ޚަބަރު

އިކުއިޓޯރިއަލް ގިނީގައި ހުރި ޑަބްލިއުއެޗުއޯގެ މަންދޫބު ފޮނުވާލަނީ


ކޯވިޑް-19ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ އެފްރިކާގެ އިކުއިޓޯރިއަލް ގިނީގައި ހުރި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއުއެޗުއޯގެ މަންދޫބު އެ ޤައުމުން ދިއުމަށް އަންގައިފިއެވެ.

1.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެދުތެރޭ އެފްރިކާގެ ޤައުމެއްކަމަށްވާ އިކުއިޓޯރިއަލް ގިނީން ކޯވިޑް-19 ޖެހިފައިވާ މީހެއް ފެނިފައިވަނީ މާރިޗު މަހުގެ ތެރޭގައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު ވަނީ 1،000އަށްވުރެ އިތުރުވެ، 12 މީހުން މަރުވެފައެވެ.

އެއީ އެފްރިކާގެ އެހެން ޤައުމުތަކަށްވުރެ ދަށް ޢަދަދަކަށްވިނަމަވެސް އާބާދީގެ ނިސްބަތުން ބަލާނަމަ އިކުއިޓޯރިއަލް ގިނީއަކީ ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ޤައުމުކަމަށް ޑަބްލިއުއެޗުއޯގެ އެފްރިކާ ސަރަޙައްދުގެ އިސްވެރިޔާ މަޝިޑިސޯ މޯޓިވަނީ ވިދާޅުވެފައެވެ. މޯޓީ ވިދާޅުވީ އިކުރިޓޯރިއަލް ގިނީގައި ހުރި ޑަބްލިއުއެޗުއޯގެ މަންދޫބު ބަދަލުކުރުމަށް އެ ޤައުމުގެ ސަރުކާރުން އެދިފައިވާކަމަށާއި އެ މަސައްކަތް ކުރިއަށްދާކަމަށެވެ. ނަމަވެސް އޭގެ ތަފްޞީލެއް އޭނާ ނުދެއްވައެވެ.

ޑަބްލިއުއެޗުއޯގެ އެފްރިކާ ސަރަޙައްދުގެ އިސްވެރިޔާ ވިދާޅުވީ ޢާންމުންނަށް އެހީތެރިވުމަށް އެކި ސަރުކާރުތަކާއެކު އެ ޖަމްޢިއްޔާއިން އޮތީ މަސައްކަތްކުރުމަށް ތައްޔާރަށެވެ. ކޯވިޑް-19 ޖެހިފައިވާ މީހުން ހޯދުމާއި އެމީހުންނަށް ފަރުވާދިނުމާއި ބަލިޖެހިފައިވާ މީހުންނާ ދިމާވެފައިވާ މީހުން ދެނެގަތުމާއި އެފަދަ މީހުން އެކަހެރިކުރުމުގައި އިކުއިޓޯރިއަލް ގިނީގެ ސަރުކާރަށް ޑަބްލިއުއެޗުއޯއިން އެހީތެރިވެފައިވާނެކަމަށް މޯޓީ ވިދާޅުވިއެވެ.