ޚަބަރު

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުން އުފެދުނު މައްސަލަތަކަށް އަވަސް ޙައްލެއް ބޭނުންވޭ


ވިލާތުގެ އިއްތިޙާދުން ވަކިވެފައިވާ އިނގިރޭސިވިލާތާއި އެ އިއްތިޙާދުގެ އިސްވެރިންގެ މެދުގައި ވީޑިއޯ މެދުވެރިކޮށް ބާއްވާ ބައްދަލުވުމެއްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ބައިވެރިވެވަޑައިގަންނަވާނެއެވެ. އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުކުރުން ލަސްކުރުމުގެ ބަހަނާއަކަށް ކޯވިޑް-19 ބޭނުން ނުކުރުމަށް ބޮޑުވަޒީރު ޖޮންސަން އެ ބައްދަލުވުމުގައި އެދިވަޑައިގަންނަވާނެކަމަށް ބެލެވެއެވެ.

ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވުމުން މުސްތަޤުބަލުގައި އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދާ ދެމެދު ބާއްވާނެ ގުޅުންތައް ބައްޓަންކުރުމާ ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އުންމީދުކުރެއެވެ. ނަމަވެސް އެ ބައްދަލުވުމަކީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމުގެ އެއްބަސްވުމުގެ ދަށުން ކުރިން ތާވަލްކޮށްފައިވާ ބައްދަލުވުމެއްކަމަށާއި އެ ބައްދަލުވުމަކީ މަޝްވަރާ ބައްދަލުވުމެއް ނޫންކަމަށް ވިލާތުގެ އިއްތިޙާދުންވަނީ ބުނެފައެވެ. އެހެންކަމުން، ބޮޑެތި ނިންމުންތަކެއް އެ ބައްދަލުވުމުގައި ނިންމާނެކަމަކަށް ވިލާތުގެ އިއްތިޙާދުން ޤަބޫލެއް ނުކުރެއެވެ.

ވިލާތުގެ އިއްތިޙާދުން މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތުންވަނީ ރަސްމީކޮށް ވަކިވެފައެވެ. އައު ޤަވާއިދުތައް ހެދެންދެން މި އަހަރުގެ ނިޔަލަށް އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިޙާދުން ޢަމަލުކުރަމުންދާނީ އިނގިރޭސިވިލާތަކީ ވިލާތުގެ އިއްތިޙާދުގެ ޤައުމެއްގެ ގޮތުގައި ދެކިގެންނެވެ.

އައު ޤަވާއިދުތައް އެކުލަވާލުމަށް ދެ ފަރާތުގެ މެދުގައި ކުރާ މަޝްވަރާތަކަށް ބޮޑު ކުރިއެރުމެއް އައިސްފައެއްނުވެއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މި މަހު ކުރީކޮޅު ބޭއްވި ބައްދަލުވުންތަކުގައިވެސް އަލި މަގެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އިންތިޤާލީ މަރުހަލާ މިއަހަރުގެ ނިޔަލަށްވުރެ އިތުރުކުރަން ބޭނުންނުވާކަމަށް އިނގިރޭސިވިލާތުންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެ ބައްދަލުވުމުގައި ދެ ފަރާތުންވެސްވަނީ އެއްބަސްވެފައެވެ.

ހަރުދަނާ ނިންމުންތަކެއް ނިންމުމުގެ ކުރިން އިންތިޤާލީ މަރުހަލާ ނިމުމަމަކަށް އައިސްފިނަމަ ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތުގެ އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރު އިތުރުވެ އެ ޤައުމުގެ އިޤްތިޞާދު އިތުރަށް ހީނަރުވާނެކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވެއެވެ. ވިލާތުގެ އިއްތިޙާދަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އެއްބަސްވުމަކާ ހަމައަށް ނުދެވި ލަސްވާނަމަ ފަހު ވަގުތު އަވަސް އަރުވާލައިގެން އިނގިރޭސިވިލާތުން ނިންމުންތަކެއް ނިންމާނެކަމަށް ބެލެވެއެވެ. ވިލާތުގެ އިއްތިޙާދުން އިނގިރޭސިވިލާތް ވަކިވީ އެގޮތަށެވެ.