ދުނިޔެ

ސްޕޭސް އެކްސްއާއި ނާސާއަށް ތާރީޙީ ދުވަހެއް


އިއްޔެއަކީ އެމެރިކާގެ ޖައްވީ ކަންތައްތަކާބެހޭ އިދާރާ، ނާސާއާއި އެމެރިކާގެ މަހުޖަނު އީލޯން މަސްކަށް ތާރީޙީ ދުވަހަކެވެ. އިލޯން މަސްކުގެ ސްޕޭސް އެކްސް ކުންފުނީގެ "ފެލްކަން 9" ރޮކެޓުގައި ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އެމެރިކާގެ 2 އެސްޓްރޮނޯޓަކު ފޮނުވާލުން ވެގެންދިޔައީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ކަމަކަށެވެ.

އެމެރިކާގެ 2 އެސްޓްރޮނޯޓުންކަމަށްވާ ޑަގް ހާލީއާއި ބޮބް ބެންކެން ގޮވައިގެން ދަތުރުކުރި ފެލްކަން 9 ރޮކެޓް ކެނެޑީގެ ސްޕޭސް ސެންޓަރުން އުދުއްސާލީ އިއްޔެ އެމެރިކާ ގަޑިން ހަވީރު 3:22 ގައެވެ. އުދުއްސާލިތާ މަދު މިނެޓްކޮޅެއްގެ ތެރޭގައި އޮސްޓްރޮނޯޓުން ތިބި ކެޕްސޫލް ޖައްވަށް ގޮސްގޮސްދިން "ބޫސްޓަރ ރޮކެޓް" ވަނީ ރައްކާތެރިކަމާއެކު ބިމަށް ތިރިކޮށްފައެވެ. އެސްޓްރޮނޯޓުންނަށް އައިއެސްއެސްއަށް ދެވޭނީ ކެޕްސުލްގައި 19 ގަޑިއިރުގެ ދަތުރެއްކުރުމަށްފަހުއެވެ. މި ދެ އެސްޓްރޮނޯޓުން އަނބުރާ ދުނިޔެއަށް އަންނާނީ ދުވަސްކޮޅަކު އައިއެސްއެސްގައި މަސައްކަތްކުރުމަށްފަހުއެވެ.

ފުރަތަމަ ކަމަކަށް މިއީ 2011 ވަނަ އަހަރުގެ ފަހުން އެމެރިކާގެ އެސްޓްރޮނޯޓުން އެމެރިކާ ބިމުން ޖައްވަށް ދަތުރުފެށި ފުރަތަމަ ފަހަރެވެ. 2011 ވަނަ އަހަރަށްފަހު އެސްޓްރޮނޯޓުން ޖައްވަށް ގެންދާ އެމެރިކާގެ ސްޕޭސް ޝަޓްލް ފްލައިޓްތައް ހުއްޓާލުމާއެކު، މިހާތަނަށް އެމެރިކާގެ އެސްޓްރޮނޯޓުން ޖައްވަށް ދަތުރުކުރީ ރަޝީޔާގެ ސޯޔޫޒް އުޅަނދުގައެވެ. މިކަމަށް އެމެރިކާއިން އެތައް ބިލިއަން ޑޮލަރެއް ރަޝިޔާއަށް ދޭންޖެހެއެވެ. އެހެންކަމުން 9 އަހަރަށްފަހު އެމެރިކާގެ އެސްޓްރޮނޯޓުން އެޤައުމުގެ ބިމުން ޖައްވަށް ފޮނުވާލުން ވެގެންގޮސްފައިވަނީ އެޤައުމަށް ތާރީޙީ ކަމަކަށެވެ.

އަނެއްކޮޅުން މިއީ އަމިއްލަ ކުންފުންޏަކުން ތައްޔާރުކޮށް، އޮޕަރޭޓްކުރާ ރޮކެޓެއްގައި އެމެރިކާގެ އެސްޓްރޮނޯޓުން ޖައްވަށް ފޮނުވި ފުރަތަމަ ފަހަރެވެ. މީގެކުރިން އެމެރިކާގައި މިމަސައްކަތް ކުރަނީ ނާސާގެ އުޅަނދުތަކުގައި، ނާސާއިން އެކަންޏެވެ. އެހެންކަމުން މިއީ އެމެރިކާގެ ބިލިއަނަރު އީލޯން މަސްކަށް ކާމިޔާބީއެކެވެ. އަދި 2002 ވަނަ އަހަރު ޖައްވީ މަސައްކަތް ފަސޭޙަކޮށް، ޒަމާނީކުރުމަށް އޭނާ އުފެއްދި ސްޕޭސް އެކްސް ކުންފުނިން ހޯދި ބޮޑު ކުރިއެރުމެކެވެ.

އަމިއްލަ ކުންފުނިތަކުން ޖައްވަށް މީހުންގެ ގެންދިއުމުގެ މަސައްކަތް ފަށާފައިވާއިރު، އިތުރު ކުންފުނިތަކުންވެސް ދަނީ އެމަސައްކަތަށް އިންވެސްޓްކުރަމުންނެވެ. މިގޮތުން ބޮއިންގ ކުންފުނިން ދަނީ އަމިއްލަ ލޯންޗު ސިސްޓަމަކާއި އުޅަނދެއް ތަރައްޤީކުރަމުންނެވެ. މިގޮތުން ބޮއިންގ ކުންފުނީގެ "ސީ.އެސް.ޓީ ސްޓަރލައިނަރ" އުޅަނދުގައި އަންނަ އަހަރު އޮސްޓްރޮނޯޓުން ޖައްވަށް ގެންދިއުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މިމަސައްކަތަށްވެސް އެތައް ބިލިއަން ޑޮލަރެއް ވަނީ ޚަރަދުކޮށްފައެވެ.