ޚަބަރު

ޖިއްދާގައި އަނެއްކާވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސަޢުދީ އަރަބިއްޔާގެ ޖިއްދާގައި އަޅާފައިވާ ރައްކާތެރި ފިޔަވަޅުތަކަށް ލުއި ދިނުމަށްފަހު އަލުން ރުޖޫޢަކޮށްފިއެވެ.

ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާތީ ސައުދީ ޢަރަބިއްޔާގެ ސަރުކަރުންވަނީ ޖިއްދާގެ ރެޑް ސީ ސިޓީގައި މެންދުރު 3ން ފަތިހު 6ށް ކާފިއު އިޢުލާނުކޮށްފައެވެ. ސަރުކާރު އަދި އަމިއްލަ އިދާރާތަކުގެ މަސައްކަތްތައް ކާފިއު އިޢުލާނުކޮށްފައިވާ މުއްދަތުގައި ބަންދުކުރުމުގެ އިތުރުން މިސްކިތަތްކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުންވަނީ ހުއްޓާލައިފައެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި ކެފޭތަކުގައި ތިބެ ކައިބޮއެ ހެދުންވަނީ މަނާކޮށްފައެވެ. އަދި ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުންވެސްވަނީ މަނާކޮށްފައެވެ.

ޖިއްދާގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރިނަމަވެސް އެތެރޭގެ އުދުހުންތަކާއި ރޭލުދަތުރުތައް މެދުކަނޑާނުލާނެކަމަށާއި ކާފިއު ގަޑިތަކުގެ ބޭރުން މީހުންނަށް ސިޓީއަށް ވަދެނުކުމެވޭނެކަމަށް ސައުދީ ޢަރަބިއްޔާގެ ދާޚިލީ ވުޒާރާއިންވަނީ ބުނެފައެވެ. އެ ވުޒާރާއިން ބުނީ ވެރިރަށް ރިޔާޟުގައި ކޯވިޑް-19ޖެހި ޙާލުބޮޑުވެފައިވާ މީހުންގެ ޢަދަދު ކައިރިން ބަލަމުންދާކަމަށާއި އެ ޢަދަދުތައް އިތުރުވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

ސައުދީ ޢަރަބިއްޔާގައި 95،748 މީހުންނަށް ކޯވިޑް-19 ޖެހި، 642 މީހުންވަނީ މަރުވެފައެވެ.