ލުބުނާނަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމާމެދު ހިތްތަމަނުޖެހުން ފާޅުކުރުމަށް އެ ޤައުމުގެ އެތައް ހާސް ބަޔަކު މުޒާހަރާކޮށްފިއެވެ.
ފާއިތުވި މަސްތަކުގައި ލުބުނާނުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް އަޑިއަޅާލައިފައެވެ. އެގޮތުން ތަކެތީގެ އަގު އުފުލި ފައިސާގެ އަގުދަށްވުމުގެ އިތުރުން ކޯވިޑް-19ގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުންގެ ވަޒީފާވަނީ ގެއްލިފައެވެ.
ލުބުނާނުގައި މުޒާހަރާތައް ފަށާފައިވަނީ އެ ޤައުމުގައި ކޯވިޑް-19ން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީ ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ބިލިއަނުން ފައިސާ ހޯދުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާ، އައިއެމްއެފާއެކު މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައެވެ. މުޒާހަރާގެ ބައިވެރިންވަނީ ޢާންމުންގެ މުދަލަށް ގެއްލުންދީ ކުނިއަޅާ ޑަސްބިންފަދަ ތަކެތީގައި ރޯކޮށްފައެވެ. މުޒާހަރާތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުންވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފައެވެ.
ލުބުނާނުގެ ދީނީ ޖަމާޢަތްތަކުގެ މެދުގައިވާ ނުތަނަވަސްކަންވެސްވަނީ އިތުރުވެފައެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުން ލުބުނާނުގެ އެކި ސަރަޙައްދުތަކުގައިދަނީ ޙަރަކާތްތެރިވަމުނެވެ.