ޚަބަރު

އެމެރިކާގެ މައްސަލަތަކުގެ ފައިދާ ނަގަން އަލްޤައިދާއިން މަސައްކަތްކުރަނީ


އެމެރިކާގެ މިނިއަޕޮލިސް ސްޓޭޓުގައި ކަޅު ނަސްލުގެ މީހަކު ޙައްޔަރުކުރުމުގައި ފުލުހުން އަނިޔާވެރިކޮށް ޢަމަލުކުރުމުގެ ސަބަބުން އޭނާ މަރުވުމުން ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކުގެ ފައިދާނަގަން އަލްޤައިދާ ޖަމާޢަތުން މަސައްކަތްކުރާކަމުގެ ތުޙުމަތުކޮށްފިއެވެ.

އިންޓަނެޓު މެދުވެރިކޮށް، އިނގިރޭސި ބަހުން އަލްޤަޢިދާއިން ނެރޭ މަޖައްލާއެއްކަމަށްވާ ވަން އުންމާގެ އެންމެ ފަހުގެ ޢަދަދުގައި މިނިއަޕޮލިސްގައި މަރުވި ޖޯޖު ފްލޮއިޑުގެ ފަހު ވަގުތުކޮޅު ދައްކުވައިދޭ ފޮޓޮއަކާއި މަޝްހޫރު ކުރެހުންތެރިޔާ ބެންކްސީގެ ކުރެހުމެއްވަނީ ޝާއިޢުކޮށްފައެވެ. އެމެރިކާގެ ރައްޔިތުންނަށް ޢަމާޒުކޮށްގެން އިނގިރޭސި ބަހުން ނެރެފައިވާ ޢަދަދުގައި މުޒާހަރާގެ ބައިވެރިންނާއެކު އެ ޖަމާޢަތް އޮތްކަމަށް ލިޔެފައިވެއެވެ. އެ ލިޔުމުގައި ބުނެފައިވަނީ އެމެރިކާގައި ހިނގަމުންދާ ހަމަނުޖެހުންތައް ދާޚިލީ ހަނގުރާމައަކަށް ބަދަލުވުން އެކަށީގެންވާކަމަށާއި އެމެރިކާގެ އިޤްތިޞާދަށް ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއްކޮށް، އިޖުތިމާޢީ ފޭރާން ހަލާކުވާނެކަމަށެވެ. އެމެރިކާގެ ސަރުކާރާ އިދިކޮޅު ފަރާތްތަކަށް އެފެދިފައިވާ މައްސަލަތައް ޙައްލުނުކުރެވޭނެކަމަށާއި އެމެރިކާގެ ރައްޔިތުންނަށް އެހީތެރިވެވޭނީ އަލްޤައިދާ ޖަމާޢަތަށްކަމަށް އެ ލިޔުމުގައި ބުނެފައިވެއެވެ.

