ޚަބަރު

ނިއު ޒީލެންޑުގައި އަޅާފައިވާ އިޖުތިމާޢީ ގައިދުރުވުމުގެ ފިޔަވަޅުތައް އުވާލަނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ނިއު ޒީލެންޑުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލާ އަންނަ ހަފުތާގެ ތެރޭގައި ޢާންމު ޙާލަތަކަށް ރުޖޫޢަވެވޭނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަން ވިދާޅުވެއްޖެއެވެ.

ފާއިތުވި ދެ މަސްދުވަހު ނިއު ޒީލެންޑުގައިވަނީ ހަރުކަށި ފުރަބަންދެއް އިޢުލާނުކޮށް، ޢާންމުން ގޭގައި މަޑުކުރަން އަންގައި ގިނަ ވިޔަފާރިތައް ވަގުތީގޮތުން ބަންދުކޮށްފައެވެ. އަންނަ ހަފުތާގައި އެ ފިޔަވަޅުތަށް ލުއިކޮށް ސަމާލުގެ މިންވަރު 4ން 1އަށް ދަށްކުރުމާމެދު ބޮޑުވަޒީރު އާޑަން ގޮތެއް ނިންމަވާނެއެވެ. އެގޮތަށް ނިންމުމުގައި އިޖުތިމާޢީ ބައްދަލުވުންތަކުގައި މީހުންނަށް ގިނަވެގެން ބައިވެރިވެވޭނެ ޢަދަދު ކަނޑައަޅާފައިއޮތް އޮތުން އުވާލުމުން ބަލި ފެތުރޭ މިންވަރު އިތުރުވެފައިވޭތޯ ބަލާނެއެވެ. ބަލިފެތުރޭ މިންވަރު އިތުރުވެފައިނުވާނަމަ އިތުރު ލުއިތަކެއް ދިނުމަށް މަގުފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ނިއު ޒީލެންޑުގައި ދޭން ނިންމާ ލުއިތަކުގެ ދަށުން އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އެއްވެސް ޝަރުތެއް ނޯންނާނެއެވެ. އަދި ޢާންމުން އެއްވެ އުޅޭ ތަންތަނަށް ދެވޭ މީހުންގެ ވަކި ޢަދަދެއް ކަނޑައެޅިފައެއް ނޯންނާނެއެވެ. ނަމަވެސް ސަމާލުގެ މިންވަރު ދަށްކުރިނަމަވެސް ނިއު ޒީލެންޑުގެ ސަރަޙައްދީ ރޮނގުތައް އަލުން ހުޅުވާލަން ނިންމާފައެއް ނުވެއެވެ.

ނިއުޒިލެންޑުގައި 1،504 މީހުންނަށް ކޯވިޑް-19 ޖެހި، 22 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 12 ދުވަހުގެ ތެރޭގައި އެ ޤައުމުގެ އެއްވެސް މީހަކަށް ބަލިޖެހިފައެއް ނުވެއެވެ. އެ ޤައުމުގައި ކޯވިޑް-19އަށް ފަރުވާދެނީ އެންމެ މީހަކަށެވެ.

ނިއުޒިލެންޑުގައި ކޯވިޑް-19 ފެތުރޭ މިންވަރު ދަށްވުމުގެ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އެ ޤައުމުގައި އަޅާފައިވާ ހަރުކަށި އަދި ޙިކުމަތްތެރި ފިޔަވަޅުތަކެވެ.