ޚަބަރު

ރަޝިޔާ ހިމަނައިގެން ޖީ8 އެކުލަވާލުމަށް ވިލާތުގެ އިއްތިޙާދުން ދެކޮޅު


ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދުތައް އޮންނަ ޤައުމުތަކުގެ ލިސްޓުގައި އަލުން ރަޝިޔާ ބައިވެރިކުރުމަށް ބޭނުންނުވާކަމަށް ވިލާތުގެ އިއްތިޙާދުން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަންޕްވަނީ ޖީ7ގެ ޤައުމުތަކުގެ ލިސްޓަކީ ވަރަށް ދުވަސްވީ ލިސްޓެއްކަމަށް ވިދާޅުވެ ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު އޮންނަ ޤައުމުތަކުގެ ލިސްޓުގައި ރަޝިޔާގެ އިތުރުން އެހެން ޤައުމުތައް ހިމަނަން ފެންނަކަމަށް ވިދާޅުވެފައެވެ. އަދި ސެޕްޓެންބަރު މަހުގައި ބޭއްވުމަށް މަސައްކަތްކުރަމުންދާ ޖީ7ގެ ބައްދަލުވުމަށް އޮސްޓްރޭލިޔާއާއި ރަޝިޔާއާއި ދެކުނު ކޮރެޔާއާއި އިންޑިޔާއަށް ދަޢުވަތު ދެއްވާނެކަމަށް ޓްރަންޕްވަނީ ވިދާޅުވެފައެވެ.

ވިލާތުގެ އިއްތިޙާދުން ބުނީ އެމެރިކާއަކީ މި އަހަރުގެ ޖީ7ގެ ބައްދަލުވުން އިންތިޒާމުކުރާ ޤައުމަށްވީނަމަވެސް ޖީ7ކަށް ދާޢީމީ ބަދަލެއް ގެނައުމުގެ ބާރު އެމެރިކާއަށް ލިބިގެން ނުވާކަމަށެވެ. އަދި ރަޝިޔާގެ ބައިވެރިވުން ކަނޑާލާފައިވަނީ އެ ޤައުމުގެ ޢަމަލުތައް ހުރިގޮތުންކަމަށާއި އެ ޤައުމުގެ ނިންމުންތައް ބަދަލުނުކުރާނަމަ އެ ޤައުމު ބައިވެރިކޮށްގެން ޖީ8ގެ ގޮތުގައި ޙަރަކާތްތެރިވުމަށް ބޭނުންނުވާކަމަށް ވިލާތުގެ އިއްތިޙާދުން ބުނެއެވެ.

ޖީ8ގެ ޤައުމުތަކުގެ ލިސްޓުން ރަޝިޔާ ވަކިކޮށްފައިވަނީ 2014ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިއާ ސަރަޙައްދަށް ރަޝިޔާއިން ވެރިވެގަތުމުންނެވެ. އެ ސަރަޙައްދު އަދިވެސް އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. ޖީ7 އުފެދުނީ ޖީ8ގެ ލިސްޓުން ރަޝިޔާ އުނިކުރުމުންނެވެ.