ޚަބަރު

ސަރަޙައްދީ ރޮނގުތައް ހުޅުވުމުގައި އިޓަލީވިލާތް ބާކީކުރާތީ ހިތްހަމަނުޖެހުން


އިޓަލީވިލާތަކީ ޖުޒާމް ބަލި ފެތުރިފައިވާ ޤައުމެއްގެ ގޮތުގައި ނުދެކުމަށް އެ ޤައުމުގެ ޚާރިޖީ ވަޒީރު ލުއިޖީ ޑީ މައިއޯ ވިދާޅުވެއްޖެއެވެ.

ލުއިޖީ އެހެން ވިދާޅުވީ ވިލާތުގެ އިއްތިހާދަށް ނިސްބަތްވާ ބައެއް ޤައުމުތަކުގައި ކޯވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތައް އުވާލައި ސަރަޙައްދީ ރޮނގުތައް އަލުން ހުޅުވާލިއިރު އިޓަލީވިލާތާއެކު ޙިއްޞާކުރާ ސަރަޙައްދީ ރޮނގުތައް ހުޅުވާފައިނުވާތީއެވެ. ވަކި ޤައުމެއްގެ ނަން އޭނާ ފާހަގަކުރައްވާފައި ނުވާ ނަމަވެސް އޭނާ އެހެން ވިދާޅުވެފައިވަނީ ކޯވިޑް-19 ހަލުވިކަމާއެކު ފެތުރުނު ވިލާތުގެ ޤައުމުތައް ނުހިމެނޭގޮތަށް ގްރީސުން 29 ޤައުމަކަށް އެ ޤައުމުގެ ސަރަޙައްދީ ރޮނގު ހުޅުވާލަން ނިންމާފައިވަނިކޮށެވެ.

އިޓަލީވިލާތުގެގެ ސަރަޙައްދީ ރޮނގުތައް ޖޫން 3ގައި ހުޅުވުމަށްވަނީ ހަމަޖެހިފައެވެ. ލުއިޖީ ވިދާޅުވީ އިޓަލީވިލާތަށް ކުރިއަށްއޮތް ހޫނު މޫސުމުގައި ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިންނަށް ހޫނު މަރުޙަބާއެއް ކިޔާނެކަމަށާއި އިޓަލީވިލާތަކީ ގައިންގަޔަށްއަރާ ޖުޒާމް ބަލި ފަދަ ބައްޔެއް ފެތުރޭ ޤައުމެއްގެ ގޮތުގައި އެހެން ޤައުމުތައް ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.