ދެކުނު ކޮރެޔާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އުތުރު ކޮރެޔާއިން ދީފިއެވެ.
އުތުރު ކޮރެޔާ ދޫކޮށް ދެކުނު ކޮރެޔާއަށް ހިޖުރަކޮށްފައިވާ މީހުން އުތުރު ކޮރެޔާއަށް ޤަވައިދާ ޚިލާފަށް ސިޔާސީ ލީފުލެޓާއި މަޖައްލާފަދަ ތަކެތި ފޮނުވާކަމަށް ބުނެ އުތުރު ކޮރެޔާއިންވަނީ ދެ ކޮރެޔާގެ ދެމެދު އޮންނަ މުވާސަލާތީ ގުޅުން ކަނޑާލާފައެވެ. އެ މައްސަލަ ޙައްލުކުރުމަށް ޤަވާއިދާ ޚިލާފަށް ތަކެތި ފޮނުވާ މީހުންނާމެދު ދެކުނު ކޮރެޔާއިންވަނީ ޤާނޫނީ ފިޔަވަޅު އަޅަން ފަށައިފައެވެ.
އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮން އުންގެ ޚާއްޞަ މުޝީރެއްގެ ގޮތުގައި ނުރަސްމީކޮށް މަސައްކަތްކުރައްވާ އޭނާގެ އަންހެން ކޮއްކޮ ކިމް ޔޯ ޖޮންގްވަނީ ދެކުނު ކޮރެޔާއަކީ އުތުރު ކޮރެޔާގެ ދުޝްމަނެއްކަމަށް ވިދާޅުވެ، ޒަޢީމާއި ޕާޓީއާއި ދަޢުލަތުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން ދެކުނު ކޮރެޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާގުޅޭ ވުޒާރާއަށް އަންގާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ފިޔަވަޅުތަކެއްކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.
އެކަމާ ގުޅޭގޮތުން ދެކުނު ކޮރެޔާއިން ބުނީ ދެ ކޮރެޔާ ދެމެދުވެފައިވާ އެއްބަސްވުންތަކަށް އުތުރު ކޮރެޔާއިން އިޚްތިރާމް ކުރަންޖެހޭނެކަމަށާއި ދިމާވެފައިވާ ޙާލަތަށް މުހިންމުކަމެއް ދީގެން ދެކުނު ކޮރެޔާއިން އެކަން ކައިރިން ބަލަމުންދާކަމަށެވެ. އެ މައްސަލައާ ގުޅޭގޮތުން އެ ޤައުމުގެ ޤައުމީ ސަލާމަތާބެހޭ ކައުންސިލުންވަނީ ޚާއްޞަ މަޝްވަރާތަކެއް ކޮށްފައެވެ.
ދެކުނު ކޮރެޔާއަށް ބިރުދައްކައިގެން އުތުރު ކޮރެޔާއިން ޚާއްޞަ މަޤުސަދުތަކެއް ޙާޞިލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ކަމާބެހޭ މާހިރުން ޤަބޫލުކުރެއެވެ. ދެ ކޮރެޔާގެ ދެމެދުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން އުތުރު ކޮރެޔާގެ ނިއުކްލިއަރ މަޝްރޫޢު ހުއްޓާލުމަށް ކުރަމުންދިޔަ މަސައްކަތަށް ބުރޫއަރާނެކަމަށް ބެލެވެއެވެ.