ޚަބަރު

އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުން އިތުރުވުން، ސްޕެއިންގެ ފުރަބަންދު އިތުރުކުރުން އަދި އަޤްޞާ ހުޅުވުން


މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ މަޝްރަހުން ފާހަގަކުރެވުނު ބައެއް މުހިންމު ޚަބަރުތަކެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އިންޑިޔާގައި ރެކޯޑް މިންވަރަކަށް އިތުރުވުން

ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު އިންޑިޔާގައި ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 8000އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އިންޑިޔާގައި ބަލި ފެތުރޭ މިންވަރު އިތުރުވިނަމަވެސް ބަލިމަޑުކަމާ ދެކޮޅަށް އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޖޫން މަހުގެ 1ވަނަ ދުވަހުން ފެށިގެން މަރުޚަލާތަކަކަށް ބަހާލައިގެން ލުއި ދޭންވަނީ ނިންމާފައެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީވަނީ ފިޔަވަޅުތަކަށް ލުއި ދޭން ފެށުމުން ރައްޔިތުން އިތުރަށް ހުށިޔާރުވެ ތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އަފްޣާނިސްތާނުގައި ބޮމުގެ ޙަމަލާއެއް ދިނުން

އަފްޣާނިސްތާނުގައި ދިން ބޮމުގެ ޙަމަލާއެއްގައި ނޫސްވެރިއަކު މަރުވެއްޖެއެވެ. ޙަމަލާ ދީފައިވަނީ އަފްޣާނިސްތާނުގެ ޓީވީ ސްޓޭޝަނެއްކަމަށްވާ ޚުރުޝިދު ޓީވީގެ 15 މުވައްޒަފުން ގޮވައިގެން ވެރިރަށް ކާބުލްގައި ދަތުރުކުރި ބަހަކަށެވެ. ޙަމަލާގައި ބަސް ދުއްވަން އިން މީހާއާއި ނޫސްވެރިއަކުވަނީ މަރުވެ، އިތުރު ހަތަރު މުވައްޒަފަކަށްވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. ޙަމަލާގެ ޒިންމާ އުފުލާފައިވަނީ އައިއެސް ޖަމާޢަތުންނެވެ.

މަސްޖިލުލް އަޤްޞާ އަލުން ހުޅުވުން

ދެ މަހަށްވުރެ ގިނަ ދުވަސް ވަންދެން ބަންދުކޮށްފައި އޮތުމަށްފަހު މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާ އަލުން ހުޅުވައިފިއެވެ. މާރިޗު 15ވަނަ ދުވަހު ބަންދުކުރި މިސްކިތް އަލުން ހުޅުވަން ނިންމީ ކޯވިޑް-19 ފެތުރޭ މިންވަރު މަދުވެފައިވާތީކަމަށް ފަލަސްޠީނުގެ އިސްލާމިކް ވަޤްފާ ބެހޭ ކައުންސިލުންވަނީ ބުނެފައެވެ. މިސްކިތަށް ވަދެވޭ މީހުންގެ ޢަދަދު މަދުކޮށްފައިނުވިނަމަވެސް މިސްކިތަށް ދާ މީހުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެ ކައުންސިލުންވަނީ އިރުޝާދު ދީފައެވެ. އެގޮތުން، މިސްކިތަށް ދާ މީހުން މާސްކު އެޅުމާއި މިސްކިތުގައި އަމިއްލަ މުޞައްލަ ބޭނުންކުރުމަށްވަނީ އަންގާފައެވެ.

މިޞްރުގެ ސައިނާގައި ވަރުގަދަ ޙަމަލާތަކެއް ބަދަލުކުރުން

މިޞްރުގެ އަސްކަރިއްޔާއިން ސައިނާގެ އުތުރުގެ ސަރަޙައްދުތަކަށް ދިން ޙަމަލާތަކެއްގައި 19 ހަނގުރާމަވެރިން މަރުވެއްޖެއެވެ. މިޞްރުގެ އަސްކަރިއްޔާއިން ބުނީ ބިއްރުލްއަބްދާއި ރަފަޙްއާއި ޝައިޚް ޒުވައިދުގައި ޙަރަކާތްތެރިވަމުންދިޔަ ހަނގުރާމަވެރިންނަށް ޢަމާޒުކޮށް ދިން ވައިގެ ޙަމަލާތަކުގައި މިޞްރު ސިފައިންގެ 5 މީހުންވެސް މަރުވެފައިވާކަމަށެވެ. އެ ސަރަޙައްދުތަކުން ގިނަ ޢަދަދެއްގެ ހަތިޔާރު ހޯދާފައިވާކަމަށްވެސް މިޞްރުގެ އަސްކަރިއްޔާއިން ބުނެއެވެ.

އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމި ނިންމުން ދިފާއުކުރުން

ކޯވިޑް-19އާ ދެކޮޅަށް އިނގިރޭސިވިލާތުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ނިންމި ނިންމުން އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބު ދިފާޢުކުރައްވައިފިއެވެ. އިނގިރޭސިވިލާތުގައި ކޯވިޑް-19 ފެތުރޭ މިންވަރު އެދެވޭ މިންވަރަކަށް ދަށްކުރެވިފައިނުވާކަމަށް ބުނެ ސައިންސުވެރިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުން އަވަސްކަމަށް ބުނެފައެވެ. ރާބު ވިދާޅުވީ އިނގިރޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެނީ ފަރުވާތެރިކަމާއެކުކަމަށާއި ސަރުކާރުން ޢަމަލުކުރަމުންދަނީ ޙާލަތާ އެންމެ އެކަށީގެންވާ ގޮތަށްކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ. ނަމަވެސް ސްކޮޓްލޭންޑުގެ އެންމެ އިސް ވަޒީރު ނިކޮލާ ސްޓާޖަންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުން އަވަސްކަމަށް ސައިންސުވެރިން ބުނާ ބުނުމަށް ތާޢީދުކުރައްވާ ފުރަބަންދު އުވާލުމުގައި ވަރަށް ސަމާލުވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

