ދިވެހި މީޑިއާތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، ކޯވިޑް-19ގެ ސަބަބުން މީޑިއާތަކަށް އައި ހީނަރުކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވެބިނަރ އެއް ބާއްވައިފިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި މި ވެބިނާގައި ރާއްޖޭގައި ހިންގާ ބައެއް މީޑިއާތަކުގެ އިސްވެރިން ބައިވެރިވިއެވެ. މި ވެބިނާގައި ވަނީ ކޯވިޑް-19 އާ ގުޅިގެން މީޑިއާތަކަށް ދިމާވެފައިވާ ދަތިތަށް ދެނެގަތުމަށް އެ ކައުންސިލުން ހަދާފައިވާ ދިރާސާއެއް ހިއްސާކޮށްފައެވެ. މި ދިރާސާއިން ދައްކާގޮތުން ކޯވިޑް-19ގެ ސަބަބުން މީޑިއާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވަނީ ބޮޑެތި ދަތިތަކެއް ދިމާވެފައެވެ. ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބުމާއި މީޑިއާތަކަށް ލިބެމުން އައި އެހީތައް ހުއްޓިފައިވާކަންވެސް މި ދިރާސާއިން ފާހަގަވެފައި ވެއެވެ.
މި ވެބިނާގައި ބައިވެރިވި މީޑިއާތަކުގެ އިސްވެރިން ވަނީ މީޑިއާތަކަށް ދިމާވާ ދަތިތައް ހިއްސާކޮށް އެ ދަތިތަކުން އަރައިގަތުމަށް ކުރެވިދާން ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މީޑިއާތައް ހިންގުމުގައި ސްޕޮންސަރުންނަށް ބަރޯސާވުމުގެ ބަދަލުގައި އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ހޯދަން ޖެހޭކަން ބައިވެރިން ފާހަގަކުރިއެވެ.
މި ބައްދަލުވުމުގައި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ އިސްތިހާރުތަކުން ޕީއެސްއެމްއަށް ލިބެމުންއައި ޢާމްދަނީގެ %60، ކޯވިޑް-19އާ ގުޅިގެން އުނިވެފައިވާކަމަށެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގެ މީޑިއާތަކުން ސްޕޮންސަރ ނުހޯދައި ހިންގަމުންދަކަން ފާހަގަކުރައްވައި ޢަލީ ޚާލިދުވަނީ ރާއްޖޭގައިވެސް މީޑިއާތަކުން މިގޮތަށް އާމްދަނީ ހޯދޭނެ ގޮތްތައް ހޯދަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. ޕީއެސްއެމްއިން ވަނީ މިހާރު ކުދި ވިޔަފާރިތަކަށްވެސް ކުޑައަގެއްގައި އެކުންފުނީގެ ޗެނަލްތަކުގައި އިޝްތިހާރު ދެއްކޭނެ ޕެކޭޖްތަކެއް ހަދާފައިވާކަމަށް އަލީ ޚާލިދު ވިދާޅުވިއެވެ.
މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން މޯލްޑިވްސް މިޑިއާ ކައުންސިލުން ހެދި ދިރާސާގައި ބައިވެރިވި މިޑިއާތަކުންވަނީ ސަރުކާރުގެ ކުންފުނިތަކުން މިހާރަށްވުރެ ހަރުދަނާ އުޞޫލެއް ޤާއިމްކޮށް މީޑިއާތަކުގައި އިސްތިހާރު ކުރުމަށް އެދިފައެވެ. އަދި މީޑިއާތަކަށް ލޯނުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި ކޯވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ނޫސްވެރިންނަށް، ނުވަތަ ދަތިތައް ދިމާވެފައިވާ ނޫސްވެރިންނާއި މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.