ޚަބަރު

ޤަވާއިދާއި ޚިލާފަށް އުޅުނު 1593 ބަންގްލަދޭޝް މީހުން ފޮނުވާލައިފި


ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅުނު 1500 އަށްވުރެ ގިނަ ބިދޭސީން ޤައުމަށް ފޮނުވާލާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ކޮންމެ ރެއަކު ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިރޭ ވާހަކަފުޅު ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، އެއްވެސް ލިޔެކިއުމެއް ނެތް ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅުނު 1593 ބަންގްލަދޭޝް ރައްޔިތުން އެމީހުންގެ ޤައުމަށް އަނބުރާ ފޮނުވާލާފައިވާކަަމަށެވެ. މިގޮތުން މިއަދުވެސް ބަނގްލަދޭޝްގެ 200 މީހުން ފޮނުވާލާފައިވާކަމަށެވެ.

މަބްރޫކް ވިދާޅުވީ ޤަވައިދާ ޚިލާފަށް އުޅުނު ބިދޭސީން ޤައުމަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ޤަވާއިދާއި އެއްގޮތަށް އުޅުނު 342 މީހަކު އެމީހުން އެދުމުގެ މަތިން ޤައުމަށް ފޮނުވައިދީފައިވާކަމަށެވެ.

ރާއްޖޭގައި ވާކް ވިސާއާއި ނުލާ މަސައްކަތް ކުރާކަން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ބަންގްލަދޭޝް ރައްޔިތުންނެވެ.
ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން އަނބުރާ ޤައުމުތަކަށް ފޮނުވާލާނެކަމަށް ސަރުކާރުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ހާމަކޮށްފައެވެ.

ބިދޭސީންނަކީ ބަލިމަޑުކަމުގައި ނުރައްކާ ބޮޑު އެއް އާބާދީކަމަށްވާތީ އެމީހުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އެއްތަނެއްގައި ތޮއްޖެހިގެން އުޅޭ ބިދޭސީންގެ ތެރޭގައި މިބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ މިވަގުތުވެސް 40 ވުރެ ގިނަ ތަނެއް ކޮންޓެއިންމެންޓް ސައިޓްތައްކަމަށް ބަލާ ވަދެ ނިކުތުން މަނާކޮށް އެތަންތަން އަންނަނީ ބަލަހައްޓަމުންނެވެ.

މީގެ އިތުރުން ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް ބިދޭސީންނަށް ބޭނުންވާ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން ބިދޭސީންނަށް ޚާއްސަ އައިސޮލޭޝަން ފެސިލިޓީތަކާއި، ކަރަންޓީން ފެސިލިޓީތައް ޤާއިމުކޮށް އެތަންތަނަށް ބިދޭސީން ބަދަލުކޮށް އަންނަނީ ބަލަހައްޓަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ރާޢްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އަލުން ރަޖިސްޓަރ ކުރުމަށްޓަކައި ޚާއްޞަ ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެގޮތުން މިފުރުސަތުގެ ދަށުން 40 ހާހަށްވުރެ ގިނަ ބިދޭސީން ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.