ޚަބަރު

އިޤްތިޞާދީ ޙަރަކާތްތައް މެލޭޝިޔާގައި އަލުން ފަށަނީ


ކޯވިޑް-19 ފެތުރުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން މެދުކަނޑާލައިފައި އޮތުމަށްފަހު އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށަން މެލޭޝިޔާއިން ތައްޔާރުވެއްޖެއެވެ.

މެލޭޝިޔާގެ އިޤްތިޞާދީ ޙަރަކާތްތައް މެދުކަނޑާލާފައި އޮންނަތާ ތިން މަހަށްވުރެ ގިނަދުވަސްވެ، އެ ޤައުމުގެ އިޤްތިސާދަށްދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ނަމަވެސް ޖޫން 10ން ފެށިގެން އަލުން އިޤްތިޞާދު ހުޅުވާލައި ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ދޭނެކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި މެލޭޝިޔާއިން ކާމިޔާބު ހޯދާފައިވާކަމަށާއި ކުރީގެ ޙާލަތަށް ޤައުމު ރުޖޫޢަވުމަށް ކުރާ މަސައްކަތްތަކުގެ އައު މަރުޙަލާ އޮގަސްޓު މަހުގެ 31ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެކަމަށެވެ. ބޮޑުވަޒީރު ޔާސީން ވިދާޅުވީ ވައިރަސް ފެތުރޭ މިންވަރު ދަށްކުރުމުގެ ނަމުގައި ޢާންމުންގެ ދިރިއުޅުން ގިނަ ދުވަސްތަކެއްވަންދެން ވަކިގޮތަކަށް ބައްޓަންކުރަން ސަރުކާރަށް މަޖުބޫރު ނުކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ އޯގަސްޓު 31ން ފެށިގެން ޢާންމު ޙާލަތަކަށް ރުޖޫޢަވުމުގެ ދެވަނަ މަރުހަލާ ފެށޭނެކަމަށާއި ބައްޔާ ދެކޮޅަށް ވެކްސިނެއް އުފެއްދެންދެން އެ މަރުހަލާ ދެމިގެންދާނެކަމަށެވެ.

ޖޫން 10ގައި ފެށޭ އައު މަރުހަލާގައި މެލޭޝިޔާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގައި އިސްކަންދޭނީ އިޖްތިމާޢީ ޙަރަކާތްތަކާއި ތަޢުލީމާއި ދީނީ ޙަރަކާތްތައް އަލުން ފެށުމާއި ވިޔަފާރިތައް އަލުން ހުޅުވުމުގެ ޙުއްދަ ދިނުމަށްކަމަށް މެލޭޝިޔާގެ ސަރުކާރުންވަނީ އިޢުލާނުކޮށްފައެވެ. ތީމް ޕާކުތަކާއި މީހުން ގިނައިން އެއްވާ ތަންތަން އައު މަރުހަލާގައި ނުހުޅުވާނެކަމަށް މެލޭޝިޔާގެ ސަރުކާރުންވަނީ ބުނެފައެވެ. ބޮޑުވަޒީރު ޔާސީން ވިދާޅުވީ ބައިނަލްއަޤްވާމީ ދަތުރުތަކަށް ޤައުމުގެ ސަރަޙައްދީ ރޮނގު ހުޅުވައިނުލާނެކަމަށާއި ޗުއްޓީގައި ޤައުމުގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރުމަށް ސަރުކާރުން ހިތްވަރުދޭކަމަށެވެ.

މެލޭޝިޔާގައި 8،322 މީހުންނަށް ކޯވިޑް-19 ޖެހި، 117 މީހުންވަނީ މަރުވެފައެވެ. މެލޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ޢާންމުންގެ ތެރޭގައި ބަލިފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ.