ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތައް އިސްތިޢުމާރުކުރުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ނިންމަވާފައިވާ ނިންމުމާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން މުޒާރަހާކޮށްފިއެވެ.
ވައަތު ފިޔައިގެ ޖަމާޢާތްތަކުން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާތަކުގައި އެތައް ހާސް ބަޔަކުވަނީ ބައިވެރިވެފައެވެ. ކޯވިޑް-19ން ރައްތާކެރިވުމަށް މާސްކު އަޅައި ގައިދުރުކަން ބަހައްޓައިގެން ކުރި މުޒާހަރާގެ ބައިވެރިންވަނީ ޞުލްޙައަށް ގޮވާލައި ޑިމޮކްރަސީ ޤާއިމްކޮށް އެހެން ބައެއްގެ ބިންތަކަށް ވެރިވެގަތުމާ ދެކޮޅަށް އަޑުއުފުލާފައެވެ. މުޒާހަރާގެ ބައެއް ބައިވެރިންވަނީ ފަލަސްޠީނުގެ ދިދަ ވިހުރުވާފައެވެ. ހުދުމުޚުތާރު ވެރިންނާ ދެކޮޅަށް ތެދުވެ އިންސާފަށް މަސައްކަތްކޮށް އިސްރާއީލާއި ފަލަސްޠީނުގެ ރައްޔިތުންނަށް ސުލްޙަވެރި ކުރިމަގެއް ހޯދައިދިނުމަށް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ސެނެޓަރު ބާނީ ސޭންޑާސް ގޮވާލައްވާ ވީޑީއޯ މެސެޖެއްވަނީ އެއްވުމުގައި ދައްކާލާފައެވެ.
މުޒާހަރާއަކީ އިސްރާއީލުގެ ރޭވުންތަކާ ދެކޮޅަށް ކުރިއަށްގެންދާނެ ބޮޑު ޙަރަކާތެއްގެ ފެށުންކަމަކަށް ނުބެލެވެއެވެ. އިސްރާއީލުގައި ކުރި ދިރާސާއަކުން ދައްކާގޮތުގައި އެ ޤައުމުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައެޅުމަށް އެ ޤައުމުގެ ރައްޔިތުންގެ ދެބައިކުޅަ އެއްބައި މީހުން ތާޢީދުކުރެއެވެ.
މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ އިސްރާއީލަށް ފައިދާވާގޮތަށް ޞުލްޙައިގެ މަޝްރޫޢެއް އިޢުލާނުކުރައްވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވާފައެވެ. އެ މަޝްރޫޢުގެ ދަށުން 1949ވަނަ އަހަރާއި 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމަތަކުގައި އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ހުރިހާ ބިމަކާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަރަށް ބޮޑު ބައެއް ލިބެނީ އިސްރާއީލަށެވެ. ފަލަސްޠީނުގެ އަމިއްލަ މިނިވަން ދަޢުލަތެއް އުފެއްދުމަށް ނިންމަވާފައިވަނީ އެކި ސަރަޙައްދުތަކަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅެކެވެ.
ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައެޅުމާ ގުޅޭގޮތުން ޖުލައި މަހުގެ 1ވަނަ ދުވަހު ވަޒީރުންގެ މަޖިލީހާއެކު މަޝްވަރާތައް ފައްޓަވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫވަނީ ވިދާޅުވެފައެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒްވަނީ އިސްރާއީލުގެ ބައެއްކަމުގައި ފަލަސްޠީނުގެ ބިންތައް ކަނޑައެޅުމުން ހިނގައިދާނެ ހަމަނުޖެހުންތަކަށް ތައްޔާރުވުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގަވައިފައެވެ.