ޚަބަރު

ކެންސަރު ބަލީގައި ނިޔާވި މީހާ ނިޔާވީ ފަރުވާގެ ކަންކަން ކުރިއަށް ދަނިކޮށް - އައިޖީއެމްއެޗް


ކެންސަރު ބަލީގައި އައިޖީއެމްއެޗްގައި ނިޔާވި މީހާ ނިޔާވީ ފަރުވާގެ ކަންކަން ކުރިއަށް ދަނިކޮށް ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ. އައިޖީއެމްއެޗުން މިކަން ހާމަކޮށްފައިވަނީ ކެންސަރު ބަލީގެ މީހަކު ފަރުވާ ނުލިބި އެހޮސްޕިޓަލުގައި ނިޔާވެއްޖެ ކަމަށް ސޯޝަލް މީޑިއާގައާއި ބައެއް މީޑިއާތަކުގައި ފެތުރިފައިވަނިކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި، ބަލިމީހާގެ ހާލަތު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދިން ކަމަށާއި ނިޔާވީ ފަރުވާއެއް ނުލިބި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮންނަތާ 6 ދުވަސްފަހުން ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވަނީ ޙަޤީޤަތާއި ޚިލާފަށް ކަމަށް ހާމަކޮށްފައިވެއެވެ.

ހޮސްޕިޓަލުގެ ބަޔާނުގައިވާ ގޮތުން ނިޔާވި ބަލިމީހާ އައިޖީއެމްއެޗަށް އެންމެ ފުރަތަމަ ދައްކާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. ފުވައްމުލަކު ހޮސްޕިޓަލުން މިކޭސް އައިޖީއެމްއެޗަށް ރިފަރކޮށްފައިވަނީ އެޑްވާންސްޑް ކެންސަރ ކަމަށް ދެނެގަނެ، ސީރިއަސް ކޭސްއެއްގެ ގޮތުގައި ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފައިވެއެވެ. ކޯވިޑް-19 އާއި ގުޅިގެން އައިޖީއެމްއެޗުން އާއްމުކޮށްދޭ ގިނަ ޚިދުމަތްތަކެއް މިވަގުތު ހުއްޓާލާފައިވީނަމަވެސް ލަސްނުކޮށް ބަލިމީހާގެ ސީޓި ސްކޭން ހެދި ކަމަށާއި، ބަލިމީހާގެ ހަށިގަނޑަށް ކެންސަރު ފެތުރިފައިވާ މިންވަރާއި މިފަދަ މިންވަރަކަށް ކެންސަރު ފެތުރިފައިވާނަމަ ދެން ދިމާވެދާނެ ކަންކަންވެސް އާއިލާއަށް ކިޔައިދީފައިވާނެ ކަމަށް ހޮސްޕިޓަލުގެ ބަޔާނުގައިވެއެވެ.

މިމީހާ ނިޔާވެފައިވަނީ ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ދެދުވަސް ފަހުން މިމަހުގެ 29 ވަނަ ދުވަހުއެވެ.

މިފަދަ ނާޒުކު މައްސަލަތަކުގައި ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް، އަދި ހޮސްޕިޓަލުގެ ބަހެއް ލިބުމުގެ ކުރިން ޚަބަރު ފެތުރުމަކީ ހޮސްޕިޓަލުން ހިތާމަކުރާ ކަމެއް ކަމަށްވެސް މިބަޔާނުގައިވެއެވެ. ނަމަވެސް މިފަދަ މައްސަލަތައް ރިވިއުކޮށް އިޞްލާޙުކުރަންޖެހޭ ނުވަތަ ހޮސްޕިޓަލުން މިހާރު ޢަމަލުކުރަމުންދާ ގޮތަށްވުރެ ރަނގަޅަށް ކުރެވިދާނެ ކަމެއް އޮތްތޯ ބަލައި ބަދަލެއް ގެންނަންޖެހޭ ކަމެއް އޮތްނަމަ އެފަދަ ބަދަލުތައް އަބަދުވެސް ގެންނަމުންދާކަމުގެ ފުރިހަމަ ޔަޤީންކަން އެހޮސްޕިޓަލުންވަނީ ރައްޔިތުންނަށް ދީފައެވެ.

ހޮސްޕިޓަލުން ފަރުވާ ދެމުންދާ ބަލިމީހަކު ނިޔާވުމަކީ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެން މުވައްޒަފުންނަށްވެސް ބޮޑު ހިތާމައެއް ކުރިމަތިވާ ކަމެއް ކަމަށާއި އާއިލާގެ މިހިތާމައިގައި ހޮސްޕިޓަލުން ބައިވެރިވާކަން މިބަޔާނުގައިވަނީ ހާމަކުރައްވާފައެވެ.