ޚަބަރު

ހުޅަނގު އައްސޭރި އިސްތިޢުމާރުކުރުމަށް އިސްރާއީލުގެ ޢާންމުންގެ ބޮޑު ތާޢީދެއް


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައެޅުމަށް އެ ޤައުމުގެ ރައްޔިތުންގެ ދެބައި ކުޅަ އެއްބައި މީހުން ތާޢީދުކުރާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ އިސްރާއީލަށް ފައިދާވާގޮތަށް ޞުލްޙައިގެ މަޝްރޫޢެއް އިޢުލާނުކުރައްވާ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައަޅުއްވާފައެވެ. އެ މަޝްރޫޢުގެ ދަށުން 1949ވަނަ އަހަރާއި 1967ވަނަ އަހަރު ޢަރަބިންނާ ދެކޮޅަށް ހަނގުރާމަކޮށްގެން އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ހުރިހާ ބިމަކާއި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަރަށް ބޮޑު ބައެއް ލިބެނީ އިސްރާއީލަށެވެ. ފަލަސްޠީނުގެ އަމިއްލަ މިނިވަން ދަޢުލަތެއް އުފެއްދުމަށް ދޭން ނިންމަވާފައިވަނީ އެކި ސަރަޙައްދުތަކަށް ބެހިފައިވާ ވަރަށް ކުޑަ ބިންކޮޅެކެވެ.

އިސްރާއީލް ޑިމޮކްރަޓިކް އިންސްޓިޓިއުޓުން ކުރި ދިރާސާގައި ބައިވެރިވި 771 މީހުންގެ ތެރެއިން 50 އިންސައްތަ މީހުން ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމުގައި ކަނޑައެޅުމަށް ތާޢީދުކުރެއެވެ. އޭގެ ތެރެއިން 25 އިންސައްތަ މީހުން ބޭނުންވަނީ އެމެރިކާގެ އެހީތެރިކަމަކާ ނުލައި އެކަން ޙާޞިލްކުރާށެވެ. ބާކީ 25 އިންސައްތަ މީހުން ދެކެނީ އެމެރިކާގެ އެހީތެރިކަމާއެކު އެ މަސައްކަތްކުރުން މާ ރަނގަޅުވާނެކަމަށެވެ. ނަމަވެސް ދިރާސާގައި ބައިވެރިވި 30 އިންސައްތަ މީހުން ދެކޭ ގޮތުގައި ފަލަސްޠީނުގެ ބިންތައް އިސްރާއީލުގެ ބާރުގެ ދަށަށް ގެނައުމަކީ ގޯހެކެވެ. ބާކީ 20 އިންސައްތަ މީހުން ވަކިކޮޅަކަށް ނުޖެހެއެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ ބައެއްކަމަށް ކަނޑައެޅުމާ ގުޅޭގޮތުން ޖުލައި މަހުގެ 1ވަނަ ދުވަހު ވަޒީރުންގެ މަޖިލީހާއެކު މަޝްވަރާތައް ފައްޓަވާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫވަނީ ވިދާޅުވެފައެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްޒްވަނީ އިސްރާއީލުގެ ބައެއްކަމުގައި ފަލަސްޠީނުގެ ބިންތައް ކަނޑައެޅުމުން ހިނގައިފާނެ ހަމަނުޖެހުންތަކަކަށް ތައްޔާރުވުމަށް އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގަވައިފައެވެ.