އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގަތުމުގެ ފުރުޞަތު ބޮޑުކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒާރިފު ވިދާޅުވެއްޖެއެވެ.
ވީޑިއޯ މެދިވެރިކޮށް ނޫސްވެރިންނާ ވާހަކަދައްކަވަމުން އިރާނުގެ ޚާރިޖީ ވަޒީރު ޒާރިފު ވިދާޅުވީ އިންސާނުންނަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ކަމެއް ހިނގުމުގެ ކުރިން ވަކިގޮތަކަށް އެކަން ހިނގާނެކަމަށް ޤަބޫލުކުރުންކަމަށާއި ޚާއްޞަކޮށް އުނދަގޫ ޙާލަތްތަކާމެދު އެގޮތަށް އަންދާޒާ ކުރުމަކީ ގޯހެއްކަމަށެވެ. ނަމަވެސް އެމެރިކާގެ ރިޔާސީ އިންތިޚާބާމެދު ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ޓްރަންޕް ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގަތުމުގެ ފުރުޞަތު 50 އިންސައްތައަށްވުރެ ބޮޑުކަމަށް ޤަބޫލުކުރައްވާކަމަށެވެ.
ޒާރިފް ވިދާޅުވީ މީގެ މަސްތަކެއް ކުރިން ޓްރަންޕަށް އޮތް ތާޢީދު ފާއިތުވި ދުވަސްތަކުގައި ހިނގާފައިވާ ބޮޑެތި ޙާދިޘާތަކުގެ ސަބަބުން ކުޑަވިނަމަވެސް އޭނާއަށް ތާޢީދުކުރާ މީހުން އަދިވެސް ދެމިތިބީ ޓްރަންޕާއެކުކަމަށެވެ. އަދި އެއީ ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިގަތުމަށް ޓްރަންޕަށް ފުރުޞަތު ބޮޑުވާކަމެއްކަމަށެވެ.
އީރާނާއި އެމެރިކާ ބައިވެރިވެފައިވާ ނިއުކްލިއަރ އެއްބަސްވުމުން އެމެރިކާއިން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންވަނީ އިތުރަށް ގޯސްވެފައެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ޓްރަންޕްވަނީ އޭނާ ދެވަނަ ދަޢުރަކަށް އިންތިޚާބުވެވަޑައިނުގަންނަވާނެކަމަށް އީރާނުން ޤަބޫލުކުރާނަމަ އެއީ އޮޅުމެއްކަމަށް ވިދާޅުވެ، އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އީރާނަށް ބާރުއަޅުއްވާފައެވެ.