ބީބީސީ މޮނިޓަރިންގެ މިނާ އަލްލާމީ ވިދާޅުވާ ގޮތުގައި ވަން އުންމާ މަޖައްލާގައި އެމެރިކާއަށް އަމާޒުކޮށް އެ ލިޔުން ޝާއިޢުކުރީ އެމެރިކާގެ ކަންކަން ރަނގަޅަށް ދަންނަ މީހެއްކަމަށް ބެލެވޭކަމަށެވެ. އޭނާ ވިދާޅުވީ ނިރުބަވެރި ދެ ޖަމާޢަތްކަމަށްވާ އައިއެސްއާއި އަލްޤައިދާގައި ތަފާތުތަކެއް ހުންނަކަމަށާއި އެމެރިކާއަށް ލިބޭ ދެރައާމެދު އައިއެސުން ފާޅުގައި އުފާކުރާކަމަށެވެ. ނަމަވެސް އަލްޤައިދާގެ ހަޤީޤީ މަޤުސަދުތައް ފޮރުވުމުގައި ވަރަށް ކުޅަދާނަކަމަށާއި އެ ޖަމާޢަތުން މަސައްކަތްކުރަނީ އެ މީހުން ޤަބޫލުކުރާ އިސްލާމީ އުޞޫލުތަކާ އެއްގޮތަށް އެމެރިކާގެ ރައްޔިތުންގެ ހިތްތައް ލަނބުވަންކަމަށް އޭނާ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި އައިއެސް ޖަމާޢަތުން ހޯދި ބޮޑެތި ކާމިޔާބީތަކުގެ ސަބަބުން އަލްޤައިދާއަށްވަނީ ވަރަށް ބޮޑަށް ހިޔަނި އެޅިފައެވެ. ނަމަވެސް އަލްޤައިދާގެ ނުރައްކާ ފޮހެވިގެން ނުދާކަމަށް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނެއެވެ. އަދި އެ ޖަމާޢަތުން ރަނގަޅު ދަނޑިވަޅަކަށް ބަލަބަލާތިބިކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ފާއިތުވި 20 އަހަރު އަލްޤައިދާއާ ގުޅޭގޮތުން ދިރާސާކޮށްފައިވާ ކިންގްސް ކޮލެޖުގެ އިންޓަނޭޝަލަން ސެންޓަރ ފޮރ ދަ ސްޓަޑީ އޮފް ރެޑިކަލައިޒޭޝަންގެ ޑިރެކްޓަރު ޑރ. ޝިރާޒް މާހިރު ވިދާޅުވީ ބައިނަލްއަޤުވާމީ ކަންކަމަށް އެ ޖަމާޢަތުގެ ނުފޫޒު އޮންނަކަމަށް ދައްކަން މަސައްކަތްކުރާކަމަށެވެ. ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ދުނިޔޭގައި ކުރަމުންދާ މުޒާހަރާތަކަކީ ހަމައެކަނި ސިޔާސީ އަދި އިޖުތިމާޢީ މައްސަލައެއް ނޫންކަމަށާއި އެ މައްސަލަ އެއަށްވުރެ ދުރަށް ދަތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދަނޑިވަޅުގެ ބޭނުންކޮށްގެން އަލްޤައިދާއަކީ އަދިވެސް ވުޖޫދުގައި އޮތް ޖަމާޢަތެއްކަން ދެއްކުމަށް މަސައްކަތްކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އެމެރިކާއާ ކުރިމަތިލާން ޖެހުނު އެންމެ ނުރައްތާކެރި ނިރުބަވެރި ޙަމަލާ 2001ވަނަ އަހަރު ދީފައިވަނީ އަލްޤައިދާއިންނެވެ. ސެޕްޓެންބަރު 11ގެ ޙަމަލާގައި 3،000އަށްވުރެ ގިނަ މީހުން މަރުވިއެވެ. އިތުރު ޙަމަލާތަކެއް އެ ޤައުމަށް ދޭނެކަމުގެ އިންޒާރުވެސް އެ ޖަމާޢަތުންވަނީ ދީފައެވެ. އެހެންކަމުން އެމެރިކާގެ ރައްޔިތުންނާއެކު ތިބިކަމަށް ބުނެ ނަސްލީ ތަފާތުކުރުމާއި ފުލުހުންކުރާ އަނިޔާއާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ބައިވެރިވާނެކަމަށް އެ ޖަމާޢަތަކުން ބުނުމަކީ ހައިރާންވާކަމެކެވެ.

ޑރ. ޝިރާޒު މާހިރު ވިދާޅުވާ ގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތުން ފައިދާތަކެއް ހޯދުމަށް އަލްޤައިދާއިން މަސައްކަތްކުރަމުންދާކަމަށާއި ހުޅަނގުގެ ޖާސޫސީ އިދާރާތަކަށާއި ދިފާޢީ ބާރުތަކަށް އުނދަގޫވާނީ އެ ނުރައްކާ ކުޑަކުރަންކަމަށެވެ.