ޚަބަރު

ކޯވިޑް-19އަށް ފަރުވާދިނުމަށް ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމުގެ ފައިދާއެއް ނެތް: ދިރާސާ


މެލޭރިއާއަށް ފަރުވާދިނުމަށް ބޭނުންކުރާ ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމުން ކޯވިޑް-19އަށް ފަރުވާދިނުމުގައި އެހީތެރިވެނުދޭކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހައިޑްރޮކްސީކްލޮރިކީނަކީ ކޯވިޑް-19އަށް ފަރުވާދިނުމަށް ބޭނުންކުރެވޭނެ ބޭހެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕްވަނީ ވިދާޅުވެފައެވެ. އަދި ކޯވިޑް-19ން ރައްކާތެރިވުމަށް އެ ބޭސް ބޭނުންކުރައްވާކަމަށް އޭނާވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުންވަނީ ކޯވިޑް-19އަށް ފަރުވާދިނުމަށް އެ ބޭސް ބޭނުންކުރުމުން ހިތުގެ ހިނގުމަށް އަސަރުކުރާކަމަށާއި ހިތުގެ ބަލިތައް ހުންނަ މީހުން އެ ބޭސް ބޭނުން ކުރުން އެދިވިގެންނުވާކަމަށް ބުނެފައެވެ.

ފަރުވާއެއްގެ ގޮތުގައި ހައިޑްރޮކްސީކްލޮރިކީން މަސައްކަތްކުރާނެކަމަށް ބުނަމުންދާ ފަރާތްތަކުން ބުނާގޮތުގައި ބޭހުގެ އެދެވޭ އަސަރު ފެންނާނީ ހަށިގަނޑަށް ކޮރޯނާވައިރަހުގެ އަސަރުކުރާތާ ފުރަތަމަކޮޅު ބޭސް ބޭނުންކުރުމުންނެވެ. އަނެއް ބަޔަކު ބުނަނީ އެ ބޭސް މަސައްކަތްކުރާނީ ޒިންކާއެކު ބޭނުންކުރުމުންނެވެ.

އެމެރިކާގެ ޔުނިވަސިޓީ އޮފް މިނެސޮޓާއިން ކުރި ދިރާސާގައި އެ ދެ ބުނުންވެސްވަނީ ތަހުލީލުކޮށްފައިވެއެވެ. އެގޮތުން، ކޯވިޑް-19 ޖެހިފައިވާ އަދި ބަލިޖެހުމުގެ ފުރުޞަތު ބޮޑު ގޭބިސީތަކުގައި ދިރިއުޅޭ 821 މީހުން ހިމަނައިގެން ކުރި ދިރާސާގެ ބައިވެރިންގެ ތެރެއިން 20 އިންސައްތަ މީހުންނަށްވަނީ ހައިޑްރޮކްސީކްލޮރިކީންގެ އިތުރުން ޒިންކުވެސް ދީފައެވެ. ބައެއް ބައިވެރިންނަށް ދިނީ ހައިޑްރޮކްސިކްލޮރިކީން އެކަންޏެވެ. އަދި ބައެއް ބައިވެރިންނަށް ދިނީ ޕްލެސީބޯއެވެ.

ތަހުލީލުތަކުގެ ނަތީޖާ ދައްކާގޮތުގައި ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރި މީހުންގެ ތެރެއިން 11.8 އިންސައްތަ މީހުންގެ ހަށިގަނޑުންވަނީ ކޯވިޑް-19ގެ އަލާމަތްތައް ފެނިފައެވެ. ޕްލެސީބޯ ބޭނުންކުރި މީހުންގެ 14.3 އިންސައްތަ މީހުންގެ ހަށިގަނޑުން ކޯވިޑް-19ގެ އަލާމަތްތައް ފެނުނެވެ. ނަމަވެސް އެ ފަރަޤަކީ ޢިލްމީގޮތުން ބޮޑު ތަފާތަކަށް ނުވާތީ ކޯވިޑް-19އަށް ފަރުވާދިނުމަށް ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމާއި ޕްލެސީބޯ ބޭނުންކުރުމާމެދު ތަފާތެއް ނެތްކަމަށް އެ ދިރާސާއިންވަނީ ދައްކާފައެވެ. އެހެންކަމުން ކޯވިޑް-19އަށް ފަރުވާދިނުމަށް ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމުން ކުރާ ފައިދާއެއް ނެތްކަމަށް އެ ދިރާސާ ކުރި މިނެސޮޓާ ޔުނިވަސިޓީންވަނީ ބުނެފައެވެ. ހައިޑްރޮކްސީކްލޮރިކީން ބޭނުންކުރުމުން ހިތުގެ މައްސަލަތައް ދިމާވާކަމަށާއި އެހެނިހެން ޞިއްޙީ މައްސަލަތައް މެދުވެރިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

ދިރާސާގެ ނަތީޖާވަނީ ނިއު އިންގްލޭންޑް ޖޯނަލް އޮފް މެޑިސިންގައި ޝާޢިއުކޮށްފައެވެ.