ވިޔަފާރި

ރާއްޖެ އިޝްތިހާރުކުރުމުގައި މިލިއަނުން ފޮލޮވަރުން ތިބޭ ސެލްޓަވީގޯގެ ކުޅުންތެރިން


ކޯވިޑްއާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު ޖުލައިމަހު ރާއްޖެއަށް އަލުން ފަތުރުވެރިން ގެނައުމަށް ޓުއަރިޒަމް މިނިސްޓްރީއާއި ކަމާބެހޭ ފަރާތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަލުން ފަތުރުވެރިން ގެންނައުމަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތަކީ އެންމެ މުހިއްމު މަސައްކަތެވެ. އޮންލައިން ވެބިނަރތަކާއި ފެއަރތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވަމުންދާއިރު، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަމަކީ މިމަސައްކަތުގައި ބޭރުގެ މަޝްހޫރު ފަރާތްތަކުންވެސް ހަރަކާތްތެރިވުމެވެ. މިގޮތުން ޓުއަރިޒަމް މިނިސްޓްރީއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ސެލްޓަވީގޯއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ފާހަގަކޮށްލެވޭ ފަރާތެކެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެފަހުން ސޯޝަލް މީޑިއާއަށް ދޫކޮށްލި އިޝްތިހާރަކީވެސް ސެލްޓަވީގޯގެ މަޝްހޫރު ކުޅުންތެރިތަކެއްގެ ވީޑިއޯ މެސެޖުތަކެކެެވެ. ސެލްޓަވީގޯއަށް ކުޅޭ ބްރެޒިލްގެ ރަފީނިއާއާއި ސްޕެއިންގެ ޑެނިސް ސުއާރޭޒްއާއި ރަޝިޔާގެ ސްމޮލޯވް އަދި ސްޕެއިންގެ އަސްޕާސްގެ މެސެޖުތަކުގައި ބުނަމުންދިޔައީ، ފަތުރުވެރިކަން އަނެއްކާވެސް ރާއްޖޭގައި ފެށިގެންދާނެކަމަށް ނުވަތަ "ދަ ސަން ވިލް ރައިޒް އަގެއިން އިން ދަ މޯލްޑިވްސް" މިހެނެވެ.

2.2 މިލިއަން ފޮލޮވަރުން ތިބި ރަފީނިއާގެ ފަދަ ސެލްޓަވީގެ ކުޅުންތެރިންގެ މެސެޖު ކުރުވިނަމަވެސް، އެމެސެޖް ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ފެންނާނެއެވެ. މިވަގުތު ރާއްޖެ އިޝްތިހާރުކުރުމަކީ އެންމެ މުހިއްމު މަސައްކަތަށްވާއިރު، ސެލްޓަވީގޯފަދަ 85 މިލިއަން ސަޕޯޓަރުން ތިބި ކްލަބަކުން ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެއެވެ. 85 މިލިއަން މީހުންގެ ފޭން ބޭސްއެއް އޮންނަ ސެލްޓަވީގެ ބައެއް ކުޅުންތެރިންގެ ސޯޝަލް މީޑިއާ އެކައުންޓައް ފޮލޯކުރާ މީހުންގެ ޖުމްލަ އަދަދު އުޅެނީ އެތައް މިލިއަނެއްގައެވެ.

ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ސެލްޓަވީގޯއިން ފަށާފައިވަނީ ޓުއަރިޒަމް މިނިސްޓްރީއާއެކު މިދިޔަ އަހަރު ޤާއިމްކުރި އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމުގެ ދަށުން ސޯޝަލް މީޑިއާގެ އިތުރުން ކްލަބްގެ ދަނޑުތަކާއި ބާސެލޯނާއާއި މެޑްރިޑްގައިފަދަ ބޮޑެތި ސިޓީތަކުގައި ދަތުރުކުރާ އެކްލަބްގެ ބަސްތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ. ކޯވިޑްއަށްފަހު ސްޕެނިޝް ލަލީގާގެ ކުޅުން އަލުން ފަށަން ތައްޔާރުވާއިރު، ސެލްޓަވީގޯ ކުޅޭ މެޗުތައް އޮންނަ ދުވަސްތަކުގައި އެތައް ހާސް ބަޔަކު ވަންނަ ދަނޑުތަކުގައިވެސް ރާއްޖެ އިޝްތިހާރުކުރާނެއެވެ. މިއީ ހަމަޤާއިމުވެސް ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު އަލުން ފަށާއިރު ވަރަށްވެސް މުހިއްމު މަސައްކަތެކެވެ.