ޚަބަރު

އިޓަލީވިލާތުގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ބޮޑުވަޒީރާ ސުވާލުކޮށްފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އިޓަލީވިލާތުގައި އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން އެ ޤައުމުގެ ބޮޑުވަޒީރު ޖުސެއްޕެ ކޮންތެއާ ސުވާލުކޮށްފިއެވެ.

އިޓަލީވިލާތުގައި 236،305 މީހުންނަށް ކޯވިޑް-19 ޖެހި، 34،223 މީހުންވަނީ މަރުވެފައެވެ. އިޓަލީވިލާތުގައި އެންމެ ހަލުވިކޮށް ބަލި ފެތުރުނީ މުއްސަނދި ސަރަޙައްދެއްކަމަށްވާ ލަންބާޑީގައެވެ. އެ ޤައުމުގައި ކޯވިޑް-19 ޖެހިގެން ދެ ބައިކުޅަ އެއްބައި މީހުން މަރުވީ އެ ސަރަޙައްދުންނެވެ. އަދި ބަލި ޖެހިފައިވާ މީހުންވެސް ގިނައިން ފެންނަނީ އެ ސަރަޙައްދުންނެވެ. އެ ސަރަޙައްދުގައި ބަލި ފެތުރުން އިތުރުވުމުގައި ސަރުކާރުގެ އިހުމާލެއް އޮތްކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ.

ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކުރި ލަންބާޑީގައި އޮންނަ ބަރުގަމޯގެ ޤާނޫނީ ވަކީލުންދަނީ ކޯވިޑް-19 ފެތުރެން ފެށުމުން ކުދި އަވަށްތައް ދުރާލާ ފުރަބަންދުނުކުރި ސަބަބު ބަލަމުންނެވެ. އެގޮތުން އެކަން ތަހުޤީޤުކުރުމަށް ބޮޑުވަޒީރު ކޮންތެއާވަނީ 3 ގަޑިއިރު ސުވާލުކޮށްފައެވެ. އޭނާއަށް ސުވާލުކޮށްފައިވަނީ ހެކިވެރިއެއްގެ ހައިސިއްޔަތުންނެވެ. އޭނާއާ ދެކޮޅަށް ޖިނާޢީ ތަހުޤީޤެއް އަދި ނުހިންގައެވެ. ކޮންތެއާ ދެކޮޅަށް ދަޢުވާއެއް އުފުލައިފިނަމަ މިހާރުވެސް ބަލިކަށިވެފައިވާ އިޓަލީވިލާތުގެ ގުޅިފައިވާ ސަރުކާރަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެވެ.

މީގެ ކުރިން އިޓަލީވިލާތުގެ ބޮޑުވަޒީރު ކޮންތެވަނީ ހުރިހާ މަޢުލޫމާތެއް ޙިއްޞާކުރައްވާނެކަމަށާއި އޭނައާ ދެކޮޅަށް ތަހުޤީޤެއް ކުރިނަމަވެސް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ވިދާޅުވެފައެވެ. ސުވާލުކުރުން ނިމުމުން ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޮންތެ ވިދާޅުވީ ހުރިހާ ސުވާލަކަށްވެސް ވަރަށް ތަފުޞީލުކޮށް ޖަވާބުދެއްވާފައިވާނެކަމަށެވެ.

އިޓަލީވިލާތުން އެޅި ފިޔަވަޅުތަކާ ގުޅޭގޮތުން ދާޚިލީ ވަޒީރު ލުޗާނާ ލަމޮރުޖޭސެއާއި ޞިއްޙަތާބެހޭ ވަޒީރު ރޮބަރްތޯ ސްޕެރަންޒާއާވެސްވަނީ ސުވާލުކޮށްފައެވެ.