ޚަބަރު

ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި


ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ އައު ކައުންސިލަރުންގެ އިންތިޚާބުކުރެވެންދެން މިހާރު ތިބި ކައުންސިލަރުން ދައުރު ދެމިގެންދާގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައިފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ކައުންސިލްތަކުގެ އިންތިޚާބު ފަސްކޮށްފައިވާއިރު މިހާރު ތިއްބެވި ކައުންސިލަރުންގެ ދައުރު މިރޭ ހަމަވާނެއެވެ. ކައުންސިލްތަކަށް އައު މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދެމިގެންދާ ގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ކުރަން މަޖީލީހަށް ހުށައެޅި ސަރުުކާރުންނެވެ. މި ބަލަށް ބަހުސްކުރުމަށްފަހު މިހާރު އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޤާނޫނު އަސާސީއަށް އިސްލާހު ކުރެވިދާނެކަމާއި މެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިގެން ދިޔައެވެ. އަދި އެއް މައްސަލަ ސުޕްރީމްކޯޓްގެ ލަފަޔަކަށް ހުށައެޅުން އެކޯޓުން ލަފާދެއްވީ ޤާނޫނު އަސާސީ އިސްލާހުކުރެވޭކަމަށެވެ.

ރޭ މެންދަމު 1:30ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ޤާނޫނު އަސާސީ އިސްލާހު ކުރަން ވޯޓް ދެއްވީ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ ތެރެއިން 74 މެމްބަރުންނެވެ. މީ މިހާ ދަންވަރު މަޖިލީހުގެ ޖަލްސާއެއް ބޭއްވި ފުރަތަމަ ފަހަރުއެވެ.

ޤާނޫނު އަސާސީއަށް އިސްލާހުގެ ގެނެސްފައިމިވަނީ ކައުންސިލަރުންގެ މުއްދަތު ދައުރު އިތުރުކުރިނަމަވެސް އެ މުއްދަތުގައި މިހާރު ތިބި ކައުންސިލަރުންގެ ބާރުތައް ވަކިގޮތަކަށް ބޭނުންކުރެވޭ ގޮތަށް ވަކި ހާއްސަ ޤާނޫނެއް މަޖިލީހުން ފާސްކުރުމާއި އެކުއެވެ. މި ޤާނުނުގައި ކައުންސިލަރުން ބައެއް ނިންމުންތައް ނިންމަން އެލްޖީއޭގެ ހުއްދަ ހޯދަންޖެހެއެވެ.

ޤާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ޤާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ދެ އަަކުރެއް އިތުރުކޮށް ކައުންސިލަރުންގެ ދައުރު ދަންމާލުމެވެ.

ޤާނޫނު އަސާސީގެ 231 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ ދެ އަކުރު:

(ޅ) ކައުންސިލް އިންތިހާބު ބާއްވައި މެމްބަރުން ހުވާ ކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބުމެވެ.
(ކ) މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.

މިއީ މިހާރު އަމަލުކުރަމުންދާ ފެހި ޤާނޫނު އަސާސީއަށް އިސްލާހު ގެނެވުނު 5 ވަނަ ފަހަރެވެ.