ޚަބަރު

އެހީގެ ގޮތުގައި ޔަމަނަށް 1.35 ބިލިއަން ޑޮލަރު


ހަނގުރާމައިގެ ޙާލަތުގައި އޮތް ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދއާއި ސަޢުދީ ޢަރަބިއްޔާ ގުޅިގެން 1.35 ބިލިއަން އެމެރިކާ ޑޮލަރު ހަމަޖައްސައިފިއެވެ. އެ ޢަދަދަކީ އދން ޔަމަނުގައި ހިންގަމުންދާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޙަރަކާތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިޔުމަށް ބޭނުންވާކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވާ 2.4 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަދު ޢަދަދެކެވެ.

2015ވަނަ އަހަރުން ފެށިގެން ޔަމަނުގައި ސަޢުދީ އަރަބިއްޔާއިން ވާގިވެރިވާ އަރަބި އިއްތިޙާދާއި އީރާނުން ވާގިވެރިވާ ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ކުރަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ އާބާދީގެ 80 އިންސައްތަ މީހުންނަށްވަނީ އިންސާނީ އެހީތެރިކަމުގެ މައްޗަށް ބަރޯސާވާން މަޖުބޫރުވެފައެވެ. ދުނިޔޭގައި ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ކާބޯތަކެތި ލިބުމުގެ ދަތިކަމާ ކުރިމަތިލާންޖެހިފައިވާ ޔަމަނުގެ ރައްޔިތުންނަށް ބަލީގެ އަސަރުކުރުމުގެ ފުރުޞަތުވަނީ ބޮޑުވެފައެވެ.

އދގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ ގޮފީގެ އަންޑަރ ސެކެޓްރީ މާކް ލޯކޮކް ވިދާޅުވީ ސަޢުދީ ޢަރަބިއްޔާއާ ގުޅިގެން ކުރިއަށް ގެންދިޔަ ޙަރަކާތުގައި 1.35 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ޔަޤީންވެފައިވާކަމަށެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އިސް ދައުރެއް ޢަދާކުރާ ސަޢުދީ ޢަރަބިއްޔާއާ ގުޅިގެން އެ ޙަރަކާތް ހިންގުމުން ކުރިމަތިވާ ސުވާލުތަކާ ގުޅޭގޮތުން ލޯކޮކް ވިދާޅުވީ ސައުދީ ޢަރަބިއްޔާއަކީ ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ ޤައުމެއްކަމަށާއި ހަނގުރާމައިގައި ބަރިވެރިވާ ފަރާތްތަކުގެ ޢަމަލުތައް ކުށްވެރިކުރުމުގައި އެ ޖަމްޢިއްޔާއިން ދެމިތިބޭނެކަމަށެވެ.

ސައުދީ ޢަރަބިއްޔާއިންވަނީ ޔަމަނަށް 500 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ނިންމައިފައެވެ. އޭގެ އިތުރުން ޢަރަބި އިއްތިޙާދަށް ހަތިޔާރު ވިއްކާ އިނގިރޭސިވިލާތުންވަނީ 201 މިލިއަން އެމެރިކާ ޑޮލަރު ދޭނެކަން އިޢުލާނުކޮށްފައެވެ. އަދި ޖަރުމަނުވިލާތުންވަނީ 140 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވަޢުދުވެފައިވެއެވެ. އެ ދެ ޤައުމުންވަނީ ޔަމަނުގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.

ޔަމަނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދގެ ކޯޑިނޭޓަރު ލިންޑާ ގްރާންޑްވަނީ 1.6 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަދުން ފައިސާ އެއްކުރެވިއްޖެނަމަ ޔަމަނުގެ ޙާލަތު ވަރަށް ގޯސްވާނެކަމަށް ވިދާޅުވެފައެވެ. އެ ޢަދަދު ހަމަނުކުރެވިއްޖެނަމަ ޔަމަނުގެ ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ ކާބޯތަކެއްޗާއި ޞިއްޙީ ފަރުވާއާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްނުދެވޭނެކަމަށް އޭނާވަނީ ފާހަގަކުރައްވާފައެވެ.