ޚަބަރު

ޢާންމު އިންތިޚާބަށް ތައްޔާރުވުމަށް ސްރީ ލަންކާގައި މޮކު އިންތިޚާބެއް ބާއްވައިފި


އޮގަސްޓު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ސްރީ ލަންކާގައި މޮކު އިންތިޚާބެއް ބާއްވައިފިއެވެ.

ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ވޯޓުލުން އެންމެ ފުރަތަމަ ބާއްވަން ތާވަލުކުރީ އޭޕްރިލް 25ވަނަ ދުވަހުއެވެ. ނަމަވެސް ކޯވިޑް-19 ފެތުރެން ފެށުމުން އިންތިޚާބުގެ ވޯޓުލުންވަނީ ފަސްކޮށްފައެވެ. ސްރީ ލަންކާގެ އިންތިޚާބުތަކާބެހޭ އިދާރާއިންދަނީ އޮގަސްޓު 5ވަނަ ދުވަހު ޢާންމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ސްރީ ލަންކާގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުގެ ޗެއަރމަން މަހިންދަ ދެޝަޕްރިޔާ ވިދާޅުވީ މޮކު އިންތިޚާބެއް ބޭއްވުމުގެ މަޤްސަދަކީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢާންމުން އަހުލުވެރިކުރުމާއި ވޯޓު ލުމަށް އިތުރު ވަގުތު ބޭނުންވޭތޯ ބެލުންކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބަށް ފަރިތަކުރަން ސްރީ ލަންކާގެ 4 ސަރަޙައްދެއްގައި ބޭއްވި ޙަރަކާތުގައި ބައިވެރިވި ހުރިހާ މީހުންވެސް މާސްކު ބޭނުންކޮށްފައިވާކަމަށާއި އޮފިޝަލުންނާއި ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތްކުރާ މީހުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ. އޭނާ ވިދާޅުވީ ވޯޓުލާންދާ މީހުންގެ ދެމެދުގައި އެއް މީޓަރުގެ ދުރުމިން ބަހައްޓާތޯ ޔަޤީންކުރާނެކަމަށާއި ޕްލާސްޓިކް ސްކްރީނާއި މޫނު ރައްކާތެރިކުރާ އާލާތްތައް ބޭނުންކުރާނެކަމަށެވެ. ވޯޓުލާންދާ މީހުން ބޭނުންކުރަންޖެހޭނީ އަމިއްލަ ގަލަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ މާރިޗު މަހު ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަވަނީ އެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް އުވާލައްވާފައެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން 52 ދުވަހުގެ މުއްދަތަކަށް އެ ޤައުމުވަނީ ފުރަބަންދުކޮށް، ސަރަޙައްދީ ރޮނގު ބަންދުކޮށް އެކި ސަރަޙައްދުތަކުގައިވަނީ ކާފިއު އިޢުލާނުކޮށްފައެވެ.

ސްރީ ލަންކާގައި 1،889 މީހުންނަށް ކޯވިޑް-19 ޖެހި، 11 މީހުންވަނީ މަރުވެފައެވެ.