މެލޭރިޔާއަށް ފަރުވާދިނުމަށް ބޭނުންކުރާ ހައިޑްރޮކްސިކްލޮރިކީން ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ކުއްލި ފަރުވާ ދިނުމަށް ބޭނުން ކުރުމަށް ދިން ޙުއްދަ އެމެރިކާގެ ފުޑު އެންޑު ޑްރަގު އެޑްމިނިސްޓްރޭޝަން، އެފްޑީއޭއިން ބާޠިލުކޮށްފިއެވެ.
އެފްޑީއޭއިން ބުނީ ހައިޑްރޮކްސިކްލޮރިކީން ބޭނުން ކުރުމުން ކޯވިޑް-19އާ ދެކޮޅަށް އެއްވެސް އެދެވޭ އަސަރެއް ކުރާކަމުގެ ހެއްކެއް އަލަށް ކުރި ތަހުލީލުތަކުގެ ނަތީޖާތަކުން ލިބިފައިނުވާކަމަށެވެ.
ކޯވިޑް-19 ޖެހިގެން ޙާލު ބޮޑުވާ މީހުންނަށް ކުއްލި ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރިކީން ބޭނުންކުރުމުގެ ޙުއްދަ އެފްޑީއޭއިން ދިނީ މާރިޗު މަހުއެވެ. ނަމަވެސް އަލަށް ލިބުނު ތަހުލީލީ ނަތީޖާތަކުން ދައްކާ ގޮތުގައި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް އެ ބޭސް ބޭނުންކުރުމުން އެދެވޭ ނަތީޖާއެއް ނުލިބޭކަމަށް އެފްޑީއޭއިން ބުނެއެވެ.
ކޯވިޑް-19އަށް ފަރުވާ ދިނުމަށް ހައިޑްރޮކްސިކްލޮރިކީނަކީ ރަނގަޅު ބޭހެއްކަމަށް ވިދާޅުވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ އެ ބޭސް ބޭނުން ކުރުމާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ދިފާޢުކުރައްވާފައެވެ. ޓްރަންޕް ވިދާޅުވީ ބަލި ޖެހުމުން ރައްކާތެރިވުމަށް ދެ ހަފުތާ ވަންދެން އޭނާ އެ ބޭސް ބޭނުންކުރެއްވިކަމަށާއި އެ ބޭސް ބޭނުންކޮށްގެން އެއްވެސް ގެއްލުމެއް ލިބިފައިވާކަމަށް ފާހަގަ ނުވާކަމަށެވެ. އެ ބޭސް ބޭނުންކުރުމުގެ ސަބަބުން ފުރާނަ ސަލާމަތްވެފައިވާކަމަށް ގިނަ ޢަދަދެއްގެ މީހުން ބުނެފައިވާކަމަށްވެސް ޓްރަންޕް ވިދާޅުވިއެވެ.