މިދިޔަ މަހުގެ 25ވަނަ ދުވަހު އެމެރިކާގެ މިނިއަޕޮލިސްގައި ކަޅު ނަސްލުގެ މީހެއް ހައްޔަރުކުރުމުގައި ފުލުހުން އަނިޔާވެރިކޮށް ޢަމަލުކުރުމުގެ ސަބަބުން އޭނާ މަރުވި ހާދިޘާގައި ބައިވެރިވި ހުރިހާ ފުލުހުންގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ.
އުމުރުން 46 އަހަރުގެ ޖޯޖު ފްލޮއިޑު މަރުވެފައިވަނީ އޭނާގެ ކަރުމައްޗަށް ދޮން ނަސްލުގެ ފުލުހެއް 9 މިނެޓުވަންދެން ކަކުލުން އަރާހުރުމުން ނޭވާހާސްވެގެންނެވެ. އޭނާ ހިފެހެއްޓުމުގައި އިތުރު ތިން ފުލުހުން ބައިވެރިވެފައިވެއެވެ. އެ ހަތަރު ފުލުހުންވެސް ވަޒީފާއިން ވަކިކޮށްފައިވީނަމަވެސް ފުރަތަމަ ދަޢުވާކޮށްފައިވަނީ ފްލޮއިޑުގެ ކަރުމައްޗަށް އަނިޔާވެރިކަމާއެކު އެރި ޑެރެކް ޗައުވިންގެ މައްޗަށް އެކަންޏެވެ. އެއީ ގަސްދަކާ ނުލައި މީހަކު މަރާލުލުމުގެ ތުހުމަތާއި ތިންވަނަ ދަރަޖައިގައި މީހަކު މަރާލުމުގެ ތުހުމަތުގައެވެ. އެ ހާދިޘާގައި ބައިވެރިވި އިތުރު ތިން ފުލުހުންގެ މައްޗަށް އޭރު ދަޢުވާކޮށްފައެއް ނުވެއެވެ.
ފްލޮއިޑުގެ މަރާ ގުޅިގެން އެމެރިކާގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވަނިކޮށް ޑެރެކް ޗައުވިންގެ މައްޗަށް އުފުލާފައިވާ މަރުގެ ދައުވާވަނީ ތިންވަނަ ދަރަޖައިން ދެވަނަ ދަރަޖައަށް މަތިކޮށްފައެވެ. އެ ކުށުގެ އަދަބަކީ ތިންވަނަ ދަރަޖައިގައި މީހަކު މަރާލުމުގެ ޙުކުމަށްވުރެ 15 އަހަރު ދިގު ޙުކުމެކެވެ. އަދި އަނެއް ތިން ފުލުހުންގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމަށް އެހީތެރިވިކަމުގެ ދައުވާވަނީ އުފުލާފައެވެ. ދެވަނަ ދަރަޖައިގައި ގަސްތުގައި މީހަކު މަރާލުމަށް އެހީތެރިވުމުގެ ޙުކުމަކީ ގިނަވެގެން 40 އަހަރަށް ޖަލަށްލުމެވެ.