ވިޔަފާރި

ބަނދަރު ތޮއްޖެހިފައިވާތީ އަވަހަށް މުދާ ނެރެގެން ގެންދިޔުމަށް އެމްޕީއެލުން އެދިއްޖެ


މުދަލާއެކު ގިނަ ކޮންޓެއިނަރތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ހުރުމުން، ބަނދަރު ތޮއްޖެހި މުދާ ކުލިއާ ކުރުމުގެ މަސައްކަތްތައް ދަތިވަމުންދާތީ ކޮންޓެއިނަރތައް އަވަހަށް ކުލިއަރކޮށް ދިނުމަށް އެމްޕީއެލުން އެދިއްޖެއެވެ.

މާލެ ފުރަބަންދަކަށް ދިޔުމާއި ގުޅިގެން އެމްޕީއެލުންވަނީ ސްޓޯރޭޖް ފީ ނެގުން ހުއްޓާލާފައެވެ. އެހެން ނަމަވެސް ބަނދަރުގައި ހުރި ކޮންޓެއިނަރތަކަށް 10 ޖޫންގެ ފަހުން ސްޓޯރޭޖް ފީ ނެގުމަށް ހަމަޖެހިފައިވާކަމަށް އެމްޕީއެމްއެލުން ބުނެއެވެ.

އެމްޕީއެލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެކުންފުނީގެ ސީ.އީ.އޯ ޝާހިދު ޢަލީ ވިދާޅުވީ ބަނދަރު ތޮއްޖެހިފައިވުމުގެ ސަބަބުން މުދާ ހިފައިގެން އަންނަ އިތުރު ބޯޓުތަކުން މުދާބާލައި ބަހައްޓާނެ ޖާގަ ނެތި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައި ބޯޓު ފަހަރުން ކޮންޓެއިނަރ ބޭލުމުގައި ދަތިތަކާ ކުރިމަތިވަމުންދާކަމަށެވެ.

" އެމްޕީއެލުން އެބަދެން ޖޫންމަހުގެ 11ވަނަ ދުވަހުގެ ކުރިން ސްޓޯރެޖް ފީ ނުދައްކާ މުދާ ކިލިއަރ ކުރުމުގެ ފުރުސަތު، އެ މުއްދަތުގެ ފަހުން އަލުން ސްޓޯރޭޖް ފީ ނަގަން ފަށާނަން، " ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދު 15 އޭޕްރީލްއިން ފެށިގެން ފުރަބަންދު ކޮށްފައިވާތީ، މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލޭ ޓާރމިނަލްގައި ކުލިއަރ ނުކޮށް މުދާ އެބަހުރިކަމަށެވެ. އަދި މުދާ އެތެރެކުރާ ގިނަ ފަރާތްތަކުން މުދާ ކްލިއަރ ކުރުމަށް އިސްކަން ދެއްވާފައި ނުވުމުގެ ސަބަބުން، މުދަލާއެކު ގިނަ ކޮންޓެއިނަރތަކެއް މާލޭ ވިޔަފާރި ބަނދަރުގައި ބަހައްޓަން ޖެހި ބަނދަރު ތޮއްޖެހިފައިވާކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ.

ރަމަޟާންމަސް ނިމިފައިވާތީ ބަނދަރުގެ އޮޕަރޭޝަން ގަޑިތައް މިހާރުވަނީ އިތުރުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ ފުރަބަންދަށް ލުއިތަކެއް ދީފައިވުމުން މުދާ ނެރޭ ފަރާތްތަކަށް ފަސޭހަކަމާއިއެކު މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށް އެމްޕީއެލުން ހާމަކުރެއެވެ.

އަދި މިހާރު ކްލިއަރ ނުކޮށް ބަނދަރުގައި ހުރި ކޮންޓެއިނަރތަކަށް 10 ޖޫންގެ ފަހުން ސްޓޯރޭޖް ފީ ނެގުމަށް ހަމަޖެހިފައިވަނީ ސްޓޯރޭޖް ފީ ނަގާއިރު ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒް ކާރގޯގެ ސްޓޯރޭޖް ފީ އިން %20 މާފްކުރަން އެމްޕީއެލުން ކުރިން ނިންމާފައިވާ ނިންމުމާ އެއްގޮތަށް %20 މާފް ކޮށްދޭ ގޮތަށެވެ.

އަދި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންޓެއިނަރައިޒްޑް ކާގޯގެ ފްރީސްޓޯރޭޖްގެ ގޮތުގައި ހަމަޖައްސާފައިވާ 12 ދުވަސް (ބަނދަރު ބަންދުދުވަސްތައް ނުހިމަނާ) ފްރީ ސްޓޯރޭޖްގެ ގޮތުގައި އަދިވެސް ލިބޭނެއެވެ.