ޤަވާއިދާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަރާޖުތަކަށް ވެހިކަލްތައް ރަޖިސްޓްރީކުރުމުގެ ފުރުސަތެއް މިހާރަކު ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވާކަމުގައި ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ މީގެކުރިން އެކަމުގައި ވަރަށްގިނަ ބޭފުޅުންގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާކަމަށެވެ. އަދި އެއް ގަރާޖެއްގެ ނަންމަތީ އެތައް އުޅަދެއް ރަޖިސްޓްރީ ކޮށްފައިވާކަން މިނިސްޓްރީން ބެލި ބެލުމުން ހާމަވެފައިވާކަމަށެވެ.
މިނިސްޓަ ވިދާޅުވީ މިފަދަ ކަންކަމަކީ ޓްރާސްޕޯޓް މިނިސްޓްރީގެވެސް ބައިވެރިވުން އޮވެގެން ކުރެވިދިޔަ ކަންތަައްތަކެއްކަން އެގުމުން، މިކަންކަން ކުރަމުންދިޔަ ގޮތްތައް ބަދަލުކޮށް މިހާރު މުޅި ނިޒާމު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެކަން އެގޮތަށް ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
މިކަމުގެ ތަފްސީލް ހާމަކޮށްދެއްވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީ ވިދާޅުވީ، މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ އުޅަދުތަކަށް ދޫކުރަންޖެހޭ ލައިސަންސް ދޫކުރުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުގެ ތެރެއިން ގަރާޖްގެ ހުއްދައަކީ ކޮންމެހެން އޮންނަންޖެހޭ ހުއްދައެއްކަމަށެވެ. އަދި މިކަން ކުރުމުގައި މިހާރު މިނިސްޓްރީއާއި، ސިޓީ ކައުންސިލާ ގުޅިގެން އެއް ގަރާޖަކަށް ވެހިކަލްތަކެއް ރަޖިސްޓްރީ ކުރުމުންދިޔަ ދިއުމަށް ނިމުމަކަށް ގެނެސްފައިވާކަމަށެވެ.
ސިޓީ ކައުންސިލުން އިމާރާތެއްގެ ހުއްދަ ވެހިކަލް ރަޖިސްޓްރީއަށް އެދޭފަރާތަށް ދިނުމުން، އެވެހިކަލަކަށް ދުއްވުމުގެ ހުއްދަ ނުވަތަ ލައިސަންސް ދިނުމުގެ ކުރިން ޓްރާސްޕޯޓް މިނިސްޓްރީން އެކަމަށް ކަނޑައަޅާފައިވާ ބޭފުޅުން އެގަރާޖެއް ބަލައި މިންގަނޑަށް ފެތޭތޯ ކަށަވަރު ކުރާނެކަމަށެވެ. ޝިމާޒް ވިދާޅުވީ މީގެ ކުރިން މިކަންކުރުމުގައި ނާޖައިޒް ގޮތުގައި ކުރަމުންދިޔަ ހުރިހާ ކަމެއް މިނިސްޓްރީން މިހާރު އެކަށައަޅާފައިވާ އުސޫލުތަކާއިއެކު ކުރުމުގެ ފުރުސަތު ނޯންނާނެކަމަށެވެ. އަދި ކޮރޮޕްޝަނަށް މަގުފަހިވާގޮތަށް ޓްރާސްޕޯޓް މިނިސްޓްރީ ތެރެއިން އެފަދަ ކަމެއް ނުކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ޝިމާޒް ވަނީ ވިދާޅުވެފައެވެ.
އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަންމަތީ އެތައް ވެހިކަލެއް ރަޖިސްޓްރީކޮށްގެން ދުއްވާ މައްސަލައަކީ މާލޭގައި ވާރަށްބޮޑަށް ދިމާވި މައްސަލައެއް ކަމަށެވެ. މިކަން ހައްލުކުރުމަށް ޓްރާސްޕޯޓް މިނިސްޓްރީއާއި ސިޓީ ކައުންސިލުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ހުއްދަ ދިނުމުގެ ކުރިން ޚާއްސަ އިންސްޕެކްޝަނެއް ހަދައި އެގަރާޖެއްގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތައް ބެލުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.