އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ސޫރިޔާގެ ގޯލާންގެ އުސްބިންތަކުގައި ޔަހޫދީން އާބާދުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސޫރިޔާގެ ގޯލާންގެ އުސްބިންތައް އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވަނީ 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމައިގައެވެ. އެ ސަރަޙައްދު އަނބުރާ ޢަރަބިންނަށް ދިނުމަށް އދއާއި ބައިނަލްއަޤުވާމީ މުޖުތަމަޢުންވަނީ އިސްރާއީލަށް ގޮވާލައިފައެވެ. ނަމަވެސް، އެ ސަރަޙައްދަކީ އިސްރާއީލުގެ ބައެއްކަމަށް 2019ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި އެމެރިކާއިންވަނީ ރަސްމީކޮށް ބަލައިގެންފައެވެ. އިސްރާއީލުންވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ޝަރަފުގައި ޓްރަމްޕް ހައިޓްސް ނުވަތަ ރަމާތު ޓްރަންޕުގެ ނަން އެ ސަރަޙައްދަށް ދީފައެވެ. ނަމަށް ގެނައި ބަދަލާއެކު އެ ތަނުގައި ގިނަ ޢަދަދެއްގެ ޔަހޫދީ ޢާއިލާތައް އާބާދުވުމަށް ޝައުޤުވެރިވާނެކަމަށް އިސްރާއީލުން އުންމީދުކުރެއެވެ.
ޖޫން މަހުގެ 14ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރަމާތު ޓްރަންޕް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ހަމަޖެހިފައިވާކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ އިޢުލާނުކުރައްވާފައެވެ. 300 ޔަހޫދީ ޢާއިލާ ރަމާތު ޓްރަންޕުގައި އާބާދުކުރަން ތައްޔާރުވަމުންދާކަމަށް އިސްރާއީލުގެ އާބަދުކުރުމާބެހޭ ވަޒީރު ޒިޕީ ހޮޓޮވެލީވަނީ ވިދާޅުވެފައެވެ. އެ މަސައްކަތަށް 2.3 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރުމަށް އިސްރާއީލުންވަނީ ނިންމައިފައެވެ.