މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަރުޖާނުގެ މަޤާމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަކިކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިއަދުން ފެށިގެން ވަގުތީ ގޮތުން ފުލުހުން ތަރުޖަމާނެއްގެ ގޮތުގައި ހުންނަވާނީ ޗީޕް އިންސެޕެކްޓަރ އޮފް ޕޮލިސް ޔޫނުސް ސަބާހްކަމަށެވެ. އަދި މި ބަދަލާއި އެކު ފުލުހުންގެ މީޑިއާ ސެންޓަރުގެ މީޑިއާ ރިލޭޝަން އޮފިސަރުގެ ހައިސިއްޔަތުން ދުވަހުން ދުވަހަށް މީޑިއާތަކަށް މައުލޫމާތުދެއްވާނީ ޕޮލިސް ޗީޗް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ހަސަންކަމަށެވެ.
ފުލުހުންގެ ތަރުޖަމާނުގެ މަޤާމުން އިޒްމިއާ ވަކިކުރެއްވި ސިދާ ސަބަބެއް އަދި ބަދަލުކުރި ޑިޕާޓްމެންޓެއް ފުލުހުން ހާމައެއް ނުކުރައްވައެވެ. ފުލުހުން ވިދާޅުވީ މީ އާއްމު އުސޫލުން ގެނައި އިދާރީ ބަދަލެއްކަމަށެވެ.
ފުލުހުންގެ އިދާރާއިން ވަނީ އެ އިދާރާގެ ތަރުޖަމާނެއްގެ ގޮތުގައި އިޒްމިއާ ހުންނަވައިގެން ކޮށްދެވި މަސައްކަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިޒްމީއާ ނޫސްވެރިންނާއި ބެހެއްޓި ގާތްކަމާއި ދިން އެއްބާރުލުމުަށް ވެސް ފުލުހުންވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފުލުހުންގެ ތަރުޖަމާނަކަށް އިޒްމިއާ ހަމަޖެއްސެވީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 19 ވަނަދުވަހުއެވެ. އޭނާ އަކީ ފަހުގެ ތާރީހެއްގައި މި މަޤާމަށް ވަަޑއިގެންނެވި ހަމައެކަނި އަންހެން ފުލުހެވެ. ފުލުހުންގެ ތަރުޖަމާނުގެ ގޮތުގައި އިޒްމިއާ ވަނީ ފުުހުންނާއި މީޑިއާތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ.