ޚަބަރު

މެދުކެނޑުމަކަށްފަހު ހޮންގުކޮންގުގައި އަލުން މުޒާހަރާކުރަން ފަށައިފި


ހޮންގުކޮންގުގައި ޗައިނާއިން ޤައުމީ ސަލާމަތާބެހޭ ޤާނޫނުތައް ތަންފީޒުކުރުމަށް ރާވަމުންދާތީއާއި ޗައިނާގެ ޤައުމީ ސަލާމަށް ބޭއިޚްތިރާމްކުރުމަކީ ކުށެއްކަމަށް ކަނޑައަޅަން ހުށަހަޅާފައިވާތީ ހޮންގުކޮންގުގެ ގިނަ ޢަދަދެއްގެ މީހުން އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފިއެވެ.

ހޮންގްކޮންގަކީ ޗައިނާގެ ބައެއްނަމަވެސް ހޮންގްކޮންގުގައި އޮންނަނީ ވަކި ސަރުކާރެކެވެ. ހޮންގްކޮންގަށް އިތުރު މިނިވަންކަން ދިނުމަށް ގޮވާލާ މިދިޔަ އަހަރުން ފެށިގެން އެ ޤައުމުގައި ދަނީ ގިނަ މުޒާހަރާތަކެއް ކުރަމުންނެވެ. ނަމަވެސް ކޯވިޑް-19 ފެތުރެން ފެށުމުން އެ މުޒާހަރާތައްވަނީ ހުއްޓުމަކަށް އައިސްފައެވެ. ޗައިނާގެ އައު ހުށަހެޅުންތަކާއެކު މުޒާހަރާތައް އަލުން ފެށި، އެތައް ހާސް ބަޔަކުވަނީ މަގުތަކަށް އެއްވެ ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައެވެ. އެއްވުންތައް ރޫޅާލުމަށް ހޮންގުކޮންގުގެ ފުލުހުންވަނީ ކަރުނަ ގޭސް ބޭނުންކޮށް، 180އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

ހޮންގްކޮންގުގެ އެކްޓިވިސްޓުން ބުނާ ގޮތުގައި ޗައިނާއިން ތަޢާރަފްކުރަން މަސައްކަތްކުރާ އައު ޤާނޫނުތަކުގެ ސަބަބުން ހޮންގް ކޮންގުގެ މިނިވަންކަމަށް ހުރަސްއެޅޭނެކަމަށާއި އެއް ޤައުމެއްގެ ގޮތުގައި އޮތްނަމަވެސް ޗައިނާއާ ދެ ސަރުކާރެއްގެ ދަށުން ހޮންހުކޮންގު ހިނގުމަށް ހުރަސްއެޅޭނެކަމަށެވެ. ޗައިނާއިން ހުށަހަޅާފައިވާ އައު ޤާނޫނުތަކަށް ޚާރިޖީ ފަރާތްތަކުންނާއި ވިޔަފާރިތަކުންނާއި އިންވެސްޓަރުންވެސްވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުވަނީ ޗައިނާގެ ހުށަހެޅުންތަކާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ޗައިނާއިން ތަންފީޒުކުރަން އުޅޭ ޤާނޫނުތަކާމެދު އެމެރިކާއިން އަޅާނެ ފިޔަވަޅެއް މި ހަފުތާގެ ތެރޭގައި ނިންމަވާނެކަމަށް ވިދާޅުވެފައެވެ