މިދިޔަ އަހަރުގެ އޭލެވެލް އިމްތިޙާންގެ ސެޓްފިކެޓްތައް ރާއްޖެ ގެނެސްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ އޭލެވެލް ސެޓްފިކެޓްތައް ރާއްޖެ ލިބުމާ ގުޅިގެން އެ ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން އޭލެވެލް އިމްތިހާނުގެ ސެޓްފިކެޓްތަކާއި އެސްއެސްސީ އިމްތިހާނުގެ ސެޓްފިކެޓްތައް އެއްކޮން އަންނަ އާދިއްތަ ދުވަހުން ފެށިގެން ސެންޓަރުތަކަށް ފޮނުވަން ފަށާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
ސެންޓަރުތަކަށް ސެޓްފިކެޓްތައް ފޮނުވި ނަމަވެސް އެރަށަކީ މޮނިޓަރިންގެ ހާލަތުގައިވާ ރަށެއް ނަމަ ނުވަތަ ލޮކްޑައުންކޮށްފައިވާ ރަށެއްނަމަ މީގެ ކުރީ އަހަރުތަކުގައި ދަރިވަރުންނަށް ސެޓްފިކެޓްތައް ދޫކުރި އުސޫލުން ދޫނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ރަށްރަށުގައި ސެންޓަރުތަކަށް ކޮންމެ ދަރިވަރަކުގޮސް ސެޓްފިކެޓް ނެގުމުގެ ބަދަލުގައި މި ހާލަތުގައި އަމަލުކުރާނެ ޚާއްސަ އުސޫލެއް އާއްމު ކުރާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ސެޓްފިކެޓްތައް، ދަތުރުފަތުރުގެ ދަތިކަމާހުރެ އަދިވެސް ރާއްޖެ ލިބިފައިނުވާ ކަމަށާއި، ނަމަވެސް އެ ސެޓްފިކެޓްތައްވެސް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޭލެވެލް އަދި އޯލެވެލް އިމްތިޙާންގެ ސެޓްފިކެޓްތައް ރާއްޖެ ނުގެވި ލަސްވީ ސެޓްފިކެޓްތައް ނިމި ގައުމުތަކަށް ފޮނުވުމާއި ހަމައަށް އައިއިރު ކޯވިޑް-19ގެ ސަބަބުން އިނގިރޭސިވިލާތް ހިމެނޭހެން ގިނަ ޤައުމުތަކުގެ އެއާރޕޯޓްތައް ބަންދުކޮށްފައިވުމާއި ޤައުމުތައް ފުރަބަންދަށް ދިއުމުގެސަބަބުން ދިމާވި ގޮންޖެހުންތަކުގެ ސަބަބުނެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 5000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ. އަދި އޭލްވެލް އިމްތިހާންގައި 3000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.