ސްޕެއިންގެ ފުރަބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރުން

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ސްޕެއިންގައި އިޢުލާނުކޮށްފައިވާ ފުރަބަންދު މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ. ސްޕެއިނުގެ ބޮޑުވަޒީރު ޕެދްރޯ ސަންޗެޒް ވިދާޅުވީ ސްޕެއިންގައި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އިތުރު 15 ދުވަހުގެ މުއްދަތެއް ބޭނުންވާކަމަށާއި ޖޫން މަހުގެ 21ވަނަ ދުވަހާ ހަމައަށް އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދު އިތުރުކުރަން ނިންމާފައިވާކަމަށެވެ. އަދި އެ ނިންމުމަށް ޤާނޫނުހަދާ މަޖިލީހުގެ ރުހުން ހޯދަން ހުށަހަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ސްޕެއިނުގައި އިޢުލާނުކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުވެސް ޖޫން މަހުގެ 21ވަނަ ދުވަހު ނިމުމަކަށް އަންނާނެއެވެ.

ޖޯޖު ފްލޮއިޑުގެ މަރާ ގުޅިގެން ލަންޑަނާއި ބަރލިންގައި މުޒާހަރާކުރުން

އެމެރިކާގެ މިނިއެޕޮލިސްގައި ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޯޖު ފްލޮއިޑު ހައްޔަރުކުރުމުގައި ފުލުހުން އޭނާއަށް އަނިޔާވެރިވެރިކޮށް ޢަމަލުކުރުމުގެ ސަބަބުން މަރުވުމުން އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނާއި ޖަރުމަނުވިލާތުގެ ވެރިރަށް ބަރލިންގައި މުޒާހަރާކޮށްފިއެވެ. ޖޯޖު ފްލޮއިޑް މަރުވުމުން އެމެރިކާގައި ފާއިތުވި 4 ދުވަހުވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައިފައެވެ. ލަންޑަނާއި ބަރލިންގައި މުޒާހަރާކުރި މީހުންވަނީ އެމެރިކާގެ އެންބަސީ ދޮށަށް އެއްވެ ނުރުހުން ފާޅުކޮށް ޖޯޖު ފްލޮއިޑަށް އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

ޖީ7ގެ ބައްދަލުވުން ލަސްކޮށް އިތުރު ޤައުމުތަކަށް ދަޢުވަތު ދެނީ

އަންނަ މަހު ބޭއްވުމަށް މަސައްކަތްކުރަމުންދިޔަ ޖީ7ގެ ބައްދަލުވުން ސެޕްޓެންބަރު މަހަށް ނުވަތަ އޭގެ ފަހަށް ފަސްކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ނިންމަވައިފިއެވެ. ޖީ7ގެ ޤައުމުތަކުގެ އިތުރުން އޮސްޓްރޭލިޔާއާއި ރަޝިޔާއާއި ދެކުނު ކޮރެޔާއާއި އިންޑިޔާ ހިމެނޭގޮތަށް ބައްދަލުވުމުގައި ބައިވެރިވުމަށް ދަޢުވަތުދޭ ޤައުމުތައް އިތުރުކުރަން ވިސްނަވާކަމަށް ޓްރަންޕްވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޖީ7ގެ ޤައުމުތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ޤައުމުތަކުގެ ލިސްޓަކީ ގިނަ އަހަރުތަކެއްވެފައިވާ ލިސްޓެއްކަމަށާއި ބައްދަލުވުން ފަސްކުރައްވަން ނިންމެވީ ދުނިޔޭގައި ހިނގަމުންދާ ކަންކަން އެދެވޭ ގޮތަކަށް ތަމްޞީލުކުރެވޭނެކަމަށް ޤަބޫލުނުކުރައްވާތީކަމަށެވެ.

ކޯވިޑް-19 ޖެހިގެން މެދު އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 50،000އަށްވުރެ އިތުރުވުން

ކޯވިޑް-19 ޖެހިގެން މެދު އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 50،000އަށްވުރެ އިތުރުވެ، ބަލިޖެހިފައިވާ މީހުންގެ ޢަދަދު 1 މިލިއަނާ ގާތްކޮށްފިއެވެ. މެދު އެމެރިކާގެ ޤައުމުތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ބަލި ފެތުރެމުންދާ ބްރެޒިލްގައި ބަލީގެ ސަބަބުން މަރުވި މީހުންގެ ޢަދަދުވަނީ ފަރަންސޭސިވިލާތަށްވުރެ އިތުރުވެ، ބަލިމަޑުކަމުގައި ހަތަރުވަނައަށް އެންމެ ގިނަ މީހުން މަރުވި ޤައުމުގެ ގޮތުގައި ފާހަގަކުރެވިފައެވެ. ބްރެޒިލްގައި ބަލިޖެހިފައިވާ މީހުންގެ ރަސްމީ ޢަދަދު 500،000އަށް އެރިނަމަވެސް އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ އަސްލު ޢަދަދު އެއަށްވުރެ 15 ގުނަ އިތުރުވުން އެކަށީގެންވާކަމަށް އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.