ޚަބަރު

ޖަޕާނުން އުންމީދުކުރަނީ އަންނަ އަހަރު ކޯވިޑް ވެކްސިނެއް އުފެއްދޭނެކަމަށް


2021ވަނަ އަހަރުގެ ޖޫން މަހުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް އުފައްދާ ބޭނުންކުރަން ފަށަން އަމާޒުކުރާކަމަށް ޖަޕާނުގެ ސަރުކާރުން ބުނެފިއެވެ.

ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި 6.7 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި، 393،775 މީހުންވަނީ މަރުވެފައެވެ. ބައްޔާ ދެކޮޅަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ އެކި ޤައުމުތަކުންނާއި ޖަމްޢިއްޔާތަކުންނާއި ކުންފުނިތަކުންދަނީ ކުރަމުންނެވެ.

މިއަހަރުގެ ހޫނު މޫސުމުގައި ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ އޮލިމްޕިކްސް ކުޅިވަރު މުބާރާތްވަނީ ކޯވިޑް-19 ފެތުރޭތީ އެއް އަހަރު ދުވަހުގެ މުއްދަތަށް ފަސްކޮށްފައެވެ. އަންނަ އަހަރު އެ މުބާރާތް ބޭއްވުމުގެ ކުރިން ބައްޔާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރަމަށް މަސައްކަތްކުރަމުންދާކަމަށް ޖަޕާނުގެ ޞިއްޙަތާބެހޭ ވަޒީރު ކަސުނޮބު ކަޓޯވަނީ ވިދާޅުވެފައެވެ. ވެކްސިނެއް އުފައްދާ ބާޒާރަށް ނެރުމަށް ޖަޕާނުގެ ސަރުކާރުންވަނީ 1.34 ބިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައެވެ. ޞިއްޙަތާބެހޭ ވަޒީރު ވިދާޅުވީ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ އިތުރުން، ވެކްސިން އުފައްދައި ބާޒާރަށް ނެރުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާނެކަމަށެވެ.

ޖަޕާނުގައި ވެކްސިން އުފެއްދުމުގެ މަސައްކަތްކުރަމުންދާ ކުންފުނިތަކަކީ ޝިއޮނޮގީ އެންޑް ކޯއާއި އަންގެސް ކެމިކަޕް ކޮންޕެނީއެވެ.