ޚަބަރު

މުޒާހަރާތައް ހުއްޓުވުމަށް މަގުމައްޗަށް އަސްކަރިއްޔާ ނެރުއްވާނެކަމުގެ އިންޒާރު ޓްރަންޕް ދެއްވައިފި


އެމެރިކާގެ އެކި ސްޓޭޓުތަކުގައި ކުރަމުންދާ ނުރައްކާތެރި މުޒާހަރާތަކާއި ހިންގަމުންދާ ބޮޑެތި ހަމަނުޖެހުންތައް ހުއްޓުވުމަށް މަގުމައްޗަށް އަސްކަރިއްޔާ ނެރުއްވާނެކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަންޕް ދެއްވައިފިއެވެ.

މިދިޔަ މަހުގެ 25ވަނަ ދުވަހު އެމެރިކާގެ މިނިއަޕޮލިސްގައި ކަޅު ނަސްލުގެ މީހެއް ހައްޔަރުކުރުމުގައި ފުލުހުން އަނިޔާވެރިކޮށް ޢަމަލުކުރުމުގެ ސަބަބުން އޭނާ މަރުވުމުން އެ ޤައުމުގެ އެކި ސްޓޭޓުތަކުގެ މަގުމައްޗަށް ޢާންމުން އެއްވެ ކުރަމުންދިޔަ މުޒާހަރާތައްވަނީ ބޮޑެތި ހަމަނުޖެހުންތަކަށް ބަދަލުވެފައެވެ. އުމުރުން 46 އަހަރުގެ ޖޯޖު ފްލޮއިޑު މަރުވެފައިވަނީ އޭނާގެ ކަރުމައްޗަށް ދޮން ނަސްލުގެ ފުލުހެއް 9 މިނެޓުވަންދެން ކަކުލުން އަރާހުރުމުން ނޭވާހާސްވެގެންނެވެ.

އެ ޙާދިޘާގެ ވީޑިއޯ ޢާންމުވުމުން އެމެރިކާގެ އެކި ސްޓޭޓުތަކުގެ މަގުމައްޗަށް ޢާންމުން އެއްވެ އެކަމުގައި ބައިވެރިވި ފުލުހުންނަށް އަދަބު ދިނުމަށާއި ކަޅު ނަސްލުގެ މީހުންނަށް ކުރަމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ މުޒާހަރާތައްދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވެ، ފުލުސް ޢިމަރާތްތަކަށާއި އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއްވަނީ ދީފައެވެ. އަދި ބައެއް ސްޓޭޓުތަކުގައި ލޫޓުވުމާއި ފޭރުމުގެ ޢަމަލުތައް ހިންގާ ގިނަ ޢަދަދެއްގެ ބަޔަކަށްވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓު ހައުސްގެ ރޯސް ގާޑަނުގައި ހުންނަވާ ދެއްވި ތަޤުރީރެއްގައި ރައީސް ޑޮނަލްޑް ޓްރަންޕް ވިދާޅުވީ ޤާނޫނު ނަގަހައްޓަވާ، ޢާންމުންގެ ފުރާނައާއި މުދާ ސަލާމަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އަދި އެ ޤައުމުގެ ސްޓޭޓުތަކުގެ ގަވަރުނަރުން ނެޝަނަލް ގާޑުން ނެރެގެން މުޒާހަރާތައް ނުހުއްޓުވާނަމަ، ފުރިހަމަ ބާރާއި ހަތިޔާރާއެކު މަގުމައްޗަށް އަސްކަރިއްޔާ ނެރުއްވައިގެން ހަމަނުޖެހުންތައް ހުއްޓުވަން އޭނާއަށް މަޖުބޫރުވެވަޑައިގަންނަވާނެކަމަށް ޓްރަންްޕް ވިދާޅުވިއެވެ. އޭނާވަނީ އެކަށީގެންވާ ފިޔަވަޅު އެޅުމުގައި ފަހަތައް ނުޖެހުމަށް ގަވަރުނަރުންނަށް ބާރުއަޅުއްވާފައެވެ.

އެމެރިކާގެ ރައީސް ތަޤްރީރު ދެއްވި ވަގުތު ވައިޓު ހައުސް ކައިރިއަށް ގިނަ ޢަދަދެއްގެ ބަޔަކުވަނީ އެއްވެ މުޒާހަރާކޮށްފައެވެ. ފުލުހުންވަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައިފައެވެ. އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްވަނީ ނެޝަނަލް ގާޑުން ނެރެފައެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަންއާއި އިތުރު 23 ސްޓޭޓެއްގައިވަނީ ކާފިއު އިޢުލާންކޮށް، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނެޝަނަލް ގާޑުން ނެރެފައެވެ. އެމެރިކާގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ 1968ވަނަ އަހަރު ކަޅު ނަސްލުގެ ހައްޤުތަކަށް ވަކާލާތު ކުރެއްވި މާޓިން ލޫތަރ ކިންގް ޖޫނިއަރ މަރާލިފަހުން އެ ޤައުމުގައި ހިންގަމުންދާ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑެތި ހަމަނުޖެހުންތަކެވެ.

މީގެ އިތުރުން، ނުރައްކާތެރި ކޯވިޑް-19ގެ ސަބަބުން އެމެރިކާގައި ލައްކައަކަށްވުރެ ގިނަ މީހުން މަރުވެ، އެ ޤައުމުގެ އިޤްތިޞާދަށްވަނީ ބޮޑެތި ގެއްލުންތަކެއްވެފައެވެ.