ކޯވިޑް-19އާ ދެކޮޅަށް ސިންގަޕޫރުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޖޫން 19ން ފެށިގެން ލުއި ދޭން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ސިންގަޕޫރުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު ރެސްޓޯރަންޓުތަކާއި ފިހާރަތައް އަލުން ހުޅުވާ، ފަސް މީހުންނަށްވުރެ މަދުން މީހުން ބައިވެރިވާ އެއްވުންތައް ބޭއްވުމުގެ ޙުއްދަ ދޭނެކަމަށެވެ. ވިޔަފާރި މަރުކަޒުތަކާއި ޖިމުތަކާއި ޕާކުތަކާއި ގޮނޑުދޮށްތައްވެސް އަލުން ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް އިޖުތިމާޢީ ގައިދުރުކަމުގެ ފިޔަވަޅުތައް އަދިވެސް ދަމަހައްޓަންޖެހޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ. އަދި ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތު އޮތް މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް އެ ވުޒާރާއިންވަނީ އިލްޠިމާސްކޮށްފައެވެ. ސިންގަޕޫރުގައި ބަލި ފެތުރޭ މިންވަރު ދަށްވުމުން މަދަރުސާތައް އަލުން ހުޅުވާ ބައެއް ވިޔަފާރިތައް ހުޅުވުމުގެ ޙުއްދަ އެ ޤައުމުގެ ސަރުކާރުންވަނީ މި މަހުގެ ކުރީކޮޅު ދީފައެވެ.
އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމަކީ ސިންގަޕޫރެވެ. އެ ޤައުމުގައި 40،818 މީހުންނަށް ބަލި ޖެހި، 26 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ ޢަދަދު އިތުރުވީ ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ތޮށްޖެހިފައިވާ ތަންތަނުގައި ކޯވިޑް-19 ފެތުރުމުންނެވެ.
ސިންގަޕޫރުގެ ސަރުކާރުން ބުނީ ބިދޭސީ މަސައްކަތްތެރިންގެ މެދުގައި ބަލި ފެތުރޭ މިންވަރު ދަށްވެފައިވާކަމަށެވެ. ބިދޭސީން ދިރިއުޅޭ ތަންތަން ފިޔަވައި އެހެން ސަރަޙައްދުތަކުގައި ބަލި ފެތުރޭ މިންވަރުވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ޞިއްޙަތާބެހޭ ވުޒާރާއިން ބުނީ ޢާންމު ޙާލަތަކަށް މުޖުތަމަޢު ރުޖޫޢަވާން ފެށުމުން ބަލި ފެތުރޭ މިންވަރު އިތުރުވެދާނެކަމަށް ސަމާލުވެ ތިބިކަމަށެވެ. އެ ވުޒާރާއިން ބުނީ ބައްދަލުވުންތައް މަދުކޮށް ސާފު ޠާހިރުކަމާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެދެވޭ މިންވަރަކަށް އަޅާނަމަ އިތުރު ލުއިތަކެއް ދޭނެކަމަށެވެ.