައިން މޯލްޑިވިއަންކަމަށް އެ އެއަރލައިނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ ،މުހައްމަދު ރިޒްވީ ވިދާޅުވީ މިސަރަޙައްދުގައިވެސް ހަމައެކަނި އޮޕަރޭޓްކުރަމުންދިޔަ އެއަރލައިންއަށް މޯލްޑިވިއަންވުމަކީ ލިބިގެންދިޔަ ބޮޑު ފަހުރެއްކަމަށެވެ.

ރިޒްވީ ވިދާޅުވީ ލޮކްޑައުންގެ ތެރޭގައި، އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން މޭމަހުގެ ނިޔަލަށް މޯލްޑިވިއަންއިން 700 ދަތުރުކޮށް، 4500 ފަސިންޖަރުން އުފުލާފައެވެ.

ރިޒްވީ ވިދާޅުވީ ކޯވިޑްއާ ގުޅިގެން ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓްކުރުން ހުއްޓާލުމުން ރާއްޖެއަށް ބޭނުންވާ މުދާ ގެނައުމަށް ބޮޑު އޮޕަރޭޝަނެއް ފެށިކަމަށެވެ. އަދި 2 އެއަރކްރާފްޓެއް ބޭނުންކޮށްގެން ރާއްޖެއަށް ބޭނުންވާ 700 ޓަނަށްވުރެ ގިނަ މުދާ މޯލްޑިވިއަންއިން ރާއްޖެ ގެނެސްފައިވާކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންދިޔައިރު، މުވައްޒަފުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދިންކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތުން މަސައްކަތުގެ ތެރެއިން މޯލްޑިވިއަންގެ އެއްވެސް ސްޓާފަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިނުވާކަންވެސް ރިޒްވީ ފާހަގަކުރެއްވިއެވެ.