ޚަބަރު

ބިސް އެޅުމަށް 64000 ވެލާ ރަށަކަށް ޖަމާވާ ހިތްޤާއިމު މަންޒަރު


ވެލާއާއި ކަހަނބަކީ ދުނިޔެއިން ނެތި ހިނގައިދާނެކަމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުމެކެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި ވެލާ ކަހަނބު މާގިނައިން މެރުމާއި، ބިސް އަޅާ ސަރަޙައްދުތަކަށް ގެއްލުންދިނުމާއި ބިސްކޮޅު ނެގުންފަދަ ކަންކަން ހިމެނެއެވެ. މީގެއިތުރުން ކަނޑަށް އަޅާ ކުނީގެ ސަބަބުންވެސް ވެލާ މަރުވާލެއް މަދެއް ނޫނެވެ. މިފަދަ ގިނަ ސަބަބުތަކާ ހުރެ ދުނިޔޭގެ ގިނަ ހިސާބުތަކެއްގައި ވެލާ ކަހަނބަކީ ވަނީ ހިމާޔަތްކުރެވިފައެވެ.

އާއްމު ގޮތެއްގައި ވެލައެއް ފެނުނަސް ފެންނާނީ އެކަތި ނުވަތަ ދޭއްޗެވެ. ދިހަ ވަރަކަށް ވެލާ އެއްފަހަރާ އެއް ސަރަޙައްދަކުން ފެނުމަކީ ނާދިރުކަމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު އޮސްޓްރޭލިއާގެ ސައިންސްވެރިންތަކެއް ވަނީ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާރ ރީފް ކައިރީގައި އޮތް ރަށަކަށް ބިސް އެޅުމަށް ޖަމާވި 64 ހާހަށްވުރެ ގިނަ ވެލާތަކެއްގެ މަންޒަރު ޑްރޯން ބޭނުންކޮށްގެން ނަގާފައެވެ. އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ ޑިޕާޓްމަންޓް އޮފް އެންވައިރަމަންޓް އެންޑް ސައިންސްގެ ސައިންސްވެރިން ކުރިއަށްގެންދިޔަ ދިރާސާއަށް ބޭނުންކުރަން ނެގި ވީޑިއޯ އާއްމުކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު ސައިންސް ޖަރނަލްއެއްގައެވެ. އަދި ވީޑިއޯގެ ތަފްސީލްތައްވެސް ޖަރނަލްގައި ދީފައިވެއެވެ.

64 ހާހަށްވުރެ ގިނަ ވެލާ ރަށަކަށް ބިސް އެޅުމަށް ޖަމާވާ މަންަޒަރު

ސައިންސްވެރިން ބުނާގޮތުން ވީޑިއޯއިން ފެންނަނީ އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާރ ރީފް ކައިރީގައި އޮންނަ ރެއިނޭ އައިލެންޑް ނަމަކަށް ކިޔާ ރަށަކަށް ބިސް އެޅުމަށް ޖަމާވާ 64 ހާހަށްވުރެ ގިނަ ވެލާ ނުވަތަ ގްރީން ސީ ޓަރޓްލްތަކެކެވެ. ވެލާތައް ބިސް އެޅުމަށް ޖަމާވި ރެއިނޭ އައިލެންޑަކީ ދުނިޔޭގައި އެންމެ ގިނައިން ވެލާ ބިސް އެޅުމަށް ޖަމާވާ މަދު ސަރަޙައްދުތަކުގެ ތެރެއިން ދުނިޔޭގައި ސަލާމަތުން އޮތް އެންމެ ބޮޑު ސަރަޙައްދެވެ. ސައިންސްވެރިންނަށް ވެލާތައް ފެނިފައިވަނީ އެސަރަޙައްދު ހިމާޔަތްކޮށް، ރައްކާތެރިކޮށް ބޭއްވުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއްގެ މަސައްކަތުގެ ތެރެއިންނެވެ. ވެލާތައް ޖަމާވި ރެއިނޭ އައިލެންޑަކީ މިހާރުވެސް އޮސްޓްރޭލިއާގައި ހިމާޔަތްކޮށްފައިވާ ރަށެކެވެ.

ސައިންސްވެރިން ބުނި ގޮތުގައި ގްރީން ސީ ޓަރޓްލްއަކީ ދުނިޔެއިން ހުސްވެދާނެކަމުގެ ބިރު ހީވެފައިވާ ބާވަތެއްގެ ވެލައަކަށްވާއިރު، އެ ބާވަތުގެ 64 ހާހަށްވުރެ ގިނަ ވެލާ އެއް ސަރަޙައްދަކުން އެއް ފަހަރާ ފެނުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމަށެވެ. އަދި އެއީ ވަރަށް އުފާވެރި، ހިތްޤާއިމު މަންޒަރުތަކެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރިއެވެ. ނަމަވެސް އެހާ ބައިވަރު ވެލާތަކެއް އެއްފަހަރާ ފެނުމުގެ މާނައަކީ ވެލާ ކަހަނބަށް އޮތް ނުރައްކާ ކުޑަވުން ނުވަތަ އޭގެ ބާވަތްތައް ގިނަވުން ނޫންކަމަށްވެސް އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގެ ޑިޕާޓްމަންޓް އޮފް އެންވައިރަމަންޓް އެންޑް ސައިންސްގެ ޑރ.އެންޑުރޫ ޑަންސްޓެއިން ވިދާޅުވިއެވެ.

ސައިންސްވެރިން ބުނިގޮތުގައި 64 ހާހަށްވުރެ ގިނަ ވެލާ ޖަމާވިކަން ކަށަވަރުކުރީ ޑްރޯން ބޭނުންކޮށްގެން ނެގި ވީޑިއޯތަކުންނެވެ. މީގެކުރިން ކުދިކުދި ބޯޓުތަކުގައި ނިކުމެ ވެލާ ގުނުމުގެ މަސައްކަތްކުރިޔަސް، ޑްރޯން ބޭނުންކުރުމުން ސީދާ އަދަދު ހޯދުމަށް ވަރަށް ފަސޭޙަވިކަމަށެވެ.

ގްރީން ސީ ޓަރޓްލްއަކީ ވެލާއާއި ކަހަނބުގެ ބާވަތްތަކުގެ ތެރެއިން ޓްރޮޕިކަލް އަދި ނަން ޓްރޮޕިކަލް ސަރަޙައްދުތަކުގައި އުޅޭ ވެލާގެ ބާވަތެކެވެ. އޮސްޓްރޭލިއާގެ ގްރޭޓް ބެރިއާ ރީފް ސަރަޙައްދުން ގްރީން ސީ ޓަރޓްލް ފެންނަ މިންވަރު އިތުރުވެފައިވާއިރު މި ބާވަތުގެ ވެލައަކީ ބިސް އަޅާނެ ސަރަޙައްދުތައް ހޯދުމަށް ވަރަށް ދިގު ދަތުރުތައްކުރާ އެއްޗެއްވެސްމެއެވެ.

ގްރީން ސީ ޓަރޓްލްއަކީ ހިމާޔަތްކޮށްފައިވާ އެއްޗަކަށްވާއިރު، ދުނިޔޭގައި އުޅޭ މިބާވަތުގެ ކިހާ އަދަދެއްގެ ވެލާއެއްކަމެއް ބުނަން ސައިންސްވެރިންނަށް ދައްޗެވެ. ނަމަވެސް ރަށްރަށަށް ބިސް އަޅަން އަރާ އަންހެން ގްރީން ސީ ޓަރޓްލްގެ އަދަދު އުޅެނީ 85000 އާއި 90000 ދެމެދުގައިކަމަށް ސައިންސްވެރިން ލަފާކުރެއެވެ.