ޚަބަރު

ޖަރުމަނުވިލާތުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭނެ ތާރީޚު އަވަސްކުރަނީ


ކޯވިޑް-19 ފެތުރޭތީ ޖަރުމަނުވިލާތުގައި އަޅާފައިވާ އިޖުތިމާޢީ ގައިދުކުރުމުގެ ފިޔަވަޅުތަކަށް ޖޫން މަހުގެ 29ވަނަ ދުވަހުން ފެށިގެން ލުއި ދޭން ނިންމާފައިވާކަމަށް އެ ޤައުމުގެ ބައެއް ނޫސްތަކުން ބުނެފިއެވެ. އެއީ އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން ސަރުކާރުން ކުރިން ނިންމާފައިވާ ތާރީޚަށްވުރެ އެއް ހަފުތާ އަވަސް ތާރީޚެކެވެ.

ޖަރުމަނުވިލާތުގައި 180،808 މީހުންނަށް ކޯވިޑް-19 ޖެހި 8،432 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދާ އަޅާބަލާއިރު ބަލީގައި މަރުވި މީހުންގެ ޢަދަދު ނިސްބަތުން ވިލާތުގެ އެހެން ޤައުމުތަކަށްވުރެ ދަށެވެ.

ޖަރުމަނުވިލާތުގެ ސްޓޭޓުތަކުގެ އިސްވެރިންދަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭނެ ގޮތެއް ޗާންސެލަރު އެންގެލާ މާކެލްއާއެކު މަޝްވަރާކުރަމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެ ޤައުމަށް ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމާއެކު ޢާންމުންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތެއް ސަރުކާރުންދަނީ ރާވަމުންނެވެ.

ޗާންސެލަރ މާކެލްވަނީ ޖަރުމަނުވިލާތުގައި ދެވަނަ ފަހަރަށް ކޯވިޑް-19 ފެތުރިދާނެކަމަށް ވިދާޅުވެ ފިޔަވަޅުތައް އުވާލުމުގައި ސަމާލުވާންޖެހޭނެކަމަށް ފާހަގަކުރައްވާފައެވެ. ނަމަވެސް ސްޓޭޓުތަކުގެ އިސްވެރިންގެ ބާރުއެޅުމާއެކު އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމުގެ ފިޔަވަޅުތައް އުވާލާ ތާރީޚު ޖުލައި 5ން ޖޫން 29އަށް އަވަސްކުރަން މާކެލްވަނީ އެއްބަސްވެވަޑައިގެންފައިވާކަމަށް ބައެއް ނޫސްތަކުން ބުނެއެވެ.

ޖަރުމަންވިލާތުގެ ނޫސްތަކުންވަނީ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން ސަރުކާރުން ތައްޔާރުކޮށްފައިވާ ކަރުދާހަކަށް އަލިއަޅުވާލާފައެވެ. އެ ކަރުދާހަކީ ސްޓޭޓުތަކުން އަދި ރުހުން ދީފައިވާ ކަރުދާހެއް ނޫނެވެ. އެ ކަރުދާހުގައިވާގޮތުން ޢާންމު ތަންތަނުގައި އެއްވެ އުޅެވޭނީ ގިނަވެގެން 10 މީހުންނަށް ނުވަތަ ދެ ގޭބިސީއެއްގައި ދިރިއުޅޭ މީހުންނަށެވެ. މީހުންގެ ގޭގެއަށް ޒިޔާރަތްކުރެވޭ މީހުންގެ ޢަދަދަކަށް ހުރަހެއް ނެތެވެ. ނަމަވެސް މީހުން އެއްވެ ތިބުމަށް އެކަށީގެންވާ ޖާގައެއް ހުރުމުގެ އިތުރުން ސާފު ވައި ލިބެންޖެހޭނެއެވެ. އޭގެ އިތުރުން ވިލާތުގެ 31 ޤައުމަކަށް ދަތުރުކުރުމުގައި ސަމާލުވާން އަންގާފައިވާ އެނގުން ޖޫން 15ވަނަ ދުވަހުން ފެށިގެން އުވާލުމަށްވެސް އެ ކަރުދާހުގައި ހުށަހަޅާފައިވެއެވެ. އެ ޤައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އައިސްލޭންޑާއި ނޯވޭއާއި ސްވިޓްޒަލޭންޑު ހިމެނެއެވެ.