ޚަބަރު

ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ރޮހިންޔާ ރެފިއުޖީއެއް މަރުވެއްޖެ


ކޯވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް ބަންގްލަދޭޝްގައި ރޮހިންޔާ ރެފިއުޖީން ދިރިއުޅޭ ކޭންޕެއްގައި މީހަކު މަރުވެއްޖެއެވެ.

ރެފިއުޖީ ރިލީފް އެންޑް ރީޕެޓްރިއޭޝަން ކޮމިޝަނުން ބުނީ 600،000އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅޭ ކުޓުޕަލޮންގައި ދިރިއުޅުނު 71 އަހަރުގެ މީހަކު މެއި މަހުގެ 31ވަނަ ދުވަހު މަރުވެފައިވާކަމަށެވެ. އޭނާއަކީ އެ ކޭޕްމުގެ އައިސޮލޭޝަން މަރުކަޒެއްގައި ފަރުވާ ދެމުންދިޔަ މީހެއްކަމަށް އެ ކޮމިޝަނުން ބުނެއެވެ. އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަން ޔަޤީންވީ އޭނާ މަރުވިތާ ދެ ދުވަސް ފަހުންނެވެ.

ރޮހިންޔާ ރެފިއުޖީންގެ ތެރެއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނުނީ މެއި މަހުގެ 14ވަނަ ދުވަހެވެ. އެ ކޭމްޕުތަކުގައި ކުރި 339 ތަހުލީލުން 29 ރޮހިންޔާ ރެފިއުޖީންނަށް ކޯވިޑް-19 ޖެހިފައިވާކަންވަނީ ޔަޤީންވެފައެވެ. މިދިޔަ ހަފުތާގައި 15،000އެއްހާ ރެފިއުޖީންވަނީ ކަރަންޓީނުކޮށްފައެވެ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކުންވަނީ އެ ކޭމްޕުތަކުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެންފަށައިފިނަމަ ޙާލަތު ވަރަށް ގޯސްވާނެކަމުގެ އިންޒާރު ދީފައެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ބަންގްލްދޭޝްގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ޤައުމުގައި 60،000 މީހުންނަށް ބަލިޖެހި، 700 މީހުންވަނީ މަރުވެފައެވެ.