އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރަން ނިންމި ނިންމުމަކީ އެ ޤައުމުގައި ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރުނަ ނުދިނުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ޕްރިތީ ޕަޓޭލާއި ދަތުރުފަތުރާބެހޭ ވަޒީރު ގްރާންޓް ޝެޕްސް ވިދާޅުވީ ޖޫން މަހުގެ 8ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ ހުރިހާ މީހުން 14 ދުވަހުގެ މުއްދަތަށް އަމިއްލައަށް އެކަހެރިވާންކެޖޭނެކަމަށެވެ. ކަރަންޓީނަށް ދިއުމުގައި އެ ޤައުމުގެ ރައްޔިތުންވެސް އިސްތިސްނާއެއް ނުވާނެއެވެ. އަދި އެކަހެރިވާ މީހުން ތިބޭ ތަންތަނުގެ މަޢުލޫމާތު ސަރުކާރާ ޙިއްޞާކުރަންޖެހޭނެކަމަށާއި ކަރަންޓީނުގެ ކަންކަން ކުރިއަށްދާގޮތް ސަރުކާރުން ގާތުން ބަލަމުންދާނެކަމަށްވަނީ އަންގާފައެވެ. އެ ނިންމުމަށް ވިޔަފާރިތަކުންނާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެއާލައިނުތަކުންނާއި ސިޔާސީ ފަރާތްތަކުންވަނީ ފާޑުކިޔާފައެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ބުނީ ކޯވިޑް-19ގެ ތަހުލީލާއި ހުންހުރިތޯ ބަލަން ހަދާ ރެޕިޑް ޓެމްޕަރޭޗަރ ތަހުލީލުން އެންމެ އެދެވޭ މިންވަރަށް ނަތީޖާ ނުފެންނަކަމަށާއި ބަލިޖެހިފައިވާ ދަތުރުވެރިންގެ ހަށިގަނޑުން ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނަނަމަ އަދި ހަށިގަނޑަށް ކޮރޯނާވައިރަހުގެ އަސަރުކުރިތާ ގިނައިރުތަކެއްނުވާނަމަ އެ ތަހުލީލުތަކުން އެންމެ ރަނގަޅު ނަތީޖާއެއް ނުދައްކަފާނެކަމަށެވެ. އެހެންކަމުން ޤައުމަށް ދަތުރުކުރާ މީހުން ކަރަންޓީނުކުރުމަކީ ޤައުމުގައި އިތުރަށް ބަލި ފެރުތުނަނުދިނުމަށް އެޅޭނެ އެންމެ އެދެވޭ ފިޔަވަޅުކަމަށްވެސް އިނގިރޭސިވިލާތުގެ ސަރުކާރުންވަނީ ބުނެފައެވެ.