ޚަބަރު

ކަޅު މީހުންނަށްވުރެ ދޮން މީހުން މޮޅެއް ނޫން


ދުނިޔޭގެ ހުރިހާ މީޑިއާއެއްގައި ކޯވިޑްގެ ޚަބަރުތައް އަވަދިނެތި ފަތުރަމުންދާ ދަނޑިވަޅެއްގައި އެމެރިކާގެ ކަޅު ނަސްލުގެ މީހަކު ކަމުގައިވާ ޖޯޖް ފޮލޯއިޑް މަރާލުމުގެ ޙާދިސާ މިވަނީ މީޑިއާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާފައެވެ. ސަބަބަކީ ފުރާނައަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަމަށްވުމާއި އެއްއިންސާނަކު އަނެއް އިންސާނެއްގެ ފުރާނަ ހިފުމަކީ ކުރެވިގެންވާނެކަމަކަށް ނުވާކަމެވެ. އަދި ނަސްލީ ތަފާތު ކުރުމަކީ މިއަދު ދުނިޔޭގައި އެކަމަށް އެއްވެސް ޙައިޞިއްޔަތަކުން ޖާގައޮތް ކަމަކަށް ނުވާކަމެވެ.

ދުނިޔެ ދުށް އެންމެ ނޫފޫޒުގަދަ އަދި އެންމެ ގިނަ މީހުންގެ ލޯބި ޙާޞިލުކުރައްވާފައިވާ އިންސާނާ އަޅުގަނޑުމެންގެ މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ވަނީ މީގެ 1400 އަހަރު ކުރިން ނަސްލީ ތަފާތު ކުރުން ހުއްޓާލުމަށް ވަނީ އަންގަވާފައެވެ. އެހެންނަމަވެސް ނަސްލީ ތަފާތުކުރުން މިއަދާ ހަމައަށްވެސް މިވަނީ ފޯރާފައެވެ. ނަސްލީ ތަފާތު ކުރުން ހުއްޓާލުމަށް ވާކާލާތުކޮށް މިސާލު ދެއްކެވި އެފްރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ލީޑަރު ނެލްސަން މަންޑޭލާ އާއި ހިސާބުންވެސް ނަސްލީ ތަފާތު ކުރުން ހުއްޓުމަކަށްނައެވެ.

އެމެރިކާގެ ވެރިކަމުގެ ނިޒާމު ބައްޓަންވެފައި ވާގޮތުން، އެމެރިކާގެ ކުރީގެ ރައީސުން ޢާންމު ގޮތެއްގައި އެޤައުމުގެ ދާޚިލީ ކަންކަމަށް ފާޑުވިދާޅުވެއެއް ނޫޅުއްވައެވެ. އެހެންނަމަވެސް ޖޯޖް ފްލޯއިޑްގެ މަރާ ގުޅިގެން އެމެރިކާގެ ރައީސްކަން ކުރެއްވި އަދި މިހާރު ދުނިޔޭގައި ތިއްބެވި ހުރިހާ ރައީސުން މިވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. އެންމެ ފުރަތަމަ އެއްޗެއް ވިދާޅުވެފައި ވަނީ އެމެރިކާގެ ކަޅު ނަސްލަށް ނިސްބަތްވާ ރައީސް ބަރަކް އޮބާމާއެވެ. މިކަމާގުޅޭގޮތުން ކުރު މަޒްމޫނެއް އެމަނިކުފާނު ވަނީ ނެރުއްވާފައެވެ. މިމަޒްމޫނުގައި އެމަނިކުފާނުގެ ހިތްހަމަނުޖެހުން އެމެރިކާގެ އެތައް މިލިއަން މީހުންނާއި އެކުގައިވާ ކަމަށާއި މިކަމުގައި ރަނގަޅު ތަޙުޤީގެއް ކުރުމަށް އެދިވަޑައިގެންފައި ވެއެވެ. މި މަރާގުޅިގެން ޢާންމުން ކުރަމުންދާ ހަޅުތާލުތަކުގެ ތެރެއިން މިކަމަށް ހަރުދަނާ ބަދަލުތަކެއް ގެނައުމަށް ކުރަންވީ ކަންތައްތައް ވެސް އެލިޔުމުގައި އެމަނިކުފާނު ވަނީ ޙިއްޞާކުރައްވާފައެވެ.

މީގެ އިތުރުން 1970 ގެ ފަހުކޮޅު އެމެރިކާގެ ރައީސްކަން ކުރެއްވި ޖިމީ ކާޓަރ ވެސް ބަޔާނެއް ނެރުއްވިއެވެ. އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ 1971ވަނަ އަހަރު އެމަނިކުފާނު ޖޯޖިއާގެ ގަވަރނަރަކަށް ހުންނެވިއިރު ނަސްލީ ތަފާތުކުރުން ހުއްޓާލުމުގެ ވަގުތު އޭރު އަތުވެއްޖެކަމަށް ވިދާޅުވި ކަމުގައެވެ. ވަރަށް ހިތާމަ އާއި ހިތްޕުޅުހަމަޖެހިވަޑައިނުގަތުމާއިއެކު ރައީސް ކާޓަރ ފާހަގަކުރެއްވީ 50އަހަރު ފަހުން، އަނެއްކާވެސް މިބަސްތައް އަލުން ތަކުރާރު ކުރައްވަން ޖެހިވަޑަގެންނެވި ކަމުގައެވެ.

އެމެރިކާގެ ނަސްލީ ތަފާތުކުރުމުގެ ޤާނޫނު އެކުލަވާލެވުނީ 1865ގައެވެ. އަދި ނަސްލީ ތަފާތު ކުރުމެއްނެތި ވޯޓްލުމުގެ ޙައްޤު ހުރިހާ ފިރިހެނުންނަށް ލިބިދެވުނީ 1870ގައެވެ. ނަމަވެސް ނަސްލީ ތަފާތުކުރުން ހުއްޓުމަކަށް ނައިސް އައީ ތަކުރާރު ވަމުންނެވެ. މިކަމުގެ ހެއްކަކީ ދާދި ފަހަކާއި ޖެހެންދެންވެސް ދޮން މީހުންނާއި ކަޅު މީހުންނަށް ވަކިން އުޅެވޭގޮތަށް އެ ޤައުމުގައި ކަންތައްތައް ބައްޓަންކުރެވިފައި ހުންނަކަމެވެ. މިސާލަކަށް، ސްކޫލްތަކާއި ރެސްޓޯރަންޓް ފަދަ ތަންތަން ހުންނަނީ ވަކިކުރެވިފައެވެ. މިކަންކަން ހުއްޓުމަކަށް އައީ މިދިޔަ ޤަރުނު (19ވަނަ ޤަރުނު) ގެ މެދުތެރޭ ހިސާބުގައި، އެމެރިކާގެ ދާޚިލީ ވަރަށް ބޮޑެތި މަދަނީ ހަޅުތާލުތަކެއްގެ ތެރެއިންނެވެ.

މިދުވަސްވަރު އެންމެ ބޮޑަށް ދެކެވެނީ މި ވާހަކަ

މިބަދަލުތަކާއެކުވެސް، ވޭތުވެ ދިޔަ ގާތްގަޑަކަށް ހަތްދިހަ، އަށްޑިހަ ވަރަކަށް އަހަރުގެ ތެރޭގައި ނަސްލީ ތަފާތުކުރުމުގެ ޘަޤާފަތް އެމެރިކާއިން ފިލައި ނުދާކަން މިއަދު މިދަނީ ހާމަވަމުންނެވެ. ޖޯޖް ފްލޯއިޑް މަރާލުމުގެ ރަޙުމު ކުޑަ ހާދިސާއަށް ނިސްބަތްކޮށް މިދުވަސްވަރު މީސްމީޑިއާގެ ވަރަށް ގިނަ ޕޯސްޓްތަކާއި ޙިއްޞާކުރެވޭ ވީޑިއޯކޮޅުތަކުން ފެންނަމުންދެއެވެ. ޚާއްޞަކޮށް، އިސްލާމްދީނުގައި ނަސްލީ ތަފާތު ނުކުރުމަށް އިތުރު ރަސޫލާ صلى الله عليه وسلم ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ނަޞޭހަތްތެރިވެ ވަޑައިގެންނެވި ބަސްފުޅެއް މިކަމުގެތެރޭގައި ގިނަ ބަޔަކު އެބަ ޙިއްޞާކުރެއެވެ.

އެބަސްފުޅުގައި ޙަދީޘް ކުރައްވާފައިވަނީ "އިންސާނުން އައިސްފައިވަނީ އާދަމްގެފާނާއި ޙައްވާގެފާނުގެ ކިބައިންކަމަށެވެ. ޢަރަތްބަކު އަރަބިނޫން މީހަކަށްވުރެ މޮޅެއްނުވާނެކަމަށެވެ. އަދި ޢަރަބިނޫން މީހަކު ޢަރަތްބަކަށްވުރެވެސް މޮޅެއްނުވާނެކަމަށެވެ. ދޮންމީހަކު ކަޅުމީހަކަށްވުރެ މޮޅެއްނުވާނެކަމަށެވެ. އަދި ކަޅުމީހަކު ދޮންމީހަކަށްވުރެ މޮޅެއްވެސް ނުވާނެކަމަށެވެ. މީހެއްގެ މޮޅުކަން ބިނާވެފައި އޮންނާނީ އެމީހެއްގެ ތަޤްވާވެރިކަމާއި ހެޔޮޢަމަލުގެ މައްޗަށް ކަމުގައެވެ".

ނަސްލީ ތަފާތު ކުރުމާ ގުޅޭ އިތުރު ރަސޫލާ صلى الله عليه وسلم ހަދީޘްފުޅެއްގައި ވެއެވެ. މިއީ ޞައްހަ ޙަދީޘެއްގެ ކަމަށް އިމާމުބައިޙައްޤީ ވިދާޅުވެ، އަބޫ އުމައިމާގެ ފަރާތުން ވާރިދު ވެފައިވާ ޙަދީޘްއެކެވެ. އިސްލާމްދީނަށް ފަސްވަނައަށް ވަދެވަޑައިގެންނެވި ސަހާބީ ކަމަށްވާ އަބޫޛައްރު ބިލާލުގެފާނަށް އެއްދުވަހަކު ވިދާޅުވިކަމަށް ވެއެވެ. 'އޭ ކަޅު އަންހެނާގެ ދަރިއާ' އެވެ. މިހެން ވިދާޅުވުމުން ބިލާލުގެފާނު މިވާހަކަ ރަސޫލާ صلى الله عليه وسلم އާއި ޙިއްޞާކުރެއްވެވިއެވެ.

އަބޫޛައްރު އަށް މި ކުރެއްވުނު ކަންތަކާއި މެދު ރަސޫލާ صلى الله عليه وسلم ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް ހަދީޘް ކުރެއްވިއެވެ. މިވާހަކަ ބިލާލުގެފާނު ޙިއްޞާކުރެއްވިކަން އަބޫދައްރުއަށް އެނގިވަޑައިނުގެން ހުންނަވައި ރަސޫލާ صلى الله عليه وسلم އާއި ބައްދަލުވެ ވަޑައިގަތުމުން ރަސޫލާ صلى الله عليه وسلم އަބޫޛައްރުއަށް ފުރަގަސްދެއްވިކަމަށްވެއެވެ. އަބޫޛައްރު އެއްސެވިއެވެ. މާތް ރަސޫލާ صلى الله عليه وسلم އަޅުގަނޑާއި ފުރަގަސްދެއްވީ ކީއްވެތޯއެވެ؟

އެއްވެސް މީހަކު ރަސޫލާ صلى الله عليه وسلم އަރިހުގައި އެއްޗެއް ދެންނެވީތޯއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ބިލާލްގެފާނުގެ މަންމައާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވިންތޯއެވެ؟ އެއަށްފަހު ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. " ފޮތް އަޅުގަނޑުމެންނަށް ދެއްވި ފަރާތް ގަންދީ ވިދާޅުވަމެވެ. މީހަކު މަތިވެރިވަނީ އެމީހެއްގެ ހެޔޮޢަމަލުގެ ތެރެއިންނެވެ. އެހެން އެއްވެސްކަމަކުން ނޫނެވެ. ހެޔޮ ޢަމަލުގިނަވުމުންނެވެ".

މިއީ އިސްލާމްދީނުގައި ނަސްލު ތަފާތުނުކުރުމަށް އަދި ނަސްލުގެ ހަމަހަމަކަމަށް ބާރުއަޅުއްވާފައިވާ ވަރު ދޭހަކޮށްދޭ ހަދީޘްފުޅުތަކެވެ. މީގެ އިތުރުން ޞަހީހުބުޚާރީގައި މި މައުޟޫއަށް މުނާސަބު އެހެން ޙަދީޘެއް އޮވެއެވެ. ބާބު ތިރީސްހަތެއް، ޙަދީޘް 413، އަނަސް ރަޟިޔަﷲ ޢަންހުގެ ފަރާޕުޅުން ވާރިދުވެފައިވާ ޙަދީޘްފުޅެކެވެ. ތިމާގެ ވެރިމީހާއަކީ އިތިއޯޕިޔާގެ ނަސްލުގެ މީހަކުކަމުގައިވިޔަސް އަދި އޭނާގެ ބޯހުރީ ހިކި މޭބިސްކަދުރެއްގޮތަށް ކަމުގައި ވިޔަސް އޭނާ ބުނާ އެއްޗެއް އަޑުއަހަންޖެހޭނެކަމަށާއި، އޭނާއަށް ތަބާވާންޖެހޭނެކަމަށެވެ. މި ޙަދީޘް ފުޅުންވެސް އަޅުގަނޑުމެންނަށް އެނގެނީ ވެރިއަކަށް ހުރި މީހަކީ ކޮންމެ ނަސްލަކުން އައިސް ހުރި މީހެއް ކަމުގައި ވިޔަސް އަޅުގަނޑުމެން އޭނާގެ ބަސް އަހަން ޖެހޭނެކަމެވެ.

ހަމުގެ ކުލައާއި ވާހަކަ ދައްކާ ބަހަށް އޮތީ މާ މަތީ ދަރަޖައެއް ދެވިފައި

މިކަމުން ސާބިތުވަނީ، އިސްލާމްދީނަކީ ވަކި ނަސްލަކަށް ބުރަވާ ދީނެ އްނޫންކަމެވެ. ނަސްލީ ތަފާތުކުރުން ކުޑަކުރުމަށް އިސްލާމްދީންގައި މިހާބޮޑަށް ބާރުއަޅާފައި އޮތްނަމަވެސް، އިސްލާމްދީން އެންމެ ފުރަތަމަ ފެތުރިގެން އައި ޤައުމުތަކުގައި އަޅުންގެ ވިޔަފާރިކުރުން ހުއްޓުނީ އެހެން ޤައުމުތަކުގައިވެސް އެކަން ހުއްޓުމާ ހަމައިންނެވެ. އެންމެ ފުރަތަމަ އަޅުންގެ ވިޔަފާރި ހުއްޓާލިކަމަށް ތާރީޚުން ދައްކަނީ ފްރާންސްގައެވެ. އެއީ 1794ގައި އެޤައުމުގެ ޤާނޫނަށް ގެނެވުނު ބަދަލާއެކުއެވެ. މިކަން ތަންފީޒްކުރެވިގެން އައީ 1802ގައެވެ. އިނގިރޭސިން އަޅުންގެ ވިޔަފާރި ހުއްޓާލިކަމަށްވަނީ 1807ގައެވެ. މުޅި ބްރިޓިޝް އެމްޕަޔަރގައި މިކަން ހުއްޓިގެން އައީ 1834ގައެވެ. 18 ވަނަ ޤަރުނުގެ ތެރޭގައި ޢަރަބިކަރައިގައި އެންމެ ނުފޫޒުގަދަ ޤައުމު ކަމަށްވާ ތުރުކީ ވިލާތުގައި ދޮން އަޅުންގެ ވިޔަފާރި ކުރުން ހުއްޓުނީ 1830ގައެވެ. އަދި 1861- 1831 ހިސާބުގައި އިންސާނުންގެ ވިޔަފާރިކުރުން މުޅިއެކީހެން ހުއްޓާލެވުނެވެ. މިކަމާއި ގުޅިގެން ހިތްހަމަނުޖެހުންތަކެއް ޢަރަބިކަރައިގައި އުފެދުނުވެ. އެ ޒަމާނުގައި ކަޅު މީހުން ބޭނުންކުރެވެނީ އަޅުންގެ ގޮތުގައި ހަށިފާރަވެރިންނަށާއި ހަނގުރާމަވެރިންގެ ގޮތުގައެވެ. އަންހެން އަޅުން ބޭނުންކުރެވެނީ ޖާރިޔާއިންގެ ގޮތުގައެވެ. މިކަމާ ބައެއް ދީނީ ދަންނަ ބޭކަލުންވެސް ނުރުހުން ފާޅުކުރެއްވިއެވެ. އަދި ސުވާލު އުފެއްދެވިއެވެ. އަޅުން ނެތީސް އަޅުން މިނިވަންކުރާނެ ގޮތަކާމެދު ސުވާލު ކުރިމަތިކުރެއްވިއެވެ. އަޅުވެތިކަމަށް ނިމުމެއް ގެނެވުނުކަމުގައި ވިޔަސް މިހާރުވެސް އަޅުވެތިކަން މެދުއިރުމަތީގައި އޮތްކަން އަޅުގަނޑުމެންނަށް އެނގެއެވެ. ސަބަބަކީ މަސައްކަތާއި ވަޒީފާގެ ބޭނުމުގައި މެދުއިރުމައްޗަށް ހިޖުރަކުރާ އޭޝިޔާ ބައްރަށް ނިސްބަތްވާ ގިނަ މަސައްކަތްތެރީން އުޅެނީ ވަރަށް ޙާލުގައި ކަމަށްވާތީއެވެ.

މި މައުޟޫ އަށް ނިސްބަތްވާ އެތައް ހިތާމަވެރި ހާދިސާ ތަކެއްގެ ވާހަކަތައް ނޫސްތަކުންނާއި މީޑިއާގެ ޒަރީއާއިން މިހާރުވެސް އިވެއެވެ. ފެނެއެވެ. އޭޝިއާ ބައްރުގެ ފަގީރުންނާއި ދޭތެރޭ މެދުއިރުމަތީގެ ޤައުމުތަކުން ކަންކުރަމުން އަންނަ ގޮތުން ބައެއް މީހުން ދުނިޔެ ދޫކުރަން ޖެހޭ ވާހަކަތައްވެސް މީޑިއާއިން ހާމަވެފައި އެބަހުއްޓެވެ. މެދުއިރުމައްޗަށް އޭޝިއާގެ ނިކަމެތި ފަގީރުން ދަނީ ދިރި އުޅުން ބާއްޖަވެރި ކުރަން، މަސައްކަތެއް ހޯދައި ވަޒީފާއެއްގެ ބޭނުމުގައެވެ. އެޤައުމުތަކަށް ވަދެވޭނީ ވަކީލެއް ނުވަތަ މެދުވެރިއެއްގެ އެހީތެރިކަމުގައެވެ. މި އުޞޫލުގެ ތެރެއިންވެސް އެމީހުންގެ ޕާސްޕޯޓާއި އެ ޤައުމަށް އެތެރެވުމުގެ ހުއްދަތަކާއި، އެހެނިހެން ލިޔެ ކިޔުންތައް ހިފަހައްޓައި، ދަތިކުރަމުން އަންނަ ކަމަށްވެއެވެ. ވަރަށް ގިނަބަޔަކު މަސައްކަތްކުރަންޖެހެނީ ވަރަށް ޙާލުގައެވެ. އެ ޤައުމުން ބޭރުނުވެވި ޢާއިލާއަށް ޒިޔާރަތްކުރުމަށް އެނބުރި ރަށަށް ދިއުމުގެ ފުރުޞަތުނުދީ އެތައް އަހަރެއްވަންދެން ތާށިވެގެން އުޅެންޖެހޭ ޙާލަތްތައްވެސް އަންނަކަމަށްވެއެވެ.

މިއިން އެނގެނީ އަޅުގަނޑުމެންގެ އުއްމަތުގައި އޮންނަންޖެހޭ އަޚުވަންތަކަމަށްވުރެ ޘަގާފީގޮތުން ހަރުލާފައި ހުރި ނަސްލީ ތަފާތުކުރުން މާ ވަރުގަދަ ކަމެވެ. މީހުންގެ ހަމުގެ ކުލައާއި ވާހަކަ ދައްކާ ބަހަށް އޮތީ މާ މަތީ ދަރަޖައެއް ދެވިފައިކަމެވެ. ޢަރަބި ކަރައިގައި އޮންނަ ލޭގެ ގުޅުމާއި އާއިލީ ގާތްކަމުގެ ނުފޫޒު އަދިވެސް އޮތީ އިހުގައިވެސް އޮތްގޮތަށް ކަމެވެ.

ރާއްޖެ އަށް ބަލާލާއިރު އަޅުގަނޑުމެންގެ ތެރޭގައި ނަސްލީ ތަފާތުކުރުމެއް އޮތްކަމަށް ބެލެވޭތޯއެވެ؟ ޤާނޫނު އަސާސީގެ 17ވަނަ މާއްދާގެ (ހ) ގައި "ތަފާތުނުކުރުން" މި ސުރުޚީގައި ނަސްލުގެ ތަފާތުކުރުމެއް ނެތި މި ބާބުގައި ބަޔާން ކޮށްފައިވާ ޙައްޤުތަކާއި މިނިވަން ކަމާއެކު ކޮންމެ ދިވެހިރައްޔިތަކަށް ދިރިއުޅެވެން ޖެހޭނެ ކަމަށް ބުނެފައި އެބައޮވެއެވެ. ނަމަވެސް މީސްމީޑިއާ އާއި ނޫސްތަކުގައި ފެންމަތިވާ މައްސަލަތަކުގައި ތަފާތުކުރުމުގެ ބަހުސް އެބަކުރެވެއެވެ. އެއީ މާލޭ މީހުންނާއި ރާއްޖެތެރޭގެ މީހުންގެ ވާހަކައެވެ. ގެދޮރުވެރިންނާއި ކުލިދައްކައިގެން ދިރިއުޅޭ މީހުންގެ ވާހަކަ އެވެ. އަދި މިނޫންވެސް އެކި ތަފާތު ކުރުންތަކުގެ ވާހަކައެވެ.

މިއީ އަދި މުޅިން އެހެން ބަހުސެކެވެ. ނަމަވެސް ކަށަވަރުވަނީ، މި މުޖްތަމަޢުގައިވެސް އަޅުގަނޑުމެންނަށް އެހިވާ އަދި އެމީހުންގެ އެހީތެރިކަންބޭނުންވާ ދިވެހި ނަސްލަށް ނިސްބަތްނުވާ ގިނަ ބަޔަކު މިހާރު ރައްޖޭގައި ދިރިއުޅޭކަމެވެ. އެހެން ބަހަކުން ވާހަކަދައްކާ، އަޅުގަނޑުމެންގެ ލެޔާއި ގުޅުންނެތް ބަޔަކު އުޅެމުން އަންނަކަމެވެ. އެމީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. މިއަދަކު އަޅުންނެއް ނުތިބޭނެއެވެ. މިއަދުތިބޭނީ މުސާރަވެރިންނާއި އުޖޫރަވެރިންނާއި މަސައްކަތު މީހުންނެވެ. އެމީހުންނަށް ވެސް މިނިވަންކަން ވާކަމާއި ޙައްޤުތަކެއް ހުރިކަން އަޅުގަނޑުމެން ޤަބޫލްކުރަން އެބަޖެހެއެވެ. ކުރިއެރުމާއި ހަމަޖެހުން އޮތީ މީގެ ތެރެއިންނެވެ.

ރިފަރެންސް
• 2008، ދިވެހިރާއްޖޭގެ ޖުމްހުރިއްޔާގެ ޤާނޫނޫ އަސާސީ
• ޑރ. ހުސޭން. އޭ ، ޑރ.އޮޘްމާން.އާރު، ޑރ.އަލް ސުވޭއިދާން. ޓީ 2019، ޕްރޮފެޓް މުހައްމަދު (ސއވ)، ދަ ހޯލްމާރކް އޮފް ލީޑަރޝިޕް. ދައުވާ ކޯނަރ ބުކްސްޓޯރ، މެލޭޝިއާ
• ސަރުދާރު.ޒ، 2014، މެކާ- ދަ ސެކެރެޑް ސިޓީ، ބުލޫމްސްބަރީ ޕަބްލިޝިން، ޕީއެލްސީ.
• ޑރ. ޚާން. އެމް، 1996، ސަމަރައިޒްޑް ސަހީހް އަލް ބުޚާރީ، ދާރުލްސަލާމް ޕަބްލިޝާޒް އެންޑް ޑިސްޓްބިއުޓަރސް، ކިންގްޑަމް އޮފް ސައުދީ އަރަބިއާ.

އެޑިޓަރުގެ ނޯޓް

އަލީ ޚާލިދަކީ ޓެލެވިޒަން މޯލްޑިވްސްގެ ސީއީއޯގެ މަގާމު ފުރުއްވާ ސަރުކާރުގެ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް އަދާކުރެއްވި ބޭފުޅެކެވެ. ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަލީ މިވަގުތު ފުރުއްވަމުން ގެންދަވަނީ ޕަބްލިކް ސާރވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރގެ މަޤާމެވެ.