ޚަބަރު

ތުރާބުލުސްގެ ވައިގެ ބަނދަރު ލީބިޔާގެ ސަރުކާރުގެ ބާރުގެ ދަށަށް


ލީބިޔާގެ ވެރިރަށް ތުރާބުލުސްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އެ ޤައުމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ލީބިޔާގެ ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ނޫނޫ ވިދާޅުވީ ތުރާބުލުސްގެ ވައިގެ ބަނދަރުގެ ފުރިހަމަ ބާރު ސަރުކާރަށް ނިސްބަތްވާ ސިފައިން ހޯދާފައިވާކަމަށެވެ.

ލީބިޔާގެ ދާޚިލީ ހަނގުރާމައިގައި ލިބުނު ގެއްލުންތަކުގެ ސަބަބުން 2014ވަނަ އަހަރުން ފެށިގެން ތުރާބުލުސްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު އޮތީ ބަންދުކޮށްފައެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އިދިކޮޅު ޚަލީފާ ޙަފްތާރުވަނީ ލީބިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ތުރާބުލުސާއި ލީބިޔާގެ ހުޅަނގު އުތުރު ސަރަޙައްދުތައް އޭނާގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ފަށާފައެވެ. އެ މަސައްކަތުގެ ތެރެއިން ތުރާބުލުސްގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުވަނީ އޭނާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ފާއިތުވި ހަފުތާތަކުގައި ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއަށްވަނީ ލީބިޔާގެ އަސްކަރިއްޔާއާ ކުރިމަތިލާ ބޮޑެތި ނާކާމިޔާބީތަކެއް ލިބިފައެވެ. ލީބިޔާގެ ސަރުކާރުންވަނީ ތުރުކީވިލާތުގެ އެހީތެރިކަމާއެކު އެލްއެންއޭގެ ބާރުދަށުގައި އޮތް ގިނަ ސަރަޙައްދުތަކެއް މިނިވަންކޮށްފައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރާ ލީބިޔާގެ ސަރުކާރުގެ ބާރުގެ ދަށަށް ތުރާބުލުސްގެ ވައިގެ ބަނދަރު ގެނައުމުން އެލްއެންއޭވަނީ އިތުރަށް ބަލިކަށިވެފައެވެ.

އދންވަނީ ކޯވިޑް-19 ފެތުރޭތީ ދުނިޔޭގެ ހުރިހާ ސަރަޙައްދެއްގައި ކުރަމުންދާ ހަނގުރާމަތައް ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމަށް އެދިފައެވެ. އދންވަނީ ލީބިޔާގައި ހަނގުރާމަކުރަމުންދާ ދެ ފަރާތުން ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް އެއްބަސްވެފައިވާކަމަށް ބުނެފައެވެ.