ޚަބަރު

ހައިޕަސޮނިކް ހަތިޔާރާ ކުރިމަތިލުމުގެ ޤާބިލުކަން ރަޝިޔާއިން ހޯދަނީ


ހައިޕަސޮނިކް ހަތިޔާރު ބޭނުންކޮށްގެން އެހެން ޤައުމުތަކުން ދޭ ޙަމަލާތަކަށް ރައްދު ދިނުމުގެ ޤާބިލުކަން ވަރަށް އަވަހަށް ރަޝިޔާއަށް ލިބޭނެކަމަށް އެ ޤައުމުގެ ރައީސް ވްލަޑްމީރު ޕުޓިން ވިދާޅުވެއްޖެއެވެ.

ހައިޕަސޮނިކު ގްލައިޑް ވެހިކަލަކީ އަޑަށްވުރެ ބާރަށް ދަތުރުކުރުގެ ޤާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. އެ މިސައިލަށް އަވަސްއަވަހަށް މަގު ބަދަލުކޮށްލުމުގެ ޤާބިލުކަން ލިބިފައިވުމުން މިސައިލުން ރައްކާތެރިވުމުގެ ނިޒާމުތައް ފޫއަޅުވާލުމުގެ ބާރު އެއަށް ލިބިފައިވާކަމަށް ރަޝިޔާއިން ބުނެއެވެ. އަދި ބެލިސްޓިކް މިސައިލަށްވުރެ ތިރިން ހައިޕަސޮނިކް ގްލައިޑު ވެހިކަލަށް ދަތުރުކުރެވެއެވެ.

ފިނި ހަނގުރާމައިގެ ދުވަސްވަރު ރަޝިޔާއާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ހަތިޔާރު އުފެއްދުން މަދުކުރުމުގެ އެއްބަސްވުން ރޫޅުމުން ދެ ޤައުމުންވެސްދަނީ ދިފާޢީ ގާބިލުކަން އިތުރުކުރަން މަސައްކަތްކުރަމުންނެވެ. އެމެރިކާއަށްވުރެ ކުރިން ހައިޕަސޮނިކު ނިއުލްކިއަރ މިސައިލު ހަތިޔާރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ރަޝިޔާއިން ތަޢާރަފުކޮށްފައިވަނީ 2019ވަނަ އަހަރުއެވެ.

ރަޝިޔާގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ޕުޓިން ވިދާޅުވީ ދުނިޔޭގެ ބާރުގަދަ ޤައުމުތަކުން ހައިޕަސޮނިކު ހަތިޔާރު އުފެއްދުމުގެ ކުރިން އެ ހަތިޔާރުތަކާ ދެކޮޅަށް ޙަމަލާ ދެވޭނެ ޤާބިލުކަން ރަޝިޔާއަށް ލިބޭނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. ޒަމާނީ އައު ހަތިޔާރު އުފެއްދުމުގައި އެމެރިކާއަށްވުރެ ކުރީގައި އުޅެނީ ރަޝިޔާކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.