ކޯވިޑް-19އަށް ޕޮޒިޓީވްވެ ފަރުވާދެމުން ދަނިކޮށް ނިޔާވި ބަނގުލަދޭޝްމީހާގެ ހަށިގަނޑު ހުޅުމާލެ ސަހަރާގައި ވަޅުލައިފިއެވެ.
ކޯވިޑް-19ގައި މަރުވާ މީހުން ވަޅުލުމަށް ޚާއްސަކޮށްފައިވާ ހުޅުމާލެ ސަހަރާގައި އެމީހާގެ ހަށިގަނޑު ވަޅުލާފައި ވަނީ މިރޭގެ މެންދުމުން އަލިވެ 1:15 ހާއިރުގައެވެ.
މިއީ ރާއްޖެއިން ކޯވިޑް-19ގެ ބަލިމަޑުކަމުގައި މަރުވި 6 ވަނަ މީހާއެވެ.
އުމުރުން 54 އަހަރުގެ ބަނގުލަދޭޝްގެ މި މީހާ މަރުވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
މިހާރުވެސް އެހޮސްޕިޓަލުގައި އިތުރު 12 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.
ރާއްޖެއިން މިހާތަނަށް 6 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، 3 ދިވެހިންނާއި ބަނގުލަދޭޝްގެ 3 މީހުންނެވެ.
މީގެ ތެރޭގައި މަޝްހޫރު ވިޔަފާރި ކުންފުނި އެމްއެޗްއޭގެ ވެރިޔާ، ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތްތެރިޔާ (ނ.ކ.ޝ.ޢ) ޙުސައިން ޢަބްދުﷲ (88 އަހަރު) އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު އާދަމް (83 އަހަރު) ހިމެނެއެވެ. އަދި 80 އަހަރުގެ ދިވެހި ފިރިހެނެއްވެސް މި ބަލީގައި މަރުވެފައިވެއެވެ.
ކޯވިޑް-19 ޖެހިގެން ރާއްޖޭގައި މަރުވި 3 ބިދޭސީންނަކީވެސް ބަންގްލަދޭޝްގެ މީހުންނެވެ.
އެން.އީ.އޯ.ސީން އެންމެފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 1829 މީހުންނެވެ. މީގެ ތެރޭގައި 1239 ބިދޭސީންނާއި 590 ދިވެހިން ހިމެނެއެވެ.