ޚަބަރު

މިއުޒީޝަން ވާޖިދުގެ މަރާއިއެކު ބޮލީވުޑަށް އަނެއްކާވެސް ކަޅު ދުވަހެއް


ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯރސަރ ވާޖިދު ހާން ކޯވިޑް ބަލީގައި ފަރުވާދެމުންދަނިކޮށް މަރުވެއްޖެއެވެ. ބޮލީވުޑް ހަބަރުތައް ބުނާގޮތުން ސާޖިދު މަރުވީ މުމްބާއީ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
ވާޖިދު ހާން ކޯވިޑްގެ ބަލީގައި އެޑްމިޓްކުރި އިރު އެހެން ބައެއް ސިއްހީ މައްސަލަތައްވެސް ހުރިކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ވާޖިދު ހާން މަރުވިއިރު އޭނާގެ އުމުރަކީ 43 އަހަރެވެ.

ވާޖިދު ހާން އިންޑިއާގެ މިއުޒީކީ ދުނިޔޭގައި މަޝްހޫރުވެފައިިވަނީ ސާޖިދު ވާޖިދު ހާންގެ ގޮތުގައިއެވެ. ސާޖިދަކީ އެނާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. މި ދެބެންނަކީ އިންޑިއާގެ މަޝްހޫރު މިއުޒިކް ޑިރެކްޓަރ އުސްތާދު ޝަރަފަތް އަލީ ހާންގެ ދެ ކުދިންނެވެ. ސާޖިދާއި ވާޖިދު އެންމެ ފުރަތަމަ މިއުޒިކް ހަދާދީފައިވަނީ 1998 ވަނަ އަހަރު ނުކުތް ސަލްމާން ހާންގެ "ޕިޔާރު ކިޔާތޯ ޑަރްނާ ކިޔާ " މި ފިލްމުންނެވެ.

އެއަށް ފަހު ސާޖިދު ވާޖިދު ހާން ވަނީ ސަލްމާން ހާނާއި އެކު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައެވެ. މި ގޮތުން 2002 ވަނަ އަހަރު ނުކުތް " ތުމްކޯ ނާ ބޫލް ޕާއޭންގީ " 2003 ވަނަ އަހަރު ނުކުތް " ތޭރޭ ނާމް " 2004 ވަނަ އަހަރު ނުކުތް " ގަރްވް" ހަމަ އެ އަހަރު ނުކުތް "މުޖްސޭ ޝަދީ ކަރޯންގީ " 2008 ވަނަ އަހަރު ނުކުތް " ހެލޯ" އާއި " ގޯޑް ތުސީ ގްރޭޓް ހޯ" ހިމެނެއެވެ. އަދި އޭގެ އިތުރުން 2009 ވަނަ އަހަރު ނުކުތް " ވޯންޓެޑް" " މޭ އަރު މިސް ކަންނާ" 2010 ވަނަ އަހަރު ނުކުތް "ވީރް" " ދަ ބަންގް " އަދި " ނޯ ޕްރޮބްލަމް" އަށްވެސް މިއުޒިކް ހަދާދީފައިވަނީ ސާޖިދު ވާޖިދުއެވެ.

މީގެއިތުރުން މި ދެބެން ވަނީ އިންޑިއާގެ މަޝްހޫރު ބައެއް ރިއަލިޓީ ޝޯތަކުގެ ޓައިޓަލް މިއުޒިކްވެސް ހަދާދީފައެވެ. މިގޮތުން " ބިގްބޮސް " ސީޒަން 4 އަދި 6 ގެ ޓައިޓަލް މިއުޒިކް ހަދާދީފައިވަނީ މި ސާޖިދު ވާޖިދުއެވެ.

ސާޖިދު ވާޖިދުގެ ލަވަތަކުން އެންމެ ފަހުން ރިލީޒްވި ލަވައަކީ މިދިޔަ ފިތުރު އީދު ދުވަހާއި ދިމާކޮށް ސަލްމާން ހާން އީދު ހަދިޔާއެއްގެ ގޮތުގައި ނެރުނު " ބާއި ބާއި " މި ލަވައެވެ.
ވާޖިދުގެ މަރާއި އެކު ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ.

ސާޖިދު ވާޖިދު އަށް ލިބިފައިވާ އެވޯޑްތަކަށް ބަލާލާއިރު މި ދެބެންވަނީ 2011 ވަނަ އަހަރު އިންޑިއާގައި ދިން ހުރިހާ އެވޯޑަކުން ބެސްޓް މިިއުޒިކް ޑިރެކްޓަރގެ އެވޯޑް އުފުލާލާފައެވެ. މި އެވޯޑް ދެބެންނަށް ލިބިފައިވަނީ ފިލްމް " ދަ ބާންގް " ލަވަތަކުންނެވެ. މި ފިލްމަށް އެއަހަރުގެ ފިލްމެ ފެއަރ އެވޯޑާއި ޒީ ސިނޭ އެވޯޑާއި ގްލިޑް އެވޯޑާއި ސްޓަރ ސްކްރީން އެވޯޑްސްވެސް ވަނީ ލިބިފައެވެ. ސާޖިދު ވާޖިދުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި ބޮލީވުޑްގައި މިހާތަނަށް އެންމެ މަޝްހޫރުވި އައިޓަމް ސޯންގް ތަކުގެ ގޮތުގައި ހިމެނުނު " މުންނީ ބަދުނާމް ހުވާ " އާއި ފެވިކޯލް ސޭ" ހިމެނެއެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑްގެ ނުރައްކާ އިންޑިއާގައި ބޮޑުވެ އެ ޤައުމު ފުރަ ބަންދުގައި ވާއިރު މިއަހަރު މިވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ވަނީ މި ދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. މިދިޔަ އޭޕްރިލްމަހުގެ 29 ވަނަދުވަހު ކުޅަދާނަ އެކްޓަރ އިރްފާން ހާން މަރުވެ އެކަމުގެ ހިތާމަ ބޮލީވުޑް އިން ފިލައިގެން ނުދަނީސް ޖެހިގެން އައި ދުވަހު ވަނީ ހިންދީ ސިނަމާގެ ފުރަތަމަ އާއިލާ ކަޕޫރް ޚާންދާނަށް ނިސްބަތްވާ މަޝްހޫރު އެކްޓަރ ރިޝީ ކަޕޫރްވެސް މަރުވެފައެވެ. މި ދެތަރިންވެސް މަރުވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތާ އެތައް ދުވަހެއް ފަހުންނެވެ.