ޚަބަރު

މެދުތެރޭ އެމެރިކާގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އެހީތެރިކަން ބޭނުންވޭ: ޕޭހޯ


މެދުތެރޭ އެމެރިކާ ސަރަޙައްދުގެ ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށް އެމެރިކާގެ އެހީތެރިކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ސަރަޙައްދީ ޑިރެކްޓަރު ކެރިއްސާ އެޓިއެއިން އެދިވަޑައިގެންފިއެވެ.

މިދިޔަ ހަފުތާގައި އެމެރިކާއިންވަނީ ޗައިނާއިން ކޯވިޑް-19އާ ގުޅޭގޮތުން ދިން ޞައްޙަނޫން މަޢުލޫމާތަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހިތްވަރުދީފައިވާކަމަށް ބުނެ އެޖަމްޢިއްޔާއާއެކު އޮންނަ ގުޅުން ކަނޑާލާފައެވެ. ކެރިއްސާ ވިދާޅުވީ އެ ޖަމްޢިއްޔާގެ ސަރަޙައްދީ ގޮފި، ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަން (ޕޭހޯ)އަށް ބޭނުންވާ މާލީ އެހީތެރިކަމުގެ 60 އިންސައްތަ ފޯރުކޮށްދިނީ އެމެރިކާއިންކަމަށާއި 1902ވަނަ އަހަރު ޕޭހޯ އުފެދުނީއްސުރެ އެމެރިކާ އޮތީ އެ ޖަމްޢިއްޔާގެ މުހިންމު ބައިވެރިއެއްގެ ގޮތުގައިކަމަށެވެ.

މެދުތެރޭ އެމެރިކާ ސަރަޙައްދުން 3 މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެ ސަރަޙައްދުގެ ޤައުމުތަކަކީ ޤާބިލިއްޔަތުގެ ގޮތުން ވަރަށް ބޮޑެތި ތަފާތުތައް ހުރި ޤައުމުތަކެކެވެ. ޕޭހޯއިންވަނީ މެދުތެރޭ އެމެރިކާގެ ޤައުމުތަކުގެ އިޤްތިޞާދު އަލުން ހުޅުވާލުމުގައި ވަރަށް ސަމާލުވުމަށާއި ގިނަ މީހުން އެއްވެ ނޫޅުމަށް ނަސޭހަތްތެރިވެފައެވެ.