ކޯވިޑް-19 ފެތުރޭތީ ޖަޕާނުގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައިފިއެވެ.
ޖަޕާނުގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތަށް އޭޕްރިލް މަހުގެ 16ވަނަ ދުވަހުވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައެވެ. ބަލި ފެތުރޭ މިންވަރު ދަށްވާން ފެށުމުން މެއި މަހުގެ 14ވަނަ ދުވަހު ގިނަ ސަރަޙައްދުތަކުންވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައެވެ. ނަމަވެސް ޖަޕާނުގެ ވެރިރަށް ޓޮކްޔޯއާއި އިތުރު 4 ސަރަޙައްދަކުން ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާފައެއް ނުވެއެވެ.
ކޯވިޑް-19 ފެތުރޭ މިންވަރު ވަރަށް ބޮޑަށް ދަށްކުރެވިފައިވާކަމަށް ވިދާޅުވެ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭވަނީ އެ ޤައުމުގެ ސަރަޙައްދުތަކުން ކުއްލި ނުރައްކަލުގެ ޙާލަތު އުވާލައްވާފައެވެ. އެ ޤައުމުގައި 16،600 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެ ޤައުމުގައި ކޯވިޑް-19ގެ ސަބަބުން މަރުވެފައިވަނީ 830 މީހުންނެވެ. އެއީ ކާމިޔާބީއެއްކަމަށް ޖަޕާނުގެ ސަރުކާރުން ދެކެއެވެ. ނަމަވެސް އެދެވޭ މިންވަރަށް ބައްޔަށް ތަހުލީލުކޮށްފައިނުވާކަމުގެ ތުހުމަތު އެ ޤައުމަށްވަނީ އަމާޒުވެފައެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ގިނަ ޢަދަދެއްގެ މީހުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގެއިން ބޭރަށް ނުކުމެ މަސައްކަތަށް އަނބުރާ ގޮސްފައެވެ. ބައެއް މީހުން ބުނީ އެމީހުން ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ މިންވަރު ކުރިއަށްވުރެ އިތުރުކަމަށް ފާހަގަކޮށްފައެވެ. އަދި އެކަމާމެދު ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދެވަނަ ފަހަރަށް ބަލިމަޑުކަން ފެތުރުމުގެ ފުރުޞަތު އޮތްކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި ދެމިތިބުމަށް ޓޮކްޔޯގެ ގަވަރުނަރު ޔުރިކޯ ކޮއިކޭވަނީ ޢާންމުންނަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ. އަދި ވެކްސިނެއް ހޯދެންދެން އައު ޢާންމު ޙާލަތެއްގައި ދިރިއުޅެން ދަސްކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އައު ޢާންމުގެ ޙާލަތުގެ އުޞޫލުތަކުގެ ދަށުން އަންނަ ހަފުތާގެ ތެރޭގައި ޖަޕާނުގެ މަދަރުސާތައް އަލުން ހުޅުވަންވަނީ ހަމަޖެހިފައެވެ. ގިނަ ވިޔަފާރިތަކުން ބުނީ އެ ތަންތަނުގެ މުވައްޒަފުން ވީހާވެސް ބޮޑަށް ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު ދޭނެކަމަށެވެ.
ބޭންކް އޮފް ޖަޕާނުގެ ގަވަރުނަރު ހަރުހިކޯ ކުރަދޯ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގެ މަސައްކަތްތެރިކަމުގެ ދާއިރާތަކަށާއި މީހުންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭކަމަށެވެ. އަދި ބަލި ފެތުރުމުގެ ކުރިން ޤައުމު އޮތް ޙާލަތަށް އަލުން ރުޖޫޢަވުